ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސަރަހައްދު ލޮކްޑައުންކޮށް ބޭރަށް ނިކުތުން މަނާކޮށްފައި އޮތް ނަމަވެސް އަންނަ ހަފްތާގެ ދެ ދުވަހު ބޭންކުތައް ހުޅުވަން ހަމަޖެހިފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ އަންނަ ހަފްތާގެ ހޯމަ އާއި ބުދަ ދުވަހު އެތަނާއި ބޭންކުތައް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް، އެމްއެމްއޭ އިން ހިދުމަތް ދޭނީ ހަމަ އެކަނި ބޭންކުތަކަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެއީ ވެސް ޒަރޫރީ ހިދުމަތްތައް އެކަންޏެވެ.

އެގޮތުން އެމްއެމްއޭ ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އަށެވެ. އަދި އެ ދެ ދުވަހުގައި ބޭންކުތައް ހުޅުވާނެ ގަޑިތައް ދޭނެ ހިދުމަތްތައް އެ ބޭންކުތަކުން ހާމަކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން، މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް އަންނަނީ ދެމުންނެވެ.