22 Apr 2020, 22:31
ޖެނީވާ (އޭޕްރިލް 22): ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ކޮރޯނާވައިރަހަކީ އިންސާނުން ލެބެއްގައި އުފެއްދި އެއްޗެއް ކަމަށް ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ޑަބްލިޔުއެޗްއޯއިން އެފަދައިން ބުނެފައި ވަނީ، އާ ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާންގެ ލެބަކުން ދޫވި އެއްޗެއް ކަމަށް ކުރެވޭ ތުހުމަތުތައް އެމެރިކާގެ ސަރުކާރުން ތަހުގީގު ކުރާނެ ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ.
"ކަމާ ބެހޭ ހުރިހާ ހެއްކަކުން ދޭހަވާ ގޮތުގައި ވައިރަސް އައިސްފައި ވަނީ ޖަނަވާރަކުން އަދި ވައިރަސް ލެބެއްގައި ނުވަތަ އެހެން ތަނެއްގައިވެސް އުފައްދާފައިވާ ކަމަށް ނުވަތަ ކޮންޓްރޯލްކޮށްފައިވާ ކަމަށް ދޭހައެއް ނުވޭ،" ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު ފަޑީލާ ޗައިބް ވިދާޅުވި އެވެ.
ޗައިބް ވިދާޅުވި ގޮތުގައި ވައިރަސް ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް އެރި ގޮތެއް އަދި ހޯދިފައި ނުވެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ވައިރަސް ފުރަތަމަ ފެތުރެން ފެށި ވޫހާންގެ އިންސްޓިޓިއުޓް އޮފް ވިރޮލޮޖީންވެސް ވަނީ އާ ކޮރޯނާވައިރަހަކީ އެ ލެބުން އުފެއްދި އަދި އެ ލެބުން ދޫވި ވައިރަހެއް ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
ކޮރޯނާވައިރަހަށް މިހާރު ދުނިޔޭގެ 2.5 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ބަލީގައި 179،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ހަ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.