ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން ގިނަ ތަންތައް ލޮކްޑައުންއަށް ގެންދިޔުމުން އެންމެން މިހާރު ވަނީ ގޭގައި މަޑުކުރަން ޖެހިފައެވެ. އެއާއެކު އިންޓަނެޓްގެ ޑިމާންޑު ބޮޑުވެ ސްޓްރީމިން ސާވިސްތަކުގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ. އެ ހުރިހާ ކަމަކުންވެސް އެންމެ ބޮޑު ޑިމާންޑެއް އުފެދިފައިވަނީ ސްޓްރީމިން ސާވިސް ނެޓްފްލިކް އަށެވެ.

ނެޓްފްލިކްސްް އިން ދާދި ފަހުން އާންމުކޮށްފައިވާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު އެކުންފުންޏަށް ވަނީ ހީވެސް ނުކުރާ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މީގެކުރީން ދުވަހަކުވެސް އެއް ކުއާޓަރެއްގައި ނުލިބޭ ވަރަށް އާ ސަބްސްކްރައިބަރުން ވަނީ ނެޓްފްލިކްސް އަށް އަލަށް ގުޅިފައެވެ.

ނެޓްފްލިކްސް އިން ބުނެފައިވަނީ ލޮކްޑައުންއާ އެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސްއަށް އަލަށް 15.7 މިލިއަން ޔޫޒަރުން ގުޅިފައިވާ ކަމަށެވެ.

މިއީ ނެޓްފްލިކްސް އިން ހީކުރި ވަރަށްވުރެވެސް އިތުރު އަދަދެކެވެ. ނެޓްފްލިކްސް އިން ލަފާކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް އަލަށް ގުޅޭނެ ޔޫޒަރުންގެ އަދަދު އުޅޭނީ ހަތް މިލިއަންގައެވެ. މިއީ ނެޓްފްލިކްސް އިން ލަފާކޮށްފައިވާ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

ނެޓްފްލިކްސް އިން މީގެ ކުރީން އެއް ކުއާޓަރުގައި އެންމެ ގިނަ އަދަދަކަށް ޔޫޒަރުން ލިބުނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސް އަށް ވަނީ އަލަށް 9.6 މިލިއަން ޔޫޒަރުން ލިބިފައެވެ.

މައުލޫމާތު ލިބޭގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓްފްލިކްސް އިން ވަނީ 709 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެއ ދެގުނަ އާމްދަނީއެކެވެ.