23 Apr 2020, 11:56
ލަންޑަން (23 އެޕްރީލް 2020) : އަނގައާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުމުން ރޯގާގެ ވައިރަސް ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކުޑަވެގެންދާކަން ދިރާސާއަކުން ކަށަވަރު ވެއްޖެ އެވެ.
ދުނިޔޭގެ ސިއްޙަތާ ބެހޭ އެންމެ މަޝްހޫރު މަޖައްލާ ކަމަށްވާ "ނޭޗާ މެޑިސިން"ގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން އަނގައާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުމުން އަރިދަފުސް ރޯގާ (އެންފްލުއެންޒާ)ގެ ވައިރަސް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރޭ މިންވަރު ގާތްގަނޑަކަށް 80 އިންސައްތައާއި 90 އިންސައްތައިގެ މިންވަރަކަށް ކުޑަވެ އެވެ. ނަމަވެސް ބޭނުންކުރާ މާސްކްގެ މެޓީރިއަލް ތަފާތުވެއްޖެނަމަ އެއިން ވައިރަސް ނުކުންނަ ނިސްބަތަށް ބަދަލު އަންނާނެއެވެ.
މިއީ މިހާރު ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރޯގާ "ކޮވިޑް-19" އަށް ޚާއްސަކޮށްގެން ކުރި ދިރާސާއެއް ނޫނެވެ. އެހެންކަމުން ކޮވިޑް-19 ގެ ވައިރަސް ޖެހިފައިވާ މީހުން މާސްކް އެޅުމުން އެމީހުންގެ ހަށިގަނޑުން ވައިރަސް ނުކުންނަ މިންވަރު މަދުވަނީ ކިހާ މިންވަރަކަށްކަން މިދިރާސާއިން ކަށަވަރެއް ނުވެއެވެ.
ނަމަވެސް ކޮވިޑް-19 އަކީވެސް ކެއްސުމާއި ކިނބިހި އެޅުމުގެ މައްސަލަ ކުރިމަތިވާ ރޯގާއެއްކަމަށްވާތީ އަނގައާއި ނޭފަތް ފޮރުވޭގޮތަށް ރަނގަނޅު މެޓީރިއަލްގެ މާސްކް އެޅުމުން އެ ރޯގާ ގެ ވައިރަސް ފެތުރޭ މިންވަރުވެސް ގާތްގަނޑަކަށް އެމިންވަރަށް ކުޑަވެގެން ދިޔުމުމުގެ ފުރުސަތު އޮންނާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެެއެވެ.
ކޮވިޑް-19 ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާއިރު ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ "ޑަބްލިޔޫ އެޗް އޯ" އިން ލަފާދީފައިވަނީ ރޯގާ ޖެހިފައިވާ މީހުންނާއި ރޯގާ ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހުންނާ އަދި ކެއްސާ މީހުން މާސްކް އެޅުމަށެވެ. ނަމަވެސް މިފަދަ މައްސަލައެއް ކުރިމަތިނުވާ ޞިއްޙަތު ރަނގަނޅު މީހުން މާސްކް އެޅުމަށް އެޖަމްޢިއްޔާ އިން ރެކޮމަންޑް ކޮށްފައެއް ނުވެ އެވެ. މާސްކް އަޅާއިރުވެސް މާސްކްގެ ތެރެއިން ވައިރަސް އަށް ދެމިނުގަނެވޭވަރުގެ ރަނގަނޅު މެޓީރިއަލްގެ މާސްކް އެޅުމަށް ސިއްޙަތާބެހޭ މާހިރުން ލަފާ ދެއްވައެވެ.
"ނޭޗާ މެޑިސިން" ބުނާ ގޮތުން އަރިދަފުސް ރޯގާ ޖެހިފައިވާ މީހުން މާސްކް އެޅުމުން އެމީހުންގެ އަނގައާއި ނޭފަތުން ވައިރަސް ބޭރަށްދާ މިންވަރު ގާތްގަނޑަކަށް 80 އިންސައްތައާއި 90 އިންސައްތައިގެ މިންވަރަކަށް ކުޑަވާއިރު އަރިދަފުސް ރޯގާ ނުޖެހޭ މީހުން މާސްކް އެޅުމުން ރޯގާ ޖެހިފައިވާ މީހުންގެ ކިބައިން އެމީހުންނަށް އިތުރު ރައްކާތެރި ކަމެއް ލިބިގެންދާކަމަށް މިދިރާސާ ކުރުމުގައި އިސްކޮށް އުޅުއްވި ރިސާޗަރުން ދެކެއެވެ. (ނޭޗާ މެޑިސިން)