23 Apr 2020, 13:15
ލަންޑަން (އޭޕްރިލް 23): ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ވެކްސިނެއް ހޯދެން ދެން ނުވަތަ ކޮވިޑް-19 ބައްޔަށް ފަރުވާއެއް ހޯދެން ދެން އިޖުތިމާއީ ގައިދުރުކުރުކަން ބެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.
ކޮރޯނާވައިރަހާ ބެހޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޗީފް މެޑިކަލް އޮފިސަރު ކްރިސް ވިޓީ ވިދާޅުވި ގޮތުގައި މި ބަލިމަޑުކަމުން ސަލާމަތްވެވެން އޮތީ ވެކްސިނެއް އުފައްދައިގެން ނުވަތަ ބަލި ޖެހުމުން މަރުވުމުގެ ފުރުސަތު ކުޑަ ކޮށްދޭ ފަދަ ބޭހެއް އުފައްދައިގެންނެވެ. ނަމަވެސް އެކަމަށް އަދި ވަގުތު ނަގާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ކުރިއަށް އޮތް އަހަރު ތެރޭ ވެކްސިނެއްވެސް އަދި ބޭހެއް ވެސް ލިބުމުގެ ފުރުސަތު ވަރަށް ކުޑަ. އެހެންވެ އެހެނިހެން އިޖުތިމާއީ ފިޔަވަޅުތަކަށް އަޅުގަނޑުމެން ބަރޯސާވާން ޖެހޭ. އަދި އެއީ އުނދަގޫ ކަމަކަށްވި ނަމަވެސް، [ވެކްސިނެއް ނުވަތަ ބޭހެއް] އުފެއްދެން ދެން އެއީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ،" ވިޓީ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި މިހާތަނަށް 133،495 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، 18،100 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. އެގައުމުގައި ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވަނީ ޒަރޫރީ ހިދުމަތްދޭ ވިޔަފާރިތައް ނޫން އެހެން ތަންތަން ބަންދުކޮށް، އެއް ގެޔެއްގައި ދިރިނޫޅޭ މީހުން ބޭރުގައި އެއްވެ އުޅުން މަނާކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފުވާ މީހުން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ.