23 Apr 2020, 14:00
ކޮންމެ މީހަކަށް ދެތަށީގެ ފަންޏެވެ. ކަޓްލަސްއާއި ގުޅައާއި ކަވާބުގެ އިތުރުން ދެވައްތަރުގެ ބޯކިބަލާއި، ބިސްކަޓް ފަޖްއާއި ރޯސްޕާންވެސް ތައްޔާރުކުރެވިފައެވެ. މަޣްރިބަށް ބަންގި ގޮވިއިރުވެސް އަދިވެސް އަންހެން ވެރިން އަވަދިނެތި ބަޖިޔާތައް ތެލުލާ ނުނިމެއެވެ. މިއީ އާންމު ދިވެހި ގޭބިސީއެއްގައި ރޯދަ ވީއްލާ ވަގުތަށާއި ތަރާވީސް ގަޑިއަށް ތައްޔާރުކޮށްފައި ހުންނަހާ ކާނާއެވެ. ފަހަރެއްގައި މީހުން ގިނަ ގެތަކުގައި ހާރުދަމާއި ހިސާބަށްދާއިރު ހުސްވުން ގާތެވެ. ނަމަވެސް ގިނަ ގެތަކުގައި މިއީ ހަމަ ހުސްވެސް އިސްރާފެވެ.
މާދަމާ އަހަރެމެން ކުރިމަތިމިލާ ރޯދަ މަހަކީ ހުރިހާ ގޮތަކުންވެސް އެހެނިހެން ރޯދަ މަސްތަކާއި ތަފާތު ދުވަސްތަކެކެވެ. އަހަރެމެން މިތިބީ ގޭބަންދެއްގައެވެ. ބޭނުންހާ ވަގުތެއްގައި ބޭނުންހާ އެއްޗެއް ގަންނާކަށް ނުލިބެއެވެ. ނުވިތާކަށް ތަނަކުން އެއްޗެއް އޯޑަރުކުރަންވެސް ބިރުހީވެފައި އޮތްއިރު، މާދަމާވެސް ތަކެތީގެ އަގު އުފުލި އަތްފޯރާ ފަށުން އެއްޗެއް ލިބޭނެތޯ ހިތާހިތުން ސުވާލުކޮށްލެވެއެވެ. ދެބަސްވެވެން ނެތް ހަގީގަތަކީ ކުރިއަށް މިއޮތް ދުވަސްތަކުގައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނަންޖެހިފައިވާ ކަމެވެ.
ރޯދަވީއްލާ ވަގުތުގައި ސުފުރާ މަަތި ކިތަންމެ ފުރިހަމައަށް ދައްކާލަން ބޭނުންވިޔަސްޑައިޓީޝަން އާސިޔާ އަބްދުލްރަހީމުވިދާޅުވަނީ މިފަހަރު ކޮންމެހެންވެސް އިސްރާފު މަދުކުރަންޖެހޭ ކަމަށެވެ.
"ކާބޯތަކެތީގެ ދަތިކަމާއިމެދު ޝައްކުއުފެދޭ، ކަންތައްތައް އޮތް ގޮތުން އިރުއިރުކޮޅާ އެއްޗެހި ގަންނާކަށް ނުދެވޭ. ޑެލިވަރީއަށް މި ގެންނަ އެއްޗެއްސާމެދުވެސް ސުވާލުއުފެދޭ. އަމިއްލަ ރައްކާތެރިކަމަށް ބަލާފައިވެސް އެބަ ވިސްނާލަންޖެހޭ ކެއުން ވަރަށް ރަނގަޅުކުރަން. އޭގެ މާނައަކީ އިސްރާފު މަދުކުރަން،" އާސިޔާ ވިދާޅުވިއެވެ.

ރޯދަވީއްލުމަށް ތައްޔާރުކޮށްފައިވާ ބާވަތްތަކެއް
އިސްރާފު ކުޑަކުރާނީ ކިހިނެއް؟
އާސިޔާ ވިދާޅުވާގޮތުގައި އިސްރާފުވާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ބޭނުންވާ ވަރަށްވުރެ އިތުރަށް ކެއްކުމެވެ. އެއަށްފަހު ކެއްކި އެތިކޮޅު ގިނަވުމުން އުކާލެވެނީއެވެ. އެއާއިއެކު ގޭގައި ސްޓޮކްކޮށްފައި ހުރި މަދު ކާއެތިކޮޅު މަދުވެ، އަތުގައި ހުރި ފައިސާވެސް މިއެޅެނީ ހަމަ ކުނިގޮނޑަށެވެ.
އެހެންކަމުން ކައްކަން ފެށުމުގެ ކުރިން ކާން ތިބީ ކިތަށް މީހުންތޯއާއި އެމީހުންނަށް ކެވޭނެ ވަރަކީ ކޮބައިތޯ ބެލުން މުހިންމެވެ. މިގޮތުން ރޯދަ ވީއްލަން ޑައިޓީޝަނުން ލަފާ ދެއްވަނީ ފެން ތަށްޓަކާއި މޭވާއަކުންނެވެ.
"14 ގަޑިއިރު މީހާ ރޯދައަށް ހުންނައިރު އެމީހާގެ ގޮހޮރުން ހުންނާނީ ހުރިހާ ހަކަތައެއް ހުސްވެފައި. މީހާގެ ވައިޓަލް އޯގަންތައް (ނޭވާލާ ނިޒާމު، ސިކުނޑި މަސައްކަތްކުރަން ފަދަ) މި ބޭނުންކުރެވެނީ ހުރިހާ ހަކަތައެއް. އެހެންވީމަ ރޯދައަށް ހުރުމަށްފަހު ފުރަތަމަ ކާއެއްޗަކަށް އެބަވާންޖެހޭ ގޮހޮރު އެކްޓިވޭޓްކޮށްދޭ އެއްޗަކަށް. އެހެންވީމަ މޭވައަކުން ރޯދަވީއްލަން އެބަޖެހޭ" އާސިޔާ ވިދާޅުވިއެވެ.
އެހެންނަމަވެސް އާންމުކޮށް ރޯދަވީއްލަން އަހަރެމެން މި ބޭނުންކުރަނީ މޭވާގެ ބަދަލުގައި ފަނިތަށްޓެކެވެ. އާސިޔާ ވިދާޅުވަނީ ފަނީގައި ގިނައަދަދަކަށް ހަކުރު އެކުލެވޭއިރު،. އެވެސް އިތުރުވާ ޚަރަދެކެވެ. ނުވިތާކަށް ހަށިގަނޑަށް ފައިދާހުރި ގޮތެއްވެސް ނޫނެވެ.
އެހެންކަމުން ތިންއޮށް ކަދުރާއި ފެންތަށްޓަކުން ފުއްދާލުމަށްފަހު 15 މިނިޓުގެ ބްރޭކެއް ނަގާލާށެވެ. އޭރުން ކައިގަނެވޭ މިންވަރު މަދުވާނެ އެވެ. އެވަގުތުގައި ސޭންޑްވިޗްއެއް ނުވަތަ ރޮށްޓާއި އެކީގައި އެއްޗެއް ކާލުމަށްފަހު އަޅުކަމަށް ވަގުތުދިނުމަށްފަހު ކުޑަ ސްނެކެއް ނަގާލާނީ އެވެ. އަދި ހާރުކެއުން ވީހާވެސް ލަސްކުރަން ސަމާލުކަންދޭންވާނެ ކަމަށް އާސިޔާ ވިދާޅުވިއެވެ.
ދުރާލާ ހަފްތާއެއްގެ މެނޫ ޕްލޭންކޮށްލާ!
އަހަރެމެންގެ ތެރެއަށް މިއީ ކުޑަކޮށް ބީރަށްޓެހި ކަމަކަށްވެދާނެ އެވެ. އެހެންނަމަވެސް ޑެލިވަރީއާއި ތިންދުވަހުން އެއްދުވަހު މިކުރެވޭ ޝޮޕިންއަށް ބަރޯސާވާން ޖެހިފައިވާ ރޯދަމަހު ޚަރަދު ކުޑަކުރަން މިއީ ވަރަށް ފަސޭހަ އުކުޅެކެވެ. ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ގޭގައި ތައްޔާރުކުރާނޭ ބާވަތްތަކުގެ ލިސްޓެއް ތައްޔާރުކުރާށެވެ. މި ލިސްޓުގައި މިހާރު ގޭގައި ހުރި ބާވަތްތަކުން ފުއްދާލެވޭނެ ރެސިޕީތަކެއް އިޚްތިޔާރުކުރުން ބުއްދިވެރިއެވެ. އޭރަށްވެސް އިސްރާފު މަދުކޮށް ކުނި މަދުކުރެވޭނެ އެވެ. އަދި ޝޮޕިންއަށްވެސް ފަސޭހަވާނެ އެވެ.
ޒީރޯވޭސްޓް މޯލްޑިވްސް ހިންގާ ދެމަފިރިން، އަފްރާހު އިސްމާއިލް އަދި ހަމްޝާ ހުސައިން --ފޮޓޯ:ސަން އާރކައިވް
މި ގޭގައި ކުނިކޮތަޅެއް ފުރެނީ ދެ ހަފްތާއިން
މީގެކުރިން އިންޓަވިއުއަކަށް ތައްޔާރުވުމުގެ ގޮތުން ޒީރޯވޭސްޓް މޯލްޑިވްސްގެ އެއް މަސްއޫލުވެރިޔާ އަފްރާހު އިސްމާއީލާ ވާހަކަދައްކާލުމުން އަޑުއިވުނު އެންމެ ހައިރާންކުރުވި ވާހަކައަކީ އޭނާގެ ގޭގައި ކުނިކޮތަޅެއް ފުރެނީ ގާތްގަނޑަކަށް ދެ ހަފްތާއިން ކަމެވެ.
މިކަން ކުރާ ގޮތަކީ، އަފްރާހު ބުނާ ގޮތުން، ހުރިހާ ފުޑް ސްކްރެޕްސް ބްލެންޑަރގައި ފުނޑާލުމަށްފަހު ޕޮޓެއްގައި ކަޅު ފަސް (ސޮއިލް)އާއެކު ކޮމްޕޯސްޓް ހެދުމަށް ބޭނުންކުރަނީ އެވެ. ކުނި މަދުކުރަންޖެހިފައިވާ މި ދަނޑިވަޅުގައި މިއީ ރަނގަޅު ޚިޔާލެކެވެ.
ބަރަބޯ ތޮށިންވެސް މީރު ރެސިޕީއެއް، ނިކަން ދަސްކޮށްބަލަ!
އޭޑިކޭ ހޮސްޕިޓަލްގެ ޑައިޓީޝަނެއް ކަމުގައިވާ މަރިޔަމް ނަޖްލާ މިފަހުން ޓްވިޓާގައި ހިއްސާކުރައްވަމުންދާ ރެސިޕީތަކުގެ ތެރެއިން ބަރަބޯ ތޮށި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މީރު ސައިޑް ޑިޝްއެކެވެ. އޭނާ ބުނެފައިވަނީ އެއްވެސް އިރަކު ބަރަބޯގެ ތޮށި އުކާނުލާކަމަށާއި ބަރަބޯ ކޮށާފައި އަބަދުވެސް ތޮށި ވަކިން ފްރިޖްގައި ބަހައްޓާ ކަމަށެވެ.
އަދި ވަކިން ކެއުމެއް ތައްޔާރުކޮށްލެވޭހާ ވަރަށް ތޮށި ރައްކާކުރެވެމުން ރޮށްޓާއިއެކު ނުވަތަ ބަތާއިއެކު ކެވޭކަހަލަ ސްޓަރ ފްރައިއެއް ތައްޔާރުކޮށްލަނީއެވެ.
މިހުރިހާ ކަމަކީވެސް މި ދަނޑިވަޅާއި ދިމާކޮށް ޚަރަދުތައް ކުޑަކޮށް އިސްރާފު މަދުކުރުމަށް ކުރެވިދާނެ ކަންކަމެވެ. ފެށުމުގައި ދަތިވެދާނެއެވެ. ނަމަވެސް ނިންމުން ﷲގެ އިރާދަފުޅާއިއެކު ފޮނިވާނެއެވެ.