އާލިޔާއާއި އަދާ އަދި މިންކާ އިށީދެލީ ރެސްޓޯރެންޓެއްގައެވެ. އަގުބޮޑު ރެސްޓޯރެންޓަކަށް ގޮސްފާ އާލިއާ ހިތްހަމަނުޖެހުނީ އެތަނުގައި މިއުޒިކް ޖަހާފައި ހުރުމުންނެވެ. އަދާގޮސް ރިސެޕްޝަން ކުއްޖަކާ ވާހަކަދެއްކުމަށްފަހު އާލިޔާމެންނާއި ބައިވެރިވިއެވެ. އިރުކޮޅެއްނުވެ މިއުޒިކްގެ އަޑު ކެނޑި ހިމޭންކަން ވެރިވިއެވެ.

"އެވެސް ހަރާމްތަ؟ " މިންކާ އެހިއެވެ.

އާލިޔާ ޖަވާބުދޭން އުޅެނިކޮށް އަދާ ލޯބޮޑުކޮށްފައި ބަލައިލިތަން ފެނިފާ އާލިޔާވެސް އެނބުރި ބަލާލައިފިއެވެ.

އެތެރެއަށް ވަދެގެން އައީ އަރްސަންއާއި މަހުދީއާއި ދެމީހުންނެވެ. ރެސްޓޯރެންޓުގައި ތިބިހާ އަންހެންކުދިންގެ ނަޒަރު އެދެމީހުން މައްޗަށް ހުއްޓުނުގޮތުންވެސް ބަޔަކު ފޮނިނުވާ ވަރެއް ނޫނިއްޔާއެވެ.

"ހޭ މިންކް....މިތާ.." މަހުދީގެ ނަޒަރު އެ މޭޒަށް ހުއްޓުނެވެ.

"ލައްބަ ދޮންބެ. މިއީ އާލިއާ މައި ނިއު ފްރެންޑް މީޓް ހާ...." މިންކާ ގަސްތުގައި އަރްސަން ބާކީކޮށްލަން ގަސްތުކޮށްފައި މަހުދީ ގާތު އިށީންނަން އެދުނެވެ. ދެވަނަ ފަހަރަށް އެނބުރި ބަލައިލިއިރު އަރްސަންގެ ހިޔަނިވެސް ފެންނާކަށް ނެތެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެތާ ތިބި ތިން އަންހެނުންނަކީވެސް އަރްސަންގެ ނަފްރަތު އެއްވަރަކަށް ހައްގު މީހުންނެވެ. ނަމަވެސް އަރްސަންއަކީ އިންސާނެއްބާވައޭވެސް ހިތަށް އަރާހާ އޭނަ ހަލުތްވެވެ. ޖާދޫގަރެއް ކަމަށްވެސް ވެދާނެއެވެ. އޭރުވެސް މިންކާއާއި އެއްވަރަށް އަދާގެ ހިތްވެސް ތެޅެމުންދިޔައެވެ. އަދާވެސް ފިނިވެފައިވާ އަތްތިލައިގެ އިނގިލިތައް މޮޑެލަ މޮޑެލާއިނީ މެނޫއަށް ބަލާށެވެ. އަރްސަން ފެނުމުން މިއަދު ވަކިން ބޮޑަށް ހިތަށް ތަދުވެއްޖެއެވެ. އޭނައަށް ކުރެވުނީ ރަގަޅުކަމެއް ބާވައޭ ހިތަށް އެރިއެވެ. ވިސްނާދެވުނު ނަމައެވެ. ކާފަރުންވެސް އިސްލާމްވަނީ ނޫންހެއްޔެވެ؟

"އަނހަ އާލިޔާ. ޒިންގެ ބިޓު؟"މަހުދީ އެއް ބުމަ އަރުވައިލިއިރު ތުންފަތުގައި ނުލަފާ ހިނިތުންވުމެކެވެ.

"އާލިއާ ކަހަލަ މާތް އަންހެންކުދިން މީހުންގެ ބިޓުންގެ ގޮތުގައެއް ނޫޅޭނެ. ހަލާލު ގުޅުމަކުން ނޫނީ އެކުދިން ފިރިހެނަކާ ނުގުޅޭނެ. މައިކްއަށް އޮޅުނީކަމަށް ވާނީ..." އާލިއާ ދިފާއުކުރީ އަދާއެވެ.

"ތެދެއް އާލިއާ. ޒިންއަކާއި އެކުވެރިއެއް ނޫންތަ؟ ނުދަންނަންތަ؟ " މަހުދީ އެހިއެވެ.

އެއީ އާލިއާއަށް ދިމާވި އިމްތިހާނެކެވެ. ދޮގެއް ހަދަންވެސް ބޭނުމެއްނުވިއެވެ. މަހުދީގެ ބޮޑު އަނގައާއި ހެދި އޭނަގެ އެކުވެރިންނަށް މާޒިންގެ ވާހަކަ ކިޔައިދޭންޖެހުނީއެވެ. ނަމަވެސް މާޒިންގެ އަގުވެއްޓޭފަދަ ގޮތަކަށް އޭނަ އެއްޗެއް ބުނާކަށް ގަސްތެއް ނުކުރިއެވެ.

"މާޒިން އާއި ދިމާވި. އޭނަ ޕްރޮޕޯސްކުރީމަ އާއެކޭ ބުނެފައި ވަނީ..." އާލިޔާ ތަންކޮޅެއް މަޑުމަޑުން ބުނެލީ ކޮންމެވެސް ކަހަލަ ކަމެއް ފޮރުވާފަދަ ގޮތަކަށް އަޅައަޅައިގެންފައެވެ.

"ގޯޑް. ނޯ..." އަދާއަށް ބުނެވުނެވެ.

"ހެހެ..."މަހުދީގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވީ އަދާގެ މޫނަށް އެރި ކުލަވަރު ފެނިފައެވެ. މަހުދީ އެތަނުން ދިޔުމާއެކު އަދާގެ އެތައް ސުވާލުތަކެއް އޮހިގަތެވެ. އާލިއާއަށް އެނޫނީ މީހަކު ނުފެނުނީހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ. އާލިއާފަދަ ދީނީ ކުއްޖަކާ މާޒިން ގުޅޭނެ އެއްވެސް ސިފައެއް ނެތްކަމަށް ބުނެލެވުނުއިރު އަދާއަށް ބޯ ހޫރާލެވުނެވެ. އޭނަވަރުވެސް އާލިއާ ނުވީހެއްޔޭ ހިތަށް އެރިއެވެ. އަރްސަން ދީން ގަބޫލުނުކުރާ މީހަކަށްވުމުން އޭނަ ލޯބި ގުރުބާންކޮށްލިއިރު އާލިއާއަށް އެވަރުވެސް ނުވިއެވެ.

"އަހަރެން އިސްތިޚާރާކުރިން. އެނގޭތަ؟ ހަޔާތުގައި ބޮޑެތި ޑިޒިޝަން ނަގަން ޖެހޭ ކަމެއް ކައިވެންޏަކީ. މިސާލަށް އެހެން ތާކަށް ހިޖުރަކުރުން ވަޒީފާއަށް ދާން ފެށުން ބޮޑު ޕްރޮޖެކްޓެއް ފެށުންފަދަ ކޮންމެ ހާލަތެއްގައި އެކަމުގައި ފަހުން ހުރި ގެއްލުމާއި ރަގަޅުކަން ދެނެވޮޑިގެންވަނީ އެންމެ ފަރާތަކުން. ސޯ އައި އާސްކްޑް ފޯ ހިޒް ހެލްޕް. ދެން އިސްތިޚާރާ ޕޮޒިޓިވްކޮށް ފެނުނީ. ހުވަފެނެއްފެނުނީ. ހުވަފެނުގައި އަހަރެމެން ކައިވެނި ކުރިއިރު މާޒިންގެ އައިލާ އެންމެން ތިބި. އަހަރެން ވަރަށް ބޮޑަށް އުފާވެފައި ހުރީ. ދުވަހަކު ނުލިބޭފަދަ ނިއުމަތެއް ލިބިގެން އުޅުނުފަދަ..އެހެންވެ އާއެކޭ ބުނަން ނިންމީ. މާޒިން އެހާ ދީންވެރި މީހަކަށް ނުވިޔަސް ފަހުން ބަދަލު ނުވާނެކަމެއް އެނގެނީ ކިހިނެއްތަ؟ އެއްވެސް މީހަކީ ފުރިހަމަ މީހެއްނޫން. އިންސާނުންނަށް ހިދާޔަތް ދެއްވާ ފަރާތަށް ކޮންމެ ދުވަހަކު އެތައް ފަހަރު އެބަ ދުޢާކުރަން. އަހަރެންވެސް އަދިވެސް އެންމެ ރަގަޅު މުސްލިމް އަންހެނަކަށްވާން ގަދަ އަޅާ މަސައްކަތް މިކުރަނީ. ކައިވެނި ކުރާނީ ދޮންބެ މީހަކާއި ކައިވެނި ކުރީމައޭ މާޒިން ގާތު ބުނިން. މި ފެށެނީ ރަމަޟާން. އެހެންވީމަ އިހަށް އިބާދާކުރަން ގިނަކުރަން މަސައްކަތް ކުރަންވީ............................" އާލިޔާގެ ވާހަކަތައް އަހަން އެކުވެރިން ދެކުދިން ތިބީ ގަޔާވެފައެވެ.

އަދާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.

ކުރިން އިސްތިޚާރާ ކުރަން އެނގުނުނަމައެވެ.

މައިންބަފައިންނާމެދުވެސް ހިތުގައި ޝަކުވާ އުފެދުނެވެ. މުއްސަދިކަމުން ބޭނުންހާ އެއްޗެހި ހޯދައިދިނަސް އެމީހުންނަށް އިސްލާމީ ތަރުބިޔަތަކުން ދަރިފުޅު ތަރުބިއްޔަތެއް ނުކުރެވުނެވެ. ހުޅަނގު ސްޓައިލަށް ބޮޑުކުރުމުން ދުނިޔޭގެ އުފާތައް ހޯދައިދެވިއްޖެއެވެ. ނަމަވެސް އަބަދަށް ދެމިގެންވާ އާޚިރަތް ދުވަހަށްޓަކާ ތައްޔާރުކޮށެއް ނުދެވުނެވެ. މިއަދު އަދާ މިވަނީ އިސްލާމީ ނޫރުގެ އަލިކަމަށް ބޭގަރާރުވެފައެވެ. ނުބައި މަގުން ދަނިކޮށް އާލިޔާ ފަދަ ކުއްޖަކު އޭނަގެ އަތުގައި ހިފާލިކަމީ ނަސީބެކެވެ.

***

އާލިޔާ ކޮޓަރިއަށް ވަންއިރު މާމަ ބުދެއް ނިންދަވަން ނާނާ އަޑުކޮޅަށް ކިޔާއިރު އަޔާޒް ލެޕްޓޮޕް ހިފައިގެން ކޮންމެވެސް މަސައްކަތެއްގައި އިނެވެ. ކަޅުހެދުން ބޭލުމަށްފަހު ހަރުގައި އަޅުވާލާފައި އަޔާޒްއަށް ނަޒަރު ހިންގައިލިއެވެ.

"ދޮންބެ މާމައަށް ބުދެއް ގަނެދިނީ ކީއްވެ؟ ބުދު ގެންގުޅޭތަނަކަށް ރަހުމަތުގެ މަލާއިކަތުން ވަދެވަޑައެއް ނުގަންނަވާނެއްނު ދޮންބެ..."

"ދޮންބެ ހީކުރީ އާލިޔާ މާމައަށް ދިން ގިފްޓެކޭ. އަސްލު ޑިމެންޝިއާ ޕޭޝަންޓުންނަށް މިވެސް ތެރަޕީއެއް. ކުޑަކުދިންދެކެ ލޯބިވާތީ އެގޮތަށް ނާސިން ހޯމްތަކުގައި ޑިމެންޝިއާ ބަލިމީހުންނަށް ބުދުދިނީމަ ކުޑަކުއްޖެއްކަމަށް ހީކޮށް ލޯބިން ގެންގުޅޭނެ. ވީއިރު ނަދުވާ ދައްތަ މެލޭޝިއާއިން އައިއިރު މަންމައަށް ދޭން ފެނުނު ހަދިޔާއަކީ މިއީތާ..." އަޔާޒުބުނެލީ ހީލަމުންނެވެ.

"އޯވް..."

"ސޯ އާލިއާގެ ކައިވެނި ކޮން ދުވަހެއްގައި؟ " އަޔާޒް އަހައިލިއެވެ.

"މާޒިން އަށް ޝަރުތުކުރިން. ދޮންބެ މާމަ ބަލަން އަންހެންކުއްޖަކު ގެއަށް ގެނައިމައޭ. ނޫނީ އޭނަ މިގެއަށް ބަދަލުވަންޏާ......" އާލިއާގެ ހިތް ތެޅިލިއެވެ. ކައިވެނީގެ ނަން އިވުމުން އޭނަގެ ހިތަށް ބިރުވެރިކަން ވަދެ ހިތް ތެޅިގަންނަނީ ކީއްވެހެއްޔެވެ؟ ނޭގޭ ކޮންމެވެސް ކަހަލަ ބިރުވެރިކަމެއްގެ އަސަރު ސިކުނޑީގެ ކަނެއްގައި ހިލުނުގޮތަށް އެ އަސަރުދަނީ ބޮޑުވަމުންނެވެ. އެހެންވާންވީ ސަބަބެއްނެތެވެ. މާޒިންދެކެ އޭނަ ޖެހިލުމެއް ނުވެއެވެ. އެނގިއްޖެއެވެ. އެގޭގައި އެ "މޮންސްޓާ" އުޅޭތީއެވެ.

"މާޒިން މިގޭގައި ދިރިއުޅެން އެއްބަސްކުރުވާ. އަދި އެއް ވާހަކަ. ދޮންބެއެއް ނޫން އާލިއާއަށް ވަލީދޭން ޖެހޭނީ. އާލިއާގެ ބައްޕަ ދުނިޔޭގައި އެބަހުރިކަމަށްވެސް ވެދާނެ. އެތައް މަންސޫރު އެއްއުޅޭއިރު އެ މަންސޫރަކީ ކާކުކަން ހޯދުން ފަސޭހައެއްވެސް ނުވާނެ. އެކަމަކު މާލޭގައި އުޅޭ ހުރިހާ މަންސޫރުތަކެއްގެ ޑާޓާ ބަލައިލަން އެބަޖެހޭ..............." އަޔާޒްގެ ވާހަކައިން އާލިޔާ ހީކުރީ ދޮންބެ ވަލީނުދޭން ދައްކައިލި ބަހަނާއެއްކަމުގައެވެ. އޭނަގެ ބައްޕައަކީ ކާކުކަން މިއަދު ހޯދުމުގެ އެއްވެސް މާނައެއް ނެތެވެ. އޭނައަކަށް ބައްޕަ އެއް މުހިއްމެއްނޫނެވެ. އަޔާޒް އޭނަގެ މަންމަ އަދި ބައްޕައެއްގެ މަގާމު ފުރާލަދީފިއެވެ. އޭނަ އެންމެ ލޯބިވާ ދެމީހުންނަކީ މާމައާއި އަޔާޒުއެވެ. އާލިއާގެ ހިތުގައި އޮތް އެއްޗެއް ސިއްރެއްނުކުރާކަހަލަ ކުއްޖެއްކަމުން ދޮންބެ ބަހަނާ ދައްކަނީ އޭ ކިޔާފައި ދިމާކުރިއެވެ. ނަމަވެސް އަޔާޒު ބުނީ ހަގީގަތަކީ އަންހެންދަރިންގެ ވަލީ ދިނުން އެންމެ އައުލާކަން ބޮޑުވަނީ ބައްޕައަށް ކަމުގައިކަމަށާއި އާލިއާގެ ބައްޕައާއި ބެހޭގޮތުން އެނގުން މިހާރު އޭނައަށްވެސް މުހިއްމު ވެއްޖެކަމުގައެވެ. އޭނަގެ ހިރާ ދައްތަގެ މާޒީއިން ކޮންމެވެސް އެއްޗެއް އެނގެން ބޭނުންވެއްޖެއެވެ. އެހާވަރަށް ހިތާމަކޮށްފައި ދުނިޔެއާއި ވަކިވެގެން ދިޔައީ ބޭވަފާތެރި ނުލަފާ ފިރިއެއްގެ ސަބަބުންކަން އެނގޭއިރު މިހާ ދުވަސްވާންދެން އޭނައަށް އެއީ ކާކުކަން ބެލުމުގެ ޚިޔާލެއްނެތެވެ.

***

އާލިޔާ ފުންމައިގެން ތެދުވުނުއިރު ފިނިދަލެއް ހިއްލާލާ ހިތް ތެޅޭވަރުން މޭގަނޑު ފަޅާލަފާނެފަދައެވެ. ނޭވާވެސް ނުލެވުނެވެ. އޭނަގެ ނިދީގައި ބިރުވެރި ސިފައެއްގައި ހުރި ފުރޭތައެއް އޭނައަށް ހަމަލާދިނީއެވެ. ތެޅިފޮޅިގެންފައި އޭތި ހަށިގަނޑުން ފޮޅާލަން އުޅުނުއިރު އެސޮރުގެ ދެލޯ ފެންނަވަރުވިއެވެ. ކަޅުމާސްކު ދަމައިގަތްއިރު އެއީ އަރްސަން ފިޔަވާ ދެވަނަމީހެއް ނޫނެވެ.

"ސުބުހާނަﷲ. އޭނަ ހުވަފެނުގައިވެސް އުދަގޫކުރަން ފެށީތަ؟ މޭ ﷲ ޕްރޮޓެކްޓް މީ. ރޭ ކުރުސިއާއި ނިދާއިރު ކިޔާ ދުޢާ ނުކިޔާ ނިދުނީމަކަމަށްވާނީ. ނަމާދުކުރާ ދުވަސްކޮޅު އެންމެ ބޮޑަށް ޕީސް ފީލް ވަނީ. "އާލިޔާ ތެދުވެ ބަލައިލިއިރު މާމަގެ މަޑުގުގުރީގެ އަޑުން ނިދާފައިކަން އެނގުނެވެ. އާލިއާ ދުޢާތައް ކިޔަވާފައި މޫނުގައި އަތްފިރުމައިލިއެވެ. ފޯނުން ގަޑި ބަލައިލިއިރު މިންކާއާއި އަދާ އަދި އޭނަގެ ވައިބާ ގްރޫޕްގައި އެކުދިން ވަރަށް ފޯރިއާއެކު ދައްކާފައި ހުރީ ޝައުބާންމަހުގެ ފަހު ދުވަސްކަަމަށް ވުމުން ދަތުރު ދިޔުމުގެ ވާހަކައެވެ. އާލިއާ ދާން ދައުވަތުދީފައި އޮތެވެ. އޭނަ ބުނީ ދޮންބެ ގާތުން ހުއްދަ ހޯދާނެކަމުގައެވެ. އެއަށްފަހު އާލިއާއަށް ނުނިދުމުން އޭނަގެ ޚިޔާލުގައި ރަމަޟާންއަށްޓަކާ ކޮންމެވެސް ކަހަލަ މެސެޖްތަކެއް ގެނެސްދޭން ޕޭޖެއްހަދަން ޚިޔާލު އުތުރިއަރަންފެށިއެވެ. މާޒިން އާއި މަހުދީގެ އިންޒާރުތަކަށް ބިރުން ދޫދޭން އޭނަ ނުޖެހޭނެއެވެ. އެމީހަކަށް ވެވުނުވަރަކުން އެނގޭ އެއްޗެއް ބުނެދިނުމަކީ މުސްލިމަކަށް ވާޖިބުކަމެކެވެ. ހަމައެކަނި އަމިއްލައަށް ހެޔޮކަންތައް ކޮށްގެން އުޅުނީމަ ކަމަކުނުދާނެއެވެ. އެކުވެރިންނާއި ދަންނަމީހުންނަށް ދައުވަތުދޭން އޭނަ ބޭނުމެވެ. ސުވަރުގެއަށް ދެވެންޏާ އެހެންމީހުންގެ އަތުގައި ހިފައިގެން ދާން ބޭނުންވާވަރަށް އޭނައަށް ބޮޑު ހިތެއް ލިބިފައިވެއެވެ.

އާލިއާ ޕޭޖެއް ހެދުމަށްފަހު އެކުވެރިންނާއި ނުދަންނަމީހުނަށްވެސް ދައުވަތު ދިނެވެ. ވަގުތުގެ ބޭނުން އެންމެ އެކަށީގެންވާ ފަަދަ ގޮތަކަށް ހޭދަވާނީ މިފަދަ ރަގަޅު މަގެއްގައި ވަގުތު ހޭދަކޮށްގެންނެވެ.

"މާޒިން. މިއިން އެންމެ ޕޯސްޓަކުންވެސް ތި ހިތަށް އަސަރުކޮށްފިއްޔާ ކިހާ ރަގަޅު. އަހަރެމެންނަކީ މުސާފިރުން. ހަގީގީ މަންޒިލަށް ވާސިލުވުމުގެ ކުރިން ޖައްސައިލި ބަދަރެއް މިއީ. އެކަން މާޒިންވެސް ދަނެގެން ދުނިޔެއަށް އައި ބޭނުން ފުރިހަމަ ގޮތުގައި ހިފާނެކަމަށް ހީކުރަން.." އާލިއާ އެފްބީއިން މާޒިންއަށް ދައުވަތު ދިނުމަށްފަހު ހިނިތުންވެލިއެވެ.

***

ޖެހިގެން އައި ދުވަހަކު ޑާކްއެންޖެލް ކިޔާ މީހަކު އާލިއާއަށް އިންޒާރުކުރިއެވެ. ޕޭޖު ނަގަން އެންގިއެވެ. އާލިއާ ފެނުނުކަމަކަށްވެސް ނެހެދިއެވެ.

"މާޒިންއަށް ވެދާނެތަ؟ އޭނަގެ ހިތް ހަމަ އެހާ ޑާކްތަ" އާލިއާއަށް އަމިއްލަ ޟަމީރާއި ސުވާލުކުރެވުނަސް ޖަވާބެއް ނުލިބުނެވެ. މިކަހަލަ ފާޑުފާޑު މީހުންގެ އިންޒާރު ކިތަންމެ ގިނަވިޔަސް ބިރުދެއްކިޔަސް މާތްﷲގެ ދީން މަތިވެރި ކުރައްވާނެތެވެ. އެނޫރުފުޅު ދުވަހަކު ނިވުމެއްނެތެވެ. މިފަދަ އެކެއް ނޫނެވެ. ކުރީ ޕޭޖަށްވެސް މުރުތައްދުންގެ ހަމަލާ އަންނަލެއް މަދެއްނޫނެވެ. ޚާއްސަކޮށް ދީން ގަބޫލުނުކުރާ މީހުންނެވެ. އެފަދަ މީހުންނަށްވެސް ކޯފާއެއް އައުމުން ކުޑަކަކޫމައްޗަށް ތިރިވާނެއެވެ.

ގުރުއާނުގައި ވަހީ ކުރައްވާފައިވެއެވެ.

"وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّٰبِرِينَ

"ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުން އިމްތިހާނު ކުރައްވާހުށީމެވެ. ބިރުވެރިކަމާއި ބަނޑުހައިކަމުގެ ތެރެއިން ކަމެއް މެދުވެރި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ،"

***

އަޔާޒު އާލިއާއަށް ދަތުރުދާކަށް ހުއްދައެއްނުދިނެވެ. ގޭގައި ބާބެކިއުއެއް ހެދިޔަސް މައްސަލައެއް ނެތްކަމަށް ބުނެލިއެވެ. އާލިއާގެ ކިޑްނެޕްކުރުން އޭނަ ދިރިހުރިހާ ހިނދަކު ހަދާނަކުން ނުފިލާނެއެވެ. އާލިއާ ކިތަންމެ ބިރުކުޑަ ޖެހިލުންކުޑަ ކުއްޖަކަށް ވިޔަސް އަޔާޒްގެ ބަލަދުވެރިކަމުގެ ދަށުގައި އޭނަ ހިމާޔަތްދޭނެއެވެ. ފިރިޔަކާއި ހަވާލުކުރަންދެން އޭނަ ޒިއްމާ އަދާކުރާނެއެވެ. ތިން އަންހެންކުދިން ބާޒާރުކޮށްލުމަށްފަހު ކޮތަޅުތައް ހިފައިގެން ގެއަށް ވަންނާން އައިއިރު މާޒިންވެސް ކާރުން އައިސް އަރާ ހަމަކުރީއެވެ. ބިއްލޫރި ތިރިކޮށްލާފައި އޭނަ އާލިއާގެ ނަމުން ގޮވާލުމުން އާލިޔާ ހާސްވާގޮތްވިއެވެ.

"ވާންއުޅޭ ފިރިމީހާ ވީމަ އޭނަ ބުނާ އެއްޗެއް އަހާފައި އަންނަން ދާންވީނު އާލިއާ..." މިންކާ އާލިއާ އަތުގައި ހުރި ކޮތަޅުތައްވެސް އަތުލައިގެންގޮސް ދޮރާށިން އެތެރެއަށް ވަދެއްޖެއެވެ.

"ތިއީ ރަގަޅުކަމެއް ނޫނެއްނު...."

"މިވާހަކަ ބުނުން ވަރަށް މުހިއްމު. ފޭސް ޓު ފޭސް ބުނެލަންވެގެން ވަގުތެއް ނުލިބިފައި ހުރީ. ފޯނުން ބުނާކަށް އެހާ އެކަށީގެންނުވާތީ. ފުރަތަމަވެސް މާފަށް އެދެން. ނޫނީ އާލިއާ މިވާހަކަ އިވިފައި ހެއްދެވި ފަރާތަށް ޝުކުރުކަން ނޭގޭ ކުރާނީ. އަހަރެންގެ ނިންމުން ބަދަލުކޮށްފިން. ޕްރޮޕޯސަލް އަބުރާ ގެންގޮސްފިން. ކައިވެންޏަކީ ތާކުންތާކު ނުޖެހޭ ކުޅިވަރެއްކަމުގައި ދެކެ ބޭކާރު މަގުސަދެއް ހާސިލުކުރުމުގެ ބޭނުމެއް ނުފެނުނީ. އަހަރެން ކައިވެނި ކުރަން ހުރިހާކަމެއް ނިންމާފައި އޮތްވާ އަހަރެންގެ ލޯބިވެރިޔާ އަބަދަށްޓަކާ ވަކިވީ. ސޯ މިކައިވެނި ކޮށްފިއްޔާ އޭނަގެ ފުރާނައަށްވެސް ހަމަޖެހުމެއް ނުލިބޭނެ. ދެވަނަފަހަރަށް ލޯބިވުމަކީ ކުރެވޭނެކަމެއްނޫން. އެކަމަކު އާލިއާއާއި ކައިވެނި ކުރަން އެހެން މީހަކު ތައްޔާރަށް އެބަހުރި. އެއީ އަރްސަން. އަރްސަންއާއި އާލިއާ ކައިވެނި ކުރޭ..........................." މާޒިންގެ ޖުމްލަތަކުން އާލިޔާގެ ހިތުގެ ތެޅުން މަޑުވަމުންގޮސް ހުއްޓުނުފަދަ އިހުސާސެއް ކުރެވުނެވެ. ހިތަށް ބުނަން ނޭގޭފަދަ އަނިޔާތަކެއް ލިބިއްޖެއެވެ.

ދެވަނަ ސިކުންތުކޮޅުގައި މާޒިންގެ ފަހު ޖުމްލަ އޭނަގެ ހިތުގައި ހިނގައިގަތް ހިތްދަތިކަމުގެ ޖަޒުބާތުތަކުގައި އަލިފާން ރޯކޮށް ރުޅިވެރިކަމުން ފުރާލައިފިއެވެ. އޭނައަށް އެ އިވުނީ ރަގަޅަށް ބާވައޭވެސް ހިތަށް އެރިއެވެ.

ނުނިމޭ