20 Dec 2011, 10:19
އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީ ފިހާރަތަކުގައި ރަލާއި ސިނގިރޭޓްގެ ވިޔަފާރި ކުރާނީ އެ އެއާޕޯޓް އޮޕަރޭޓްކުރާ ޖީއެމްއާރު ކުންފުނިން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ވިޔަފާރި ކުންފުނި، ޖީއެމްއާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން 25 އަހަރަށް ކުއްޔަށްދީ އަދި އިތުރު 10 އަހަރަށް މުއްދަތު އިތުރު ކުރެވޭ ގޮތަށް ހަދާފައިވާ އެގްރީމަންޓްގެ ދަށުން އެއާޕޯޓުގެ އައު ޓާމިނަލްގެ ބިންގާ އެޅުމަށް އިއްޔެ ހުޅުލޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޖީއެމްއާރާ އެކު އެއްބަސްވެފައި ވަނީ އެއާޕޯޓުގައި ކުރާ ވިޔަފާރީގެ ތެރެއިން ރަލާއި ސިނގިރޭޓްގެ ވިޔަފާރި ޖީއެމްއާރުން ކުރުމަށް ކަމަށާއި އެކަމަށް އެއްބަސްވީ އެއާޕޯޓް ޑިވަލޮޕްކުރުމުގައި އެ ވިޔަފާރިތަކުގެ ފައިދާ ޖީއެމްއާރަށް މުހިންމު ކަމަކަށް ވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ އެއާޕޯޓްގައި ރަލުގެ ވިޔަފާރި ހިންގި ފަރާތްތަކުން އެތަންތަން ވަކިކުރުމުން އެ ފަރާތްތަކަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހޭނެކަން ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ވެސް އެނގޭ އެކަމުން ރާއްޖޭގައި ބޮޑުކޮށް ރަލުގެ ވިޔަފާރި ކުރާ ފަރާތަތަކަށް ވަރަށް ބޮޑު ގެއްލުމާ ކުރިމަތިވާކަން. އެބޭފުޅުން މިވީ އަޅުގަނޑުގެ ވަރަށް ގާތް ބަޔަކަށް. އެކަމަކު އަޅުގަނޑު ވެރިކަން ކުރަނީކީ ގާތްތިމާގެ މީހުންނަކާ ނޫނީ ރައްޓެހިންނަކަށް ބަލައިގެނެއް ނޫން. މުޅި ގައުމާއި ރައްޔިތުންގެ ފައިދާ އަށް އެބޭފުޅުންގެ ކޮޅަށް އެނބުރެވޭކަށް ނެތް،" ރައީސް ވިދާޅުވި އެވެ.
އިއްޔެ ބިންގާ އެޅި އައު ޓާމިނަލް 2014ގައި ހުޅުވާ އިރު އެ ޓާމިނަލްގައި މުޅިން އައު ޑިއުޓީ ފްރީގެ ވިޔަފާރިތައް ފުޅާވެގެންދާނެ ކަމަށާއި އެ ޑިއުޓީ ފްރީތައް ހިންގުމަށް ދިވެހިންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މުޅިން އައު ވިޔަފާރިތަކެއް އެތަނުގައި ފެށޭނެ. އެއީ މިސާލަކަށް ސްޓޭޝަނަރީސްގެ ވިޔަފާރި، ޓައި ފިހާރަ، ދަބަސް ފިހާރަ. މިއީ އެތައް ތަނަކުން ފުޅާވެގެންދާނެ ކަންކަން. ކުރިން އެހެން ވިޔަފާރިތައް ހިންގެވި ބޭފުޅުންނަށް މި ވިޔަފާރިތައް ކުރެވޭ ގޮތަށް އޮންނާނީ. އެއީ ހަމަ ބިޑަށް ލައިގެން،" ރައީސް ވިދާޅުވި އެވެ.
އެއާޕޯޓުގައި މުދާ ކުލިއާކޮށް ގުދަން ކުރުމަށް މިހާރު ހަރަކާތްތެރިވާ "ބޮނިޓޯ" ގްރޫޕްތަކަށް އެކަން ހުއްޓާލުމަށް ޖީއެމްއާރުން ނޯޓިސް ދިން މައްސަލަ ދިފާއުކުރައްވައި ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ، ފެންވަރު ރަނގަޅު ހިދުމަތްދޭ އެއާޕޯޓެއް އުފެއްދުމަށް އެފަދަ ހިދުމަތްތައް ވަކި އުސޫލެއްގެ ދަށުން ކުރުމަށް އެއާޕޯޓު ހިންގާ ބައެއްގެ ދަށަށް އެ ހިދުމަތްތައް ގެންދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ބޮޑަތި އެއާޕޯޓުތަކުގައި ވެސް ކާގޯ ބޭލުމުގެ މަސައްކަތް ކުރަނީ އެއާޕޯޓް ހިންގާ ބަޔަކު ކަމަށެވެ.
"އެ މަސައްކަތްތައް ކުރާނީ ހަމަ ދިވެހިން. ތަފާތަކީ ޔުނީފޯމެއް އަޅާލައިގެން ސެންޓް ޖަހާލައިގެން އުޅެންޖެހިދާނެކަން. މިހާރު މިއޮންނަ ގޮތަށް ގައިގައި ސިމެންތި ހާކައިގެން، އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބުކުރަމުން އެއާޕޯޓްތެރޭ އުޅޭ ގޮތަކަށް ނޫން އެކަން އޮންނަން ޖެހޭނީ. އެއަށް ވުރެ ތަހުޒީބުކޮށް،" ރައީސް ވިދާޅުވި އެވެ.
ޖީއެމްއާރުން މިހާރު ވަނީ އެއާޕޯޓްގައި ޑިއުޓީ ފްރީ ފިހާރަތައް ހިންގާ ފަރާތްތަކަށް ޑިސެމްބަރުގެ ނިޔަލަށް ނޯޓިސް ދީފަ އެވެ. އަދި ބޮނިޓޯ ގްރޫޕްތަކަށް ވެސް ވަނީ ނޯޓިސް ދީފަ އެވެ.