ކޮރޯނާވައިރަހުގެ ގެއްލުންތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ރާއްޖެއަށް 28.9 މިލިއަން ޑޮލަރު (445.64 މިލިއަން ރުފިޔާ) ދޭން އެ އިދާރާގެ ބޯޑުން ފާސްކޮށްފި އެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާވައިރަރުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން ދާ ގެއްލުންތަކުން އަރައިގަތުމަށް 28.9 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ނިންމީ، އެ އިދާރާގެ ރެޕިޑް ކްރިޑިޓް ފެސިލިޓީގެ ދަށުން ކަމަށެވެ. އެއީ، ރާއްޖެއަށް ލިބިފައި އޮންނަ ސްޕެޝަލް ޑްރޯވިން ރައިޓްސް (އެސްޑީއާރު)ގެ ދަށުން ދޫކުރާ ފައިސާ އެވެ. އެހެންކަމުން، އައިއެމްއެފުން ލޯނު ދޫކުރުމުގައި ގެންގުޅޭ ހަރުކަށި ޝަރުތުތަކެއް މީގައި ނުހިމެނެ އެވެ.

އައިއެމްއެފް އިން ބުނީ، ރާއްޖެއަށް ދޫކުރާ 28.9 މިލިއަން ޑޮލަރަކީ ސަރުކާރުން މި ވަގުތަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށާއި ބެލެންސް އޮފް ޕޭމަންޓް ހަމަޖެއްސުމަށް ދޭ ފައިސާ ކަމަށެވެ.

އެ ދޫކުރާ ފައިސާގެ ސަބަބުން، ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ވިޔަފާރިތަކަށާއި އާންމުންނަށް ވަމުންދާ ގެއްލުންތަކަށް އެހީތެރިކަން ދިނުމަށާއި އެކަމުގެ ސަބަބުން ކުރަން ޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށް އެހީއަކަށް ވާނެ ކަމަށް ވެސް އައިއެމްއެފްއިން ބުންޏެވެ.

ކޮރޯނާވައިރަސް ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތަށް ވަރަށް ބޮޑަށް އަސަރުކޮށް އެކަމުގެ އެންމެ ނޭދެވޭ އަސަރު ކުރާނެ އެއް ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ. އަދި، އެހެން ފަރާތްތަކުގެ މާލީ އެހީތެރިކަން މިވަގުތު ވެސް ރާއްޖެއަށް ބޭނުންވާކަން ވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

އައިއެމްއެފް އަދި ފާހަގަ ކުރި ގޮތުގައި ކޮރޯނާވައިރަހާ ދެކޮޅަށް ރާއްޖެއިން ވަނީ ވަރަށް ދުރާލާ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މީގެ އިތުރުން، ކޮރޯނާވައިރަހުގެ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން އެކަށީގެންވާ އިގްތިސާދީ އަދި މާލީ ފިޔަވަޅުތައް އަޅާފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، ކޮރޯނާވައިރަހުގެ ކަންކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ހާމަކަން ބޮޑު ސިޔާސަތު ވަނީ ފާހަގަކޮށްފަ އެވެ.

އައިއެމްއެފްއިން ރާއްޖެއަށް އެހީ ދިންއިރު، ވޯލްޑް ބޭންކުން މިހާރުވެސް ވަނީ ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފަ އެވެ. އަދި އިތުރު 20 މިލިއަން ޑޮލަރު ހޯދުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ވަނީ 308 މިލިއަން ރުފިޔާގެ ލޯނު އެހީ ވެސް ރާއްޖެއަށް ދީފަ އެވެ.

ބޭރުގެ މާލީ އިދާރާތަކުން، 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރު އެއްވެސް ވަރަކަށް ޓޫރިސްޓުން ނާންނަ ނަމަ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުން، ހުންނާނީ މައިނަސް 17 ޕަސެންޓްގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.

މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މިވަގުތުން ވަގުތަށް ވެސް ހަރަދުތައް ހަމަޖެއްސުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވެފައިވާ ކަމަށެވެ.

މިހާރު ލަފާކުރެވިފައި ވަނީ މިއަހަރު ޓެކްސް އާއި ހިލޭގެ ގޮތުގައި ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ، 15.23 ބިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ހަރަދުތަކަށް، 28.23 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. އެހެން ކަމުން ބަޖެޓް ޑެފިސިޓް 12.97 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ. އެއީ، އުފެއްދުންތެރިކަން ޖީޑީޕީގެ ނިސްބަތުން 13.7 ޕަސެންޓެވެ.