22 Apr 2020, 20:50
މުވައްޒަފުންގެ ފަރާތުން ކޮރޯނާވައިރަހަށް ޝައްކުު ކުރެވޭ އަލާމާތްތައް ފެންނަނަމަ، އެފަދަ މުވައްޒަފުން ވަޒީފާއަށް ނުނެރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން އިލްތިމާސްކޮށްފި އެވެ.
މުވައްޒަފުންގެ ފަރާތުން އަލާމާތްތައް ފެންނައިރުވެސް ބައެއް ކުންފުނިތަކުން އެފަދަ މުވައްޒަފުން މަސައްކަތަށް ނެރެމުންދާކަން ފާހަގަވެފައިވާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިދުވަސްވަރު ކޮންމެ ކުންފުންޏަކުންވެސް މުވައްޒަފުން މަސައްކަތަށް ނެރޭ އިރު، އެ މުވައްޒަފުންގެ ފަރާތުން އަލާމާތްތައް ފެނޭތޯ ބެލުން ކޮންމެހެންވެސް މުހިންމު ކަމަށެވެ. މިހާރު މާލެއިން ފެނިފައިވާ ކޭސްތަކުގެ ތެރެއިން ބޭއެއް މީހުންގެ އަލާމާތްތައް ފެނުމުންވެސް މަސައްކަތަށް ނުކުމެފައިވާ ކަން ފާހަގަވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"އެއްގޮތަކަށްވެސް އެހެން ވެގެން ނުވާނެ. ބަޔަކާ ހަވާލުވެ ތިބި ބައެއްވިއްޔާ އެބަޔަކު ޖެހޭނެ އެ މަސައްކަތަށް ނެރޭ މީހުންގެ ތެރޭގައި އެއްވެސް ވަރެއްގެ އަލާމާތެއް [ހުރިތޯ ޔަގީން ކުރަން]. އަލާމާތެއް ހުރެއްޖެ ނަމަ، އަޅުގަނޑުމެންނަށް ވަގުތުން އަންގަން ޖެހޭނެ. އަދި މަސައްކަތަށް ނުކުތުން ހުއްޓާލަން ޖެހޭނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: މުވައްޒަފުންގެ ފަރާތުން އަލާމާތްތައް ފެންނަ ނަމަ، މަސައްކަތައް ނުނެރުމަށް އިލްތިމާސްކުރެއްވި --- ފޮޓޯ/ އެންއީއޯސީ
އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގައި ބައެއް ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ނާޅާ އުޅޭ ކަމުގެ ޝަކުވާ ލިބޭކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހަވާލުކުރާ ފަރާތްތަކުން މުވައްޒަފުން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަން ކަށަވަރު ކުރުމަށްވެސް ޑޮކްޓަރު އިލްތިމާސް ކުރެއްވި އެވެ.
މިހާތަނަ ރާއްޖެއިން ފެނުނު ކޭސްތަކުގެ އަދަދު 85 އަށް ވަނީ އަރާފައެވެ. އޭގެ ތެރެއިން މާލެއިން މިހާތަނަށް 66 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.