23 Apr 2020, 12:53
މީގެ ކުރިން ރޯދަ މަހާ އެކު މާލޭގެ މާރުކޭޓު ސަރަހައްދަކީ އެންމެ ހަލަބޮލިވާ ސަރަހައްދެވެ. ރަށްރަށުން މުދާ ހިފައިގެން އަންނަ ބޯޓުތަކުން ފަޅުތެރެ އޮންނަނީ ފުރިފަ އެވެ. ރަށްރަށުން ގެންނަ އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީއިން މާރުކޭޓު އޮންނަނީ ތިޔާގިވެފަ އެވެ. އަދި ރޯދަ ބާޒާރު ކުރަން މީހުން ގޮސް، ކަންމަތީ ފިހާރަތަކާއި ބޮޑެތި ސުޕަމާކެޓްތައް ފުރާލަ އެވެ.
ކޮރޯނާވައިރަސް ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދު ހުއްޓުމަކަށް ގެނައުމާ އެކު، އެ ހުރިހާ ކަމެއް މި ވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. ރޯދަ މަހުގެ ތިޔާގި މަންޒަރު މި ވަނީ މުޅިން ބަދަލުވެފަ އެވެ.
މާލޭގައި ލޮކްޑައުންއާ އެކު މާރުކޭޓުތަކުގައި ހުރީ ބޮޑުތަޅު އަޅުވާފަ އެވެ. އިހަކަށް ދުވަހަކު ހުޅުވި، ދަތުރުވެރިންގެ މާރުކޭޓް ވެސް ހުރީ ބަންދުކޮށްފަ އެވެ.
މާލެއަށް އަރާ ފުރުން މަނާކޮށްފައި އޮތުމުން އެހެން އަހަރުތަކުގައި ރަށްރަށުން މާލެއަށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް ގެނައި ނަމަވެސް އެކަން ކުރަން ވަރީ ހުރަސް ކުރިމަތިވެފަ އެވެ. އަދި ކޮވިޑް-19އިން ރައްކާތެރިވުމަށް ބައެއް ރަށްތައް ވެސް ހުރީ ލޮކްޑައުންގަ އެވެ. އެއާ އެކު ބާޒާރަށް މި އައީ ލަފާކޮށްލަން ވެސް ނޭނގޭހާ ބޮޑު ބަދަލެކެވެ.
ކަރާގެ މައިރަށް ތޮއްޑޫ ލޮކްޑައުންގައި
ރޯދަ މަހަށް އެންމެ ޑިމާންޑު ބޮޑުވާ މޭވާގެ ބާވަތަކީ ކަރާ އެވެ. ކަރާ ހެއްދުމުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ އއ. ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ ވިދާޅުވީ ޒަރޫރީ ބޭނުމެއް ނެތި އެ ރަށުން މީހުން ފޭބުން މަނާކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް މާލެއިން އެ ރަށަށް ދާ އޮޑިފަހަރަށް މުދާ ބަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހަސަން ވިދާޅުވި އެވެ. އެހެން ނަމަވެސް މާލޭގައި ބަލި ފެތުރެމުން އަންނާތީ ބައެއް ފަރާތްތަކުން މާލެއަށް އަންނަން ވެސް ބޭނުމެއް ނުވެ އެވެ.
"މި ދުވަސްކޮޅުގެ ހާލަތު ހުރި ގޮތުން އެންމެ ބޭނުންވާ ގޮތަށް މުދާ ވިއްކޭ ގޮތެއް ނުވޭ... މި ދުވަސްވަރު ތޮއްޑޫއިން އެއްވެސް ދޯންޏަކަށް ވެސް މީހަކަށް ވެސް ރަށުން ބޭރަށް ދިއުމުގެ ހުއްދައެއް ނެތް. ނަމަވެސް އެހެން ރަށްރަށުން އަންނަ އުޅަނދުފަހަރަށް އެބަ ހުއްދަ ދެން ގަވާއިދުގެ ތެރެއިން ބަނދަރުމަތީގައި ވަކިއިރެއް ވަންދެން މަޑުކޮށް، މުދާ ބަރުކޮށްގެން ދާން." ހަސަން ވިދާޅުވި އެވެ.
ތޮއްޑޫ ކަރާދަނޑެއް --- ސަން ފައިލް ފޮޓޯ
ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރި ނަމަވެސް ތޮއްޑޫ ދަނޑުވެރިކަމުގެ އުފެއްދުންތައް މާލެއަށް ގެނެސް ވިއްކުމަށްޓަކައި ވިޔަފާރިވެރިންނާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.
"މިއަދު ވެސް ވަރަށް ގިނަ ދޯނިތަކުން މުދާ ގަނެގެން ގެންގޮސްފި. މާލޭގެ ބައެއް ވިޔަފާރިވެރިންނާ ވެސް އެބަ ވާހަކަ ދައްކަން. އެ ބޭފުޅުން ވަކި އަދަދަކަށް ނަގާނަމަ ދޯނިތަކަށް ހުއްދަ ދީގެން މާލެ ގެންދެވޭ ކަހަލަ ގޮތަކަށް ވޭތޯ." ހަސަން ވިދާޅުވި އެވެ.
ދަނޑުވެރިން ހައްދާ ތަކެތި ގަތުމަށްޓަކައި އެސްޓީއޯ އެގްރިސެންޓަރު ހުޅުވަން ތައްޔާރުވަމުންދާއިރު، އެތަނުން ގަންނަ ބާވަތްތަކުގެ ތެރޭގައި ކަރާ ނުހިމެނޭ ކަމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވުމުން ހަސަން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ އެގްރިސެންޓަރުން ކަރާ ގަންނާނެ ކަމަށް އަމްރު ކުރިން ވިދާޅުވި ކަމަށާއި ނަމަވެސް ފަހުން ނުގަންނާނެ ކަމަށް ވިދާޅުވުމުން ދަނޑުވެރިން ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި ކަމަށެވެ.
މިފަހަރު ކަނޑޫދޫ މިރުސް ލިބުމަކީ ނާދިރުކަމެއް
ރޯދަ މަހަށް އާންމުން ތައްޔާރުވަމުންދާއިރު، މާލޭގެ ގިނަ ފިހާރަތަކުން މިހާރު މިރުސް ހުރީ ގާތްގަނޑަކަށް އެއްކޮށް ހުސްވެފަ އެވެ. މިއީ ރޯދައިގެ އިތުރުން އާންމު ދުވަސްވަރު ވެސް ކެއުމުގައި ބޭނުންކުރާ އެއްޗެކެވެ.
ތ. ކަނޑޫދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަވާޒު ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިރުސް ހެއްދުނީ ވެސް މަދުންނެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރުމާއެކު އެތަކެތި މާލެއަށް ފޮނުވިޔަސް ވިއްކޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ކުރިން މާރުކޭޓުގައި ވިއްކަން ހުރި ކަނޑޫދޫ މިރުސް--- ސަން ފޮޓޯ
"ދަތުރުކުރާ އުޅަނދުފަހަރު ދަތުރުކުރާ ކަހަލަ ގޮތަކަށް ނޫން އޮތީ. މާލެ ފޮނުވިޔަސް ކިހިނެއްތޯ ވިއްކާނީ ވެސް. މާލެއިން އާދޭ ދޯނިފަހަރު، މިއަދު ވެސް އެބަފުރާ.. މިފަހަރު މާގިނަ މިރުހެއް ވެސް ނެތް. އަތޮޅުތެރެއަށް ބޭނުންވާ ވަރަށް ވެސް ނުލިބިގެން އުޅެނީ." ނަވާޒު ވިދާޅުވި އެވެ.
ބާޒާރުކުރުން ބުރަބޮޑު ކަމަކަށް
ރޯދަ މަސް ފެށެން ކައިރިވެފައިވާއިރު، ދެން އެންމެ ބޮޑު ތަފާތެއް ފެންނާނީ ބާޒާރުކުރުމުގެ ވައްޓަފާޅިންނެވެ. ހިތަށް އެރި އިރަކު ގޮސް ވިޔަފާރި ކޮށްލެވުނު ނަމަވެސް މިފަހަރު މިގޮތަށް ބާޒާރު ކުރެވޭކަށް ނެތެވެ. ލޮކްޑައުންއާއެކު ހަފްތާއަކު ދެ ދުވަހު ކޮންމެ ގޭބިސީއަކުން ބާޒާރުކޮށްލަން ނިކުމެވޭނީ އެކަކަށެވެ. އެއީ ކޮންމެ ދުވަހަކު އެއް ގަޑިއިރަށެވެ.
މިއީ މުޅިން އާ އުސޫލަކަށްވުމާއެކު މިކަމުގައި ވެސް އަދި ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. މިސާލަކަށް ބައެއް މީހުންނަށް ހެނދުނު 9:00 - 10:00 އަށް ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި އޮތް ނަމަވެސް އެ ގަޑީގައި ގިނަ ފިހާރަތައް ހުންނަނީ ބަންދުކޮށްފަ އެވެ.
ނަތީޖާއަކީ ހުޅުވާފައި ހުންނަ މަދު ފިހާރަތައް ކައިރީގައި ކިއޫ ހަދަން ޖެހުމެވެ. ރައްކާތެރިވާން އެޅި ފިޔަވަޅުގެ ބޭނުމެއް ނުހިފޭއިރު، ވިޔަފާރިކުރަން ދީފައި އޮންނަ ގަޑި ހަމަވަނީ ދިގު ކިއޫއެއްގައި ޖެހިގެން ހުއްޓަ އެވެ.

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީގެ އިތުރުން ކަންމަތީ ފިހާރަތަކުން މުދާ ހުސްވަމުންދާ ކަމަށާއި ހުސްވާ ވަރަށް ހޯލްސޭލަރުން އަތުން މުދާ ނުލިބޭ ކަމުގެ ޝަކުވާ ފިހާރަ ހިންގާ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
"ވިޔަފާރި ދަށެއް ނޫން. ޕެންޑިންގައި މިހާރު ވެސް ބައިވަރު އޯޑަރުތައް އެބަހުރި ޑެލިވަރީ ނުކުރެވި. އެ ޑެލިވަރީތައް ނިންމާލީމަ އެބައި ހަމަޖެހޭ އެކަމަކު މައްސަލައަކީ ހޯލްސޭލަރުން އަތުން މުދާ ލިބުން ދަތިވީމަ. ބައެއް ފަހަރު އެބަ ނަގާ ތިން ދުވަސް، ފަސް ދުވަސް ވެސް." މާލޭގައި ކުޑަ ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.
ގިނަ ކޮންޓެއިނަރުތައް ކްލިއާ ނުކުރެވި!
ހޯލް ސޭލަރުންގެ ވާހަކަތައް ގޮސް ހުއްޓެނީ ބޭރު ގައުމުތަކާއި މާލޭ ވިޔަފާރި ބަނދަރުގައި ކްލިއާ ނުކުރެވި ހުރި ޝިޕްމަންޓުތަކާ ހަމައަށެވެ. ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކުރާ އެމްޔޫ ސްޓޯރުގެ އިސް ބޭފުޅަކު ވިދާޅުވީ އެކުންފުނިން މުދާ ގެންނަ ބައެއް ގައުމުތަކުގައި ޝިޕްމަންޓްތައް ތާށިވެފައި ހުރި ކަމަށެވެ.
"އަލަނާސި މިކޮޅުން މިހާރު ހުސްވަނީ. ބިސް، ފިޔާ، އަލުވި އިތުރަށް ނުގެންނަ ގޮތަށް މިހާރު އޮތީ. މިތަން ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އެތަކެތި ނުވިކިގެން ހަލާކުވެގެންދާނީ. ބައެއް ޝިޕްމަންޓްތައް އެބަހުރި ޑިލޭވެފައި ނޫނީ ނުވެސް އަންނަނީ. ތަންކޮޅެއް ކުރިން އައި ޝިޕްމަންޓްތަކެއް [ދުބާއީއިން] ކްލިއާވެގެން މިހާރު މި ވިއްކަނީ. ލޮކްޑައުންގެ ފަހުން ކްލިއާވީ އެންމެ ޝިޕްމަންޓެއް. އަދިވެސް އެބަހުރި ކްލިއާ ނުވެ ހުރި ޝިޕްމަންޓުތައް." އޭނާ ވިދާޅުވި އެވެ.

އޭޕްރީލް 22، 2020: މާލޭ ނޯތް ހާބަރު ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެމްޔޫ ސްޓޯރަކީ ރިސޯޓުތަކަށް ވެސް ސަޕްލައިކުރާ ކުންފުންޏެވެ. ނަމަވެސް ކޮވިޑް19އާ ގުޅިގެން ރިސޯޓުތައް ވެސް ބަންދުކޮށްފައި އޮތުމާއެކު ރިސޯޓުތަކަށް ހާއްސަކޮށްގެން ގެނައި ޝިޕްމަންޓު ވެސް ވިޔަފާރިވެރިންނަށް ދަނީ ހޯލްސޭލް ކުރަމުންނެވެ.
"ރިސޯޓުތަކަށާ އެއްކޮށް މުދާ ގެންނަނީ. ރިސޯޓުތައް ޝަޓްޑައުން ވީމަ އެތަކެތިން އެބަހުރި ސްޓޮކް. ވިޔަފާރިވެރިން 100 ކޭހުން 200 ކޭހުން ވެސް އޯޑަރުކުރޭ." އޭނާ ވިދާޅުވި އެވެ.
ލޮކްޑައުންއާއެކު މުދާ ގަނެ ވިއްކުން މުޅިން ކަހަލަ ގޮތަކަށް ބަރޯސާވެފައި އޮތީ ޑެލިވަރީގެ ނިޒާމަށެވެ. އެންމެ ފުރިހަމައަށް ތައްޔާރު ނުވެވި ތިއްބައި ލޮކްޑައުން ކުރުމުން ޑެލިވަރީ ހިދުމަތް ނުދެވި އޮތީ ކޮށި އަރާފަ އެވެ. ހާހުން ހާހުން ލިބުނު އޯޑަރުތައް ނިންމާ ނުލެވެނީސް ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި އުޅޭ ބައެއް ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުންނަށް ކޮވިޑް19 ޖެހުނެވެ.

އޭޕްރީލް 22، 2020: މުދާ ޑެލިވަރީ ކުރުމުގައި ބަޔަކު ހަރަކާތްތެރިވަނީ-- ސަން ފޮޓޮ/ ފަޔާޒު މޫސާ
ބީއެޗްއެމްގެ ހެޑް އޮފް ސޭލްސް އެންޑް މާކެޓިން އިބްރާހިމް ޝަރީފް ވިދާޅުވީ އެކުންފުނީގެ މުވައްޒަފަކަށް ކޮވިޑް19 ޖެހިގެން ފިހާރަ ބަންދު ކުރުމާއެކު ވިޔަފާރިއަށް ވަގުތީގޮތުން ހުއްޓިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރޯދައަށާއި ކުރިއަށް އޮތް ދެތިން މަހަށް ވާ ވަރަށް މުދާ އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ތަންތަން ބަންދުވެފައި މިހިރީ އެހެންވީމަ މުދާ ސަޕްލައިއެއް ނުކުރެވޭނެތާ. ކަރަންޓީންވުމުގެ ކުރިން މުދާ ގެނައުމުގައި މާބޮޑު ދައްޗެއް ކުރިމަތި ނުވޭ. މެލޭޝިއާ ލޮކްޑައުންއަކަށް ދިޔައިމަ ކުޑަކޮށް ޑިލޭތަކެއް އައި... ހުރިހާ އެއްޗެއްގެ ސްޓޮކްވެސް އެބަހުރި ރޯދަމަހަށާ އެއްކޮށް. އަބަދުވެސް ކުރިއަށް އޮންނަ ދެތިން މަހަށް ވާ ވަރަށް ސްޓޮކް ބަހައްޓަން. ޕެންޑިން އޯޑަރުތައްވެސް ހުންނާނެ." ޝަރީފް ވިދާޅުވި އެވެ.
ބީއެޗްއެމްގެ އިތުރުން ލިލީ އެފްއެންޑްބީއާއި އިހުސާން ފިހާރައިގެ ޑެލިވަރީގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ވެސް ކޮވިޑް19 ޖެހުމުން އެތަންތަން ވެސް ވަނީ ބަންދުކޮށްފަ އެވެ. އެއާ އެކު، މާލޭގެ ބާޒާރަށް މުދާތައް ނެރުމަށް ވަނީ ހުއްޓުން އައިސްފަ އެވެ.
މުދަލުގެ އަގުތައް އުފުލެނީ!
ކޮވިޑް19ގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބުރޫއަރައި، މުދާ ގެނައުމަށް ދަތިތަކެއް ދިމާވުމުން ބާޒާރުގައި ވިއްކާ ތަކެތި އަގުބޮޑުވާން ފެށި އެވެ. މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު އިތުރަށް އަގުތައް މަތިވި އެވެ. އަނެއްކާ މިފެށެނީ ރޯދަ މަހެވެ. އެއާ އެކު ބޯމަތިވާ ބޮޑު ޑިމާންޑާއެކު، އަގުތައް ބޮޑުވެ އެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ރޯދައާ ދިމާކޮށް ސަޕްލައިމާބޮޑަށް މަދުވާނެ އެވެ. އެހެންވެ އަގުތައް މައްޗަށް ދިޔުމަކީ އެންމެ ކައިރީގައި އޮންނަންވާނެ ކަންތަކެވެ.
ކާޑާއި ބައެއް ބާވަތްތަކުގެ މުދަލުގެ އަގުތައް ވިއްކާ އަގު ސަރުކާރުން މިހާރު ވެސް ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް ރޯދަ މަހު އާންމުކޮށް ބޭނުންކުރާ ލޮނުމެދު، ތޮޅި، ކާފޫރުތޮޅި އަދި ޓޮމާޓޯ ފަދަ ތަކެތީގެ އަގުތައް މިހާރު ވެސް ކޮވިޑް19އާ ގުޅިގެން ވަނީ އުފުލިފަ އެވެ.

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުރިން 40 ރުފިޔާއިން 45 ރުފިޔާއަށް ވިއްކި ލޮނުމެދު ކިލޯއެއްގެ އަގު މިހާރު ހުރީ 70 ރުފިޔާއިން އިން މަތީގަ އެވެ. ތޮޅި ކިލޯއެއްގެ އަގު 50 ރުފިޔާއިން އިން 90 ރުފިޔާއަށް ބޮޑުވެފައިވާއިރު، 20 ރުފިޔާއަށް ވިއްކި ޓޮމާޓޯ ކިލޯއެއް މިހާރު ބައެއް ފިހާރަތަކުން ވިއްކަނީ 40 ރުފިޔާ އަށެވެ. އަދި 100 ގުރާމުގެ ކާފޫރުތޮޅި ކުރިން 40-45 ރުފިޔާއަށް އަށް ގަންނަން ލިބުނު ނަމަވެސް މިހާރު ލިބެނީ 100 ރުފިޔާއަށް އަށެވެ. ކާށި ލިބުން ދަތިވެފައިވާ މި ދުވަސްވަރު ކާށްޓެއްގެ އަގު 8 ރުފިޔާއިން 15ރ އަށް ވަނީ އުފުލިފަ އެވެ.
ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީއަށް އައިސްފައިވާ ހީނަރުކަމުގެ އިތުރުން މާރުކޭޓުތައް ބަންދު ކުރުމުން މިއަހަރު ރޯދަ މަސް ވެގެން ދާނީ ބާޒާރަށް ތަދު ދުވަސްތަކަކަށެވެ. ދިވެހިންނަށް ވެސް މި ރޯދަ މަސް އެތައް ގޮތަކުން ތަފާތުވާނެ އެވެ. އޭގެ ފުރަތަމަ ބަދަލު މި ފެންނަނީ ބާޒާރުންނެވެ.