މިހިނގާ 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީ، މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އޭޕްރިލް 2020 ވާ ހުކުރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ހަނދު ސާބިތު ކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިިރު އޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި އަދި އިތުބާރު ހުރި ފަލަކީ ހިސާބުން ވެސް ކަށަވަރުވާ ކަމަށެވެ.

"އިސްލާމީ އެއްވެސް ގައުމަކަށްވެސް މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައި ނުވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ 1441 ވަނަ އަހަރުގެ ޝައުބާން މަހުން 30 ދުވަސް ކަމަށް ކަނޑައަޅައފިން،" އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށެވެ.

ރަމަޟާން މަހުގެ ފަރުޟު ރޯދަ އަދާކުރުމަށް މިނިސްޓަރު ވަނީ އެންމެހާ ރައްޔިތުންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި ވިދާޅުވީ، ގިނަ ގިނައިން ހެޔޮ އަމަލު ކުރަންމަތީ ދެމިތިބުމަށް ވަސިއްޔަތް ކުރާ ކަމަށެވެ.

"މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ވަބާއިން އެންމެހައި ދިވެހިންނާއި އިސްލާމީ އުންމަތް އަދި މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވައި ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިޔުމަތް އަޅަމެން އެންމެންނަށް މިންވަރު ކޮށްދެއްވުން އެދި ﷲ ސުބުހާނަހޫވަތައާލާގެ ހަޒްރަތުގައި ދުއާ ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.