20 Dec 2011, 09:58
ސ. ފޭދޫ ސުކޫލުގެ ނަން ބަދަލުކުރުމަށް ސުކޫލުގެ ބޯޑާއި ޕީޓީއޭއިން ނިންމުމަށްފަހު، ބެލެނިވެރިންގެ ހިޔާލު ހުރި ނެތްގޮތް ބެލުމަށް ރޭ އެސުކޫލުގައި ނެގި ވޯޓުގެ ނަތީޖާއިން ނަން ބަދަލުކުރަން ނުފެންނަ ކަމަށް ނިންމައިފި އެވެ.
ފޭދޫ ސުކޫލުގެ ޕްރިންސިޕަލް އަލީ މުސްތޮފާ މިއަދު ވިދާޅުވީ، ރޭގެ ވޯޓު ލުމުގައި ޖުމްލަ 251 ބެލެނިވެރިންގެ ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން ސްކޫލްގެ ނަން ބަދަލުކުރަން ފެންނަ ކަމަށް ވޯޓް ދިނީ 51 ބެލެނިވެރިން ކަމަށެވެ. ނުފެންނަ ކަމަށް 196 ބެލެނިވެރިން ވޯޓުދިން ކަމަށެވެ.
ފޭދޫ ސުކޫލްގެ ރަޖިސްޓްރީގައި 383 ބެލެނިވެރިން ހިމެނެ އެވެ.
ޖުމްލަ 500 އެއްހާ ކުދިން ތައުލީމް ހާސިލްކުރާ ފޭދޫ ސުކޫލުގެ ނަން ކުރިން ބަދަލުކުރުމަށް ނިންމާފައި އޮތީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ފަހުގައެވެ. ނަމަވެސް އެ ވޯޓްވަނީ އައްޑޫ ސިޓީ ކައުންސިލްއިން ކެންސަލް ކޮށް ފޭދޫ ސުކޫލުގެ ބެލެނިވެރިނަށް އެކަނި ވޯޓް ލެވޭ ގޮތަށް ނިންމާފަ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސޯދިގު( ސޯބެ) މިއަދު ވިދާޅުވީ، ސިޓީއަކަށް އައްޑޫ ބަދަލުވުމާ ގުޅިގެން ކުރިން އެކި ރަށްރަށުގެ ނަމުގައި ސްކޫލްތަކަށް ދީފައިވާ ނަންތައް ސިޓީ ކައުންސިލާއި އައްޑޫގެ އެޑިޔުކޭޝަން ޔުނިޓާއި ސްކޫލް ބޯޑްތަކާއި މަޝްވަރާކުރުމަށް ފަހު ބަދަލުކުރަން ނިންމި ކަމަށާއި އެގޮތުން މިހާރު ދެ ސުކޫލެއްގެ ނަން ބަދަލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އައްޑޫ ސިޓީ ކައުންސިލުންވަނީ ހިތަދޫ ސްކޫލްގެ ނަން އައްޑޫ އިންގްލިޝް ސްކޫލުގެ ނަމަށް ބަދަލުކޮށްފަ އެވެ. އަދި ހިތަދޫގައި ހުންނަ މުހިއްބުއްދީން ސްކޫލްއާއި އިންވެގެން ހުރި ސ. އަތޮޅު ތައުލީމީ މަރުކަޒާއި އެއްކޮށް އެ ސްކޫލްގެ ނަން ވަނީ ޝަރަފުއްދީން ސްކޫލްގެ ނަމަށް ބަދަލުކޮށްފަ އެވެ.