22 Apr 2020, 21:17
ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ޓެސްޓު ކުރުމުގައި ހަމައެކަނި އަލާމާތްތައް ފެންނަ މީހުންނަށް އިސްކަން ދިނުމަށް ފަހު އަނެއްކާވެސް ހުރިހާ އެންމެންގެ ސާމްޕަލްތައް ނަގައި ޓެސްޓުކުރާ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 86 މީހުންނެވެ. އޭގެ ތެރެއިން އުލިގަމުން ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން އުލިގަމުގެ އިތުރުން ހިރިމަރަދޫގައި އެބަ ތިއްބެވެ. އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ނުކުރަނީ ކީއްވެތޯ ނޫސްވެރިން ވަނީ މީގެ ކުރިން ސުވާލު އުފައްދައިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، އެ މީހުންގެ ސާމްޕަލްތައް ސާމްޕަލް ނެގިފައި ނުވަނީ ޓެސްޓުކުރުމުގައި އަމަލުކުރަމުން އައި ސިޔާސަތު ބަދަލުވުމުން ކަމަށެވެ. އެއީ ހައި ރިސްކު ކޮންޓެކްޓުންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެންނަ މީހުންގެ ޓެސްޓު ހެދަށް ނިންމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ނިންމީ، ކޮންޓެކްޓުންގެ އަދަދު މި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިތުރުވުމުން އެކަމަށް ރިއާޔަތްކޮށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"މިކަމުގައި އަޅުގަނޑުމެން ކުރިން އަމަލުކުރަމުން އައި ގޮތެއް އެއީ ހަމަ ޑައިރެކްޓު ކޮންޓެކްޓެއް ވެފައިވާ ލޯ ރިސްކު ވިޔަސް ހައި ރިސްކު ވިޔަސް އެ މީހުންގެ ސާމްޕަލް ނެގުމަށް ނިންމައިގެން އަޅުގަނޑުމެން ކުރިއަށް ދިޔައީ. ދިޔަ އިރުގައި މި ދެ ދުވަހެއްގެ ތެރޭގައި މި އައި ސާޖްއާ އެކީގައި އަޅުގަނޑުމެން ނިންމީ، ޓެގްގެ އެޑްވައިޒަކަށް ލިބުނީ އަޅުގަނޑުމެން ފޯކަސްކުރަން ޖެހެނީ އެޗްޕީއޭގެ ފަރާތުން މި މަސައްކަތް ކުރާ ޓީމުން ފޯކަސް ކުރަން ޖެހޭނީ ހައި ރިސްކު ކޮންޓެކްޓްސްއަށް ކަމަށް އަދި އޭގެ ތެރެއިންވެސް ފޯކަސް ކުރަން ވާނީ ސިމްޕްޓޮމެޓިކް މީހުންގެ ސާާމްޕަލްތައް ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.
އެހެންނަމަވެސް، މިހާރު އެ އުސޫލު ބަދަލުކޮށް ހުރިހާ އެންމެންގެ ސާމްޕަލް ނަގައި ޓެސްޓު ކުރަން އަލުން ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެގޮތުން އުލިގަމާއި ހިރިމަރަދޫގައި މިހާރު ހުންނާނީ ކޮންޓެކްޓުންގެ ސާމްޕަލް ނެގޭނެ ގޮތް ހަމަޖައްސައިފައި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އަދި ސާމްޕަލް ނެގުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
ރޭ މަބްރޫކު ހާމަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގައި ހުރީ ގާތްގަނޑަކަށް 3،000 ޓެސްޓު ކިޓެވެ. އަދި ޑަބްލިއުއެޗްއޯ އިން ދޭ 5،000 ކިޓް ބުރާސްފަތި ދުވަހު ލިބޭނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޑަބްލިއުއެޗްއޯ އިން އިތުރު 5،000 ކިޓް އަދި ޗައިނާއިން 20،000 ކިޓް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
މިއަދު މަބްރޫކު ވިދާޅުވި ގޮތުގައި މިހާތަނަށް ފެނުނު ކޭސްތަކުން ޖުމްލަ 2،391 ކޮންޓެކްޓަކު ހޯދިފައިވެއެވެ. އަދި ރާއްޖޭގެ 240 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އިރު މިއަދު އެކަނި 25 ބިލްޑިންއެއް މޮނިޓަރިންގެ ހާލަތަށް ގެެނެސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަހުގެ 15 ދުވަހު މާލެއިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ފަހުން މާލޭގައި ވަރަށް ބޮޑަށް ބަލި ފެތުރި ކޮންމެ ދުވަހަކު ފެންނަމުންދާ ކޭސްތައް ދިޔައީ އިތުރުވަމުންނެވެ. އެހެން ނަމަވެސް، ޓެސްޓުކުރުން މަދުވެފައިވާ މި ދަނޑިވަޅުގައި މިއަދު މިހާތަނަށް ޕޮޒިޓިވްވީ ދެ މީހުންނެވެ. މިދިޔަ ތިން ދުވަހު މާލެއިން ގާތްގަނޑަކަށް 50 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް، މާލޭ ސަރަހައްދުގައި މީހުން ބޭރަށް ނުކުތުމާ އަދި ލަފާކުރުން މަނާކޮށް މާލޭ ސަރަހައްދު މިހާރު އޮތީ ލޮކްޑައުންގެ ހާލަތަށް ގެނެސްފަ އެވެ. އަދި މުޅި ރާއްޖޭގައިވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާއި، ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން ހިމެނެ އެވެ.