އުޑުމަތި ސާފު އަދި މޫސުން ރީތި ދުވަހެކެވެ. ގާޒީ ޞަފިއްޔުއްދީން ހުންނެވީ އޭނާގެ ގޭގެ ބެލްކަނީގައި ބޭރު ބައްލަވާށެވެ. އެހެން ހުންނަވަނިކޮށް، ގާޒީ ގެންގުޅުއްވާ "ހުއްމުސް" ނަމަކަށް ކިޔާ ވާހަކަ ދައްކާ ގުރާ އުދުހިފައި އައިސް ބެލްކަނީގެ ދަގަނޑު މަތީގައި އިށީނދެއްޖެއެވެ. ގާޒީ ޞަފިއްޔުއްދީން ހުއްމުސް ގުރަޔާ ވާހަކަ ދައްކަވާން ފެއްޓެވިއެވެ.

"ހުއްމުސް! މިހާރު މި ގެއަކީ އަހަރެމެން އެކަނި އުޅޭ ތަނަކަށް ވެއްޖެ. ސަލްމާ ހުރި އިރު، މި ގެ ކިހާ އުފާވެރި؟"

"އެކަނި.. ސަލްމާ.. އުފާވެރި.." ގާޒީގެ ވާހަކައިގެ ތަންތަންކޮޅު ނަކަލު ކުރަމުން ހުއްމުސް ބަސްތައް ތަކުރާރު ކޮށްލިއެވެ. އަދި ބަނޑުހައި ވުމުން އޭތި ލައްވާ އަޑު ލައްވައިލިއެެވެ.

"އަން! މިހިރީ ބަދަން. އަވަހަށް ކާލާ!" ގުރާގެ ކާ އެއްޗެހި އަޅާ ތަށްޓަށް ބަދަންކޮޅެއް އެޅުމަށް ފަހު، ގުރަޔާ އެ ތަށި ކައިރި ކޮށްލަމުން ގާޒީ ވިދާޅުވިއެވެ.

"ބަދަން.. ކާލާ.. ބަދަން.. ކާލާ.." ގާޒީގެ ބަސް ނަކަލު ކުރަމުން ހުއްމުސް ބަދަން ކާން ފެށިއެވެ.

"ސާހިބާ! އަޅުގަނޑުގެ މަތީން ހަނދުމަފުޅު ނެތުނީތޯ؟" ގާޒީގެ ހާޖިބު އަދި ހާދިމު ޒައުލޫލު ގާޒީގެ އަރިހަށް އައިސް މަޑު ކޮށްލަމުން ދެންނެވިއެވެ.

"ކިހިނެއް އަހަރެން ކަލޭގެ މަތީން ހަނދާން ނެތޭނީ. ކަލޭ ނެތް ނަމަ، މި އޮތް ބޮޑު ގޭގައި އެކަނި މާއެކަނި އުޅޭނީ ކިހިނެއް ކަން ވެސް އަހަންނަކަށް ނޭނގޭ. ސަލްމާގެ މަންމަ މި ދުނިޔެއާ އަލްވަދާއު ކީ އިރު އަހަންނާ އެކު މި ގޭގައި ސަލްމާ ހުރި. އެކަމަކު މިހާރު ހުރީ ހަމަ އެކަނި ކަލޭ. ދެން މި ހުއްމުސް." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"މަނިކުފާނަށް ހިދުމަތް ކޮށް ދިނުމަކީ ބޮޑު ޝަރަފެއް." ޒައުލޫލު ބުންޏެވެ.

"ޝުކުރިއްޔާ! އަހަރެންގެ އަޚާ." ގާތްކަން އެކުލެވިގެން ވާ ރާގެއްގައި ޞަފިއްޔުއްދީން ޒައުލޫލަށް ވިދާޅުވިއެވެ. އަދި އަމިއްލަފުޅަށް ވިދާޅުވިއެވެ. "އެ ކުޑަކުޑަ ސަލްމާ އެހާ އަވަހަށް ބޮޑު ވެގެން މީހަކާ އިނދެ، ދެ ކުދީންގެ މަންމައަކަށް ވެދާނެ ކަމަށް ހީ ކުރާނީ ކާކު؟"

"ސަލްމާ.. ޞަފިއްޔުއްދީން.. މޮޔަ.. މޮޔަ.." ހުއްމުސް އޭތީގެ ސިކުނޑީގައި ރައްކާ ކުރެވިފައި ހުރި ނަންތަކާއި ލަފްޒުތައް ކިޔަމުން ދިޔައެވެ.

"ކީކޭ؟ މީނދަ ހަޔާތް ކުޑަ ގުރަޔާ! ސާހިބާ ޞަފިއްޔުއްދީނުގެ ނަންފުޅާ އެކު "މޮޔަ" މި ލަފްޒު ނޫން ލަފްޒެއް ގެންނާާން ނޭނގުނީތަ؟ ނޫނީ މީހަކު ކީ އެއްޗެއް ތަކުރާރު ކުރަނީ ތަ؟ ހުއްމުން މޮޔަ ވީތަ؟" ޒައުލޫލު ގުރަޔާ ދިމާއަށް ބުންޏެވެ.

"ހުއްމުސް.. މޮޔަ.. މޮޔަ.." ގުރާ އަނެއްކާވެސް އޭތީގެ ވާހަކަ ދެއްކުމުގެ ތޮބީއަތާ އެއްގޮތަށް ލަފްޒުތަކެއް ކިޔައިލިއެވެ.

"ސަލްމާގެ ވާހަކަ ދެއްކުމުން އޭއްޗަށް އަހަރެންނާ އެއްނަން ކާފަދަރިފުޅު ޞަފިއްޔުއްދީން ހަނދާން ވީ ހެން ހީވަނީ. އަބަދު އެދަރިފުޅު އައިސް މި ގުރަޔާ ތޮޅޭނެ. އެއީ ކުޅިވަރަށް ފޯރި ހުންނަ ކުއްޖެއް." ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އެހެންނަމަވެސް އަމީރު ޞަފިއްޔުއްދީނުގެ ކޮއްކޯފުޅު އަމީރާ ޞަފާގެ މިޒާޖު މުޅީން ތަފާތު." ޒައުލޫލު ބުންޏެވެ.

"ޞަފާ.. ތަފާތު.. ތަފާތު.." ގުރާ ވެސް އެ ވާހަކައިގައި ބައިވެރިވެލިއެވެ.

"އާނ. އެއީ މަޑުމައިތިރި އަދި ތަހުޒީބު ކުއްޖެއް. އަދި އެދަރިފުޅުގެ އަނެއްކާފަ ޚަލީފާ ފަދައިން ސުލްހަވެރި ތޮބީއަތެއްގެ ވެރި ކުއްޖެއް." ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަދި މިކާފަ ގާޒީ ސާހިބާ ވެސް ފަދައިން." ޞަފިއްޔުއްދީނުގެ ވާހަކަފުޅަށް ޒައުލޫލު އިތުރު ކޮށްލިއެވެ. ޒައުލޫލު އެހެން ބުނުމުން ގާޒީ ޞަފިއްޔުއްދީން ހިނިތުންވެލެއްވިއެވެ. އަދި ގޭގެ ފެންޑާއާ ދިމާއަަށް ވަޑައިގަތުމަށް ހިންގަވައިގަތެވެ. ޒައުލޫލު ވެސް ޞަފިއްޔުއްދީނުގެ ފަހަތްޕުޅުން ހިނގައިގަތެވެ.

*****

އަމީރު ޞަފިއްޔުދީނާއި އަމީރާ ޞަފާ ތިއްބެވީ ގަނޑުވަރުގެ މެދުގޯތީގައި ކުޅުއްވާށެވެ. އެ ދެ ބޭފުޅުންގެ ބައްޕަ ވަލީއަހުދާއި މަންމަ ސަލްމާ ތިއްބެވީ ފުރަތަމަ ފަންގިފިލާގެ ބެލްކަނީގައި ގޮނޑިއަޅުއްވައިގެން ވާހަކަ ދައްކަވާށެވެ.

"މިއަދު އަޅުގަނޑު ގަސްތުކޮށްގެން މިހިރީ ކުދީންކޮޅު ގޮވައިގެން ބައްޕަޔަށް ޒިޔާރަތް ކޮށްލާން ކަމަށް." ސަލްމާ ވިދާޅުވިއެވެ.

"ތިޔައީ ވަރަށް ރަނގަޅު ޚިޔާލެއް. އަޅުގަނޑުގެ އިއްޒަތްތެރި ބަފައިބެ ގާޒީއަށް އަޅުގަނޑުގެ ސަލާމް ރައްދުކޮށް ދެއްވާތި." ވަލީއަހުދު ވިދާޅުވިއެވެ.

"އާދެ! އަޅުގަނޑު ރައްދުކޮށްދޭނަން. ކައިރީގައި ބައްޕަ ނެތީމާ އެކަމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް އެބަ ކުރެވޭ." ސަލްމާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އެކު ވަގުތުކޮޅެއް ހޭދަ ކޮށްލައްވާން ބައްޕަ ވަޑައިގަންނަވާނެ ނަމަ، ކިހާ ރަނގަޅު. އެކަމާ މެދު ބައްޕައާ ވާހަކަ ދައްކާލަން ވީ ނޫންތޯ؟" ވަލީއަހުދު ވިދާޅުވިއެވެ.

"އަޅުގަނޑު ކިތައް ފަހަރު ބައްޕަ އަރިހުގައި އެ ވާހަކަ ދަންނަވައިފިންތޯ! އެކަމަކު އެއްބަސްވެ ވަޑައެއް ނުގަންނަވާ. ވިދާޅުވަނީ އަވަހާރަލައްޕަވާ ތަންމަތިކޮޅު ބަދަލުވީމާ އުނދަގޫފުޅު ކަމަށް." ސަލްމާ ވިދާޅުވިއެވެ. އެ ވަގުތު އަމީރާ ޞަފާ އެ ތަނަށް ވަޑައިގަތެވެ. އަދި މަންމަ ސަލްމާއާ މުހާތަބު ކުރައްވައި ވިދާޅުވިއެވެ.

"މަންމާ! އަޅުގަނޑުގެ އިސްތަށިގަނޑުގައި ފުނާ އަޅުއްވައި ދެއްވާނީ ކޮން އިރަކުންތޯ؟"

"މި ވަގުތު މަންމަ މިހިރީ ބައްޕަ އަރިހުގައި. ބައްޕައާ ވާހަކަ ދައްކާން. ވީމާ ދަރިފުޅު ގޮސް ވަދީދާ ގާތު ބުނޭ ފުނާ އަޅައިދޭށޭ." ސަލްމާ ވިދާޅުވިއެވެ.

"ވަދީދާ ފުނާ އެޅީމާ އިސްތަށިގަނޑު އޮންނަނީ އެހެންމިހެން ވެފަ." ދެރަވެފައި ހުރި ރާގެއްގައި އަމީރާ ޞަފާ ވިދާޅުވިއެވެ.

"ބައްޕަ ދަރިފުޅުގެ އިސްތަށިގަނޑު ރީތިކޮށްދީފާނަން. ކިހިނެއް ވާނެ އެ ގޮތް؟" ވަލީއަހުދު އޭނާގެ ދަރިކަނބަލުން ކުރެން އެއްސެވިއެވެ.

"ނޫން. ޝުކުރިއްޔާ! ބައްޕާ. މި ކަން ރަނގަޅަށް ކުރާން އެނގޭނީ އަންހެނުންނަށް." ޖަވާބުގައި އަމީރާ ޞަފާ ވިދާޅުވިއެވެ.

"ހާދަ ބޮޑު ކުއްޖެކޭ ދޯ މީ. ކޮންމެ ކަމެއް ވެސް އެ ކަމެއްގެ އަހުލުވެރީން ދޯ ކުރާން ވާނީ. ކަމެއް ކުރާން މޮޅަށް ދަންނަ މީހުން ތިއްބައި، އެކަމަކަށް އަހުލުވެރި ނޫން ބަޔަކު ކޮށްގެން ނުވާނެ ކަން ދަރިފުޅަށް އެނގުމުން ބައްޕަ ވަރަށް ބޮޑަށް އުފާވެއްޖެ. އެކަމަކު މީގައި ވިސްނާން ވީ، މި ކަހަލަ ކަންކަމުގައި އެކަން ކުރަނީ އަންހެނެއް ތޯ ފިރިހެނެއް ތޯއެއް ނޫންކަން މުހިއްމީ. މުހިއްމީ އެކަން ރަނގަޅަށް ކުރާން އެނގެނީ ކާކަށްތޯ ބެލުން. އެއީ އަންހެނަކަށް ވިޔަސް، އަދި ފިރިހެނަކަށް ވިޔަސް." ވަލީއަހުދު ވިދާޅުވިއެވެ.

"އެ ވާހަކައޭ އަޅުގަނޑު ދެންނެވީ. ބައްޕަ ދުވަހަކު ވެސް ކުރައްވާ ކަމެއް ނޫނެއް ނޫން ތޯ އެއީ. ވީމާ ފުނާ އަޅުއްވާކަށް ބައްޕައަކަށް އެނގިވަޑައެއް ނުގަންނަވާނެ." ޞަފާ ވިދާޅުވިއެވެ.

"އެއީ ތެދެއްތޯ ސަލްމާ. އަޅުގަނޑަށް ނޭނގޭތޯ، އިސްތަށިގަނޑުގައި ފުނާ އަޅާކަށް؟" ވަލީއަހުދު ހިނިތުންވެ ހުންނަވައިގެން ސަލްމާއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ.

"މިހާރު ތިޔަ އުޅުއްވަނީ އަޅުގަނޑު ބޭޒާރު ކުރައްވަން. އެހެން ނަހައްދަވާ." ހިނިފުޅުވަޑުވަމުން ސަލްމާ ވިދާޅުވިއެވެ.

*****

"އިއްޒަތްތެރި ގާޒީ! ކުށުގެ ވެށްޓާ ކައިރީން ވަގުކަލޭގެ ބުރު ޖަހަނިކޮށް އަޅުގަނޑަށް ވަނީ ފެނިފައި." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އެހެންނަމަވެސް ތިޔައީ އޭނާ ވައްކަން ކުރި ކަމަށް ބާރު ދޭ ހެތްކެއް ނޫން." ގާޒީ ވިދާޅުވިއެވެ.

"އޭނާ ވަނީ މީގެ ކުރީން އެތައް ފަހަރަކު ވައްކަން ކޮށްފައި. އަޅުގަނޑުމެންގެ ކުށްވެރީންގެ ދަފްތަރުތައް ވަނީ އޭނާގެ ކުށުގެ ތަސްޖީލުތަކުން ފުރިފައި. އޭނާ ކުރީން ކޮށްފައިވާ ކުށްތަކާ ބެހޭ ގޮތުން ހުރި ވަރަށް ގިނަ ފުރޭފު އެބަ ހުރި އަޅުގަނޑުމެންގެ އަތުގައި." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"އެހެންނަމަވެސް ބައްލަވާ! ތިޔަ ދައްކަވާ ވާހަކަތަކަކީ މި ފަހަރު ހިނގައިގެން މިއުޅޭ ކަންތައް އޭނާގެ މައްޗަށް ސާބިތުކޮށް، އޭނާގެ މައްޗަށް ހުކުމް އިއްވުމަށް ފުދޭނޭ ހެތްކެއް އަދި ގަރީނާއެއް ނޫން." ގާޒީ ވިދާޅުވިއެވެ.

"އެހެންވީމާ؟" ސުވާލުގެ ރާގެއްގައި ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"ވަގަށް ނަގާފައި ވާ ތަކެތި އޭނާގެ އަތުން ފެނިގެން، ނުވަތަ އޭނާ ވައްކަން ކުރަނިކޮށް ހެތްކަށް ފުދޭ ވަރަށް މީހުންނަށް ފެނިގެން އެމީހުންގެ ހެކި ބަހަށް، ނުވަތަ އޭނާގެ އަމިއްލަ އިއުތިރާފަށް ބިނާ ކޮށްގެން ނޫނީ އޭނާގެ މައްޗަށް ކުށް ސާބިތެއް ނުކުރެވޭނެ. ކުށް ސާބިތު ނުވާ މީހެއްގެ މައްޗަކަށް ހުކުމެއް ނުކުރެވޭނެ." މައްސަލައެއްގައި ހުކުމް ކުރެވޭނީ ކިހިނެއް އަދި ކޮން އިޖުރާއަތުތަކެއް ފުރިހަމަ ވެގެންތޯ ގާޒީ ތަފްސީލުކޮށް ކިޔައިދެއްވިއެވެ.

"ހަމަ ޔަގީނުން ވެސް އޭނާ އިއުތިރާފެއް ނުވާނެ. އަޅުގަނޑު ހުވައި ވެސް ކޮށްފާނަން. އަޅުގަނޑަށް ޔަގީން އޭނާ ކަން ވައްކަން ކުރީ. މި ކަމުގައި އަޅުގަނޑަކަށް އެއްވެސް ޝައްކެއް ނެތް." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"ކިހިނެއްތޯ ތިހާ ފަސޭހައިން އެ ކަން ޔަގީން ކުރައްވަނީ؟ އެއީ ކަމެއް ކަށަވަރުކުރުމުގެ ހަމަތަކުގެ މަތީން ތަންގީދީ ވިސްނުމަކުން، ތަރުތީބުން އުނިކުރާން ޖެހޭ ބައިތައް އުނިކުރައްވައިގެން ވާސިލު ވެވުނު ނަތީޖާއެއްތޯ؟ ނުވަތަ ހަމައެކަނި އެ ގޮތަށް ހީފުޅުވަނީތޯ؟" ގާޒީ ޞަފިއްޔުއްދީން ސުވާލު ކުރެއްވިއެވެ.

"ހަގީގަތަށް ދަންނަވާނަމަ ދެންނެވޭނީ، އެއްވެސް ހެތްކެއް އަދި ގަރީނާއެއް ވެސް ނެތޭ. އަދި މި ކަމާ މެދު އަޅުގަނޑު ތިޔަ ވިދާޅުވި ފަދައިން ތަންގީދީކޮށް ނުވެސް ވިސްނަމޭ. އެހެންނަމަވެސް މިފަދަ ބޮޑު ވައްކަމެއް ހިނގައިގެން އުޅޭއިރު، ވައްކަންކުރި މީހާ ނުހޯދި ވަގުތުތައް ފާއިތުވާ ވަރަކަށް އަޅުގަނޑުމެންގެ ގާބިލުކަމާ މެދު ރައްޔިތުން ސުވާލު އުފައްދާނެ. އެހެންވީމާ ކުރީން ވައްކަން ކޮށްފައި ތިބި މީހުންގެ ތެރެއިން މި ސަރަހައްދުގައި އެންމެ ގިނައިން އުޅޭ މީހެއް ކަމަށް އަޅުގަނޑަށް ނިންމޭން އަންނަނީ. ފުލުހުންގެ އިތުބާރު ގެއްލުމަކީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް. އެހެންވީމާ؟" ފުލުހުންގެ ވެރިޔާ އަނެއްކާ ވެސް ވިދާޅުވިއެވެ.

"މިއީ އެހެންވީމާ އަކުން ނިންމޭން އޮތް ކަމެއް ނޫން. އެއް ކުށަކަށް ދެ އަދަބެއް ނުވަތަ ހައްގު ނޫން އަދަބެއް ނުދެވޭނެ. ކުރީން ކުރި ކުށަށް އަދަބު ލިބިފައި ހުރި މީހަކަށް އަނެއްކާ އޭނާ ނުކުރާ ކުށެއްގެ އަދަބު ދިނުމެކޭ، އެއްވެސް ކުށެއް ނުކޮށް ހުރި މީހަކަށް އަދަބު ދިނުމެކޭ އެއްވެސް ތަފާތެއް ނެތް. ކުށެއް ނުކޮށް ހުރި މީހަކަށް، އޮޅިގެން އަދަބު ދެވުމަށް ވުރެ، އޮޅުމަކުން ކުށްވެރިޔަކު ދޫވެގެން ދިއުން ވެސް މާ ރަނގަޅު. ނިޔާގެ ބަދަލުގައި އަނިޔާވެރިއެއް ނުވެވޭނެ. ޝައްކެއްގެ މައްޗަކަށް، ހީއެއްގެ މައްޗަކަށް، އަދި ވެދާނެ ކަމުގެ ފުރުސަތު އޮތަތީއެއް މީހެއްގެ މައްޗަކަށް ހުކުމެއް ނުކުރެވޭނެ." ގާޒީ ވިދާޅުވިއެވެ.

"މައާފް ކުރައްވާ! އަޅުގަނޑުގެ ވިސްނުން މި ކަމުގައި މި ގެންގުޅެވުނީ ރަނގަޅަކަށް ނޫން ކަން މިހާރު ވިސްނިއްޖެ. އަދި މި މައްސަލަ އިތުރަށް ދެނެގަތުމަށް އަޅުގަނޑު މަސައްކަތް ކުރާނަން. ގަޒިއްޔާއަށް ބޭނުންވާ ވަރަށް އުންސުރުތައް ހަމަވުމުން ނޫނީ ދެން އަޅުގަނޑު ނާންނާނަން." ފުލުހުންގެ ވެރިޔާ ވިދާޅުވިއެވެ.

"ރަނގަޅު. އަހަރެމެން އަބަދުވެސް ވިސްނާން ޖެހޭނެ، އަހަރެމެންނަށް ހައްގު ފެނުން މަނާ ކުރާ އެއްވެސް ވިސްނުމެއް އަހަރެމެންގެ ބުއްދީގެ މައްޗަށް ވެރިވިޔަ ނުދިނުމަށް. އަދި ކީރިތި ޤުރްއާނުގެ ޔޫނުސް ސޫރަތުގެ 36 ވަނަ އާޔަތުގައި އެ ވާ މަތިވެރި ބަސްފުޅުގެ މާނައަށް ވިސްނަވާ. - ހަމަކަށަވަރުން، ހީއަކީ ހައްގުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނޭ އެއްޗެއްނޫނޭ - ވަހީ ކުރައްވާފައި އެ ވަނީ." ގާޒީ ޞަފިއްޔުއްދީން ވިދާޅުވިއެވެ.

*****

ސަލްމާއާއި ދަރިކަނބަލުން އަމީރާ ޞަފާ އަސްގާޑިޔާގައި އެ ވަޑައިގަންނަވަނީ ސަލްމާގެ މައިފުނަގެއަށެވެ. އެ ބޭފުޅުންގެ އަރިހުގައި ޚާދިމާ ވަދީދާ ވެސް އަސްގާޑިޔާގައި އިނެވެ. ސަލްމާގެ ދަރިކަލުން އަމީރު ޞަފިއްޔުއްދީން އެ މަނިކުފާނުގެ އަމިއްލަފުޅު އަސްކޮޅަށް ސަވާރުވެވަޑައިގެން އެ އަސްގާޑިޔާގެ ކުރީގައި ހުންނަވައިގެން އެ ވަޑައިގަންނަވަނީއެވެ.

ގާޒީ ޞަފިއްޔުއްދީނުގެ ގެކޮޅާ ހަމަޔަށް ވަޑައިގެންނެވުމާ އެކު އަމީރު ޞަފިއްޔުއްދީން އަސް މަތީން ބިން މައްޗަށް ފުންމައިލެއްވިއެވެ. އެ ވަގުތު އެ އަސް ދުއްވައިގަތީ އެ ގޭގެ ގޯތި ތެރޭގައި އޮތް އަހުގެ ކައިރިއަށެވެ. މި ކަމާ ހައިރާން ވެވަޑައިގެން އަމީރު ޞަފިއްޔުއްދީން މަންމައާ ސުވާލު ކުރެއްވިއެވެ.

"މަންމާ! ކީއްވެ އަޅުގަނޑުގެ އަސް މަޑު ނުވެ ދުއްވައިގަތީ. އަދި އެ އަސް ކައިރިޔަށް ދިޔައީ."

"ދަރިފުޅުގެ ކުޑަ އަހަކީ އެ ބޮޑު އަހުގެ ދަރިއެއް. އެހެންވެގެން އެ ދިޔައީ." ސަލްމާ ވިދާޅުވިއެވެ.

"މަންމާ! ޖަނަވާރު ވެސް އެ އެއްޗެހީގެ މަންމަބައްޕަ ދެކެ ލޯބި ވޭތަ؟" ޞަފިއްޔުއްދީން މަންމައާ ސުވާލު ކުރެއްވިއެވެ.

"އާނ! ދަރިފުޅާ ދިރުން ހުރި ކޮންމެ އެއްޗެއްގައި އިހުސާސް ލައްވާފައިވޭ. އަހަރެމެން އެކަން ދަންނާން ވާނެ. ދިރޭ އެއްޗަކަށް ވެސް އަހަރެމެން ބޭއިންސާފުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އިންސާނުންގެ ފައިދާއަށް ލައްވައިފައިވާ އެ ތަކެތި ބޭނުން ކުރާން ވާނީ އެއީ ވެސް ފުރާނަ ހުރި ތަކެތި ކަން ދަނެގެން. އެ އެއްޗެއްސާ އެކަށީގެން ނުވާ ބުރަ ޖައްސައިގެން ނުވާނެ." ސަލްމާ އޭނާގެ ދަރިކަލުންނަށް ކިޔައިދެއްވިއެވެ.

އެ ވަގުތު އަމީރާ ޞަފާ ވިދާޅުވިއެވެ. "އެ ދެ އަހުގެ ބައްދަލުވުން ދައްކައިދޭ ކުރެހުމެއް އަޅުގަނޑު ކުރަހާނަން."

ދަރިކަނބަލުންނާ ދިމާއަށް ސަލްމާ ހިނިތުންވެވަޑައިގަތެވެ.

"އަޅުގަނޑުގެ ސާހިބާ ގާޒީގެ ގެކޮޅު އަބަދުވެސް ހަނދާން ވޭ. މި ގެއަށް އާދެވުމުން އިހުސާސް ކުރެވެނީ އަމިއްލަ ގެއަށް އާދެވުނު ކަމަށް." ޚާދިމާ ވަދީދާ ބުންޏެވެ.

ވަދީދާއަކީ ވަރަށް ކުޑަ ކުއްޖެއްގެ ގޮތުގައި މަގުމަތީން ގޮވައިގެން ސަލްމާގެ މަންމަގެ ދުނިޔޭގައި އޭނާ އެ ގެއަށް ގެންނެވި ކުއްޖެކެވެ. ސަލްމާ އުފަންވުމަށް ފަހު މާގިނަ ދުވަހެއް ނުވެ، ސަލްމާގެ މަންމަ މި ދުނިޔެއާ އަލްވަދާއު ކިޔުމުން ސަލްމާގެ ހުރިހައި ކަމެއް ބެލެހެއްޓީ ވަދީދާއެވެ.

"ޚަލީފާގެ ގަނޑުވަރު ކަމަކު ނުދޭތަ؟" ސަލްމާ ވަދީދާއާ ސުވާލު ކުރެއްވިއެވެ.

"ޚަލީފާގެ ގަނޑުވަރަކީ އެ ތަނަށް ނިސްބަތް ވާ އެތައް ބަޔަކު ތިބި ތަނެއް. ވީއިރު، އެ ތަނަށް އަޅުގަނޑު ނިސްބަތް ވާ ކަމަކަށް އިހުސާސެއް ނުކުރެވޭ. އެކަމަކު މި ހެޔޮ ގެއަކީ އަޅުގަނޑުގެ މުޅި ހަޔާތުގެ ބޮޑު ބައި ހޭދަ ކުރި ތަން. އެހެންކަމުން މިގޭގެ މައްޗަކަށް އެހެން އެއްވެސް ތަނެއް އިސް ކުރާކަށް ނުރުހެވޭ." ވަދީދާ ބުންޏެވެ.

"އަޅުގަނޑަށް ވެސް މި ސާދާ ގެއިން ނޫނީ ހަގީގީ ގެއެއްގެ ވެށީގެ ރާހަތު އިހުސާސެއް ނުކުރެވޭ." ސަލްމާ ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް ވަރަށް ބޮޑަށް ކާފަ ހަނދާން ވޭ. އެހެންވެ މި ގެއަށް އާދެވުނީމާ އުފާވޭ. އަދި ކާފަ ކިޔައިދެއްވާ ޤުރްއާނުގެ ވާހަކަތައް ވަރަށް އަޑު އަހާ ހިތްވޭ." އަމީރު ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"އަޅުގަނޑު ވެސް." އަމީރާ ޞަފާ ވެސް އެ ވާހަކައިގައި ބައިވެރިވެވަޑައިގަތެވެ.

"ހިނގާ އަވަހަށް ކުޅޭން. މިއަދު ހުއްމުސްއަށް މިރުސް ކާންދޭން ވާނެ." އަމީރު ޞަފިއްޔުއްދީން ވިދާޅުވިއެވެ.

"ނޫން ބޭބޭ! އެހެން ހަދާކަށް ނުވާނެ." އަމީރާ ޞަފާ ވިދާޅުވިއެވެ.

- ނުނިމޭ -