22 Apr 2020, 20:12
ކޮވިޑް19އަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭ ނަމަ، ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު މިހާރު އެބަ އޮތް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނުތާ ހަފްތާއެއްހާ ދުވަސްވީއިރު، މިހާތަނަށް ފެނުނު ކޭސްތަކުުގެ އަދަދަކީ، 66 އެވެ. މިދިޔަ ތިން ދުވަހަށް ބަލާއިރު، އާދިއްތަ އާއި ހޯމަ ދުވަހު މިއިން ކޮންމެ ދުވަހު 17 ކޭސް، އަދި އިއްޔެ 15 ކޭސް ފެނުނުއިރު، މިއަދު މިހާތަނަށް ފެނުނީ ދެ ކޭސް އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، މިހާރު ދުވާލަކަށް ރާއްޖޭގައި ހަދަނީ 200-300 އެއްހާ ޓެސްޓް ކަމަށާއި ބައެއް ޓެސްޓުތަކުގައި ސާމްޕަލް ނެގުމާއި ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށެެވެ. އެހެން ކަމުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ގިނަ މީހުން ފާހަގަވިނަމަވެސް، ޓެސްޓް ހަދާ މިންވަރު އިތުރުކުރާނަމަ، ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
"ޓެސްޓްކުރުމުގެ އަދަދު ހުރީ އެއްވަރެއްގެ ކަމުގައި ވެފައި، ކޮންޓެކްޓްތައް ހޯދަމުންދާ މިންވަރު އިތުރުވަމުންދާވަރު އިތުރުވިޔަސް، އެ ޓެސްޓްތަކުގެ ނަތީޖާ އަންނަައިރު ގާތްގަނޑަކަށް އެއް ހިސާބެއްގައި ނަތީޖާތައް އުޅުމަކީ، އޭގެ މާނައެއް ނޫން ޕޮޒިޓިވްވާ ކޭސްތައް މަދީއޭ. ރަނގަޅު ވާހަކަ އެއް ތިވިދާޅުވީ. ޓެސްޓު ކުރާ މިންވަރު އިތުރުކުރާ ވަރަކަށް އަޅުގަނޑަށްވެސް ހީވޭ ފުރުސަތު ބޮޑުވާނެ އިތުރަށް ޕޮޒިޓިވްވާ މީހުން ފެންނަން،" ދުވަހުން ދުވަހަށް ފެންނަ ކޭސްތަކުގެ އަދަދު އިތުރުނުވަނީ، ޓެސްޓް ކުރާ މިންވަރު މަދުވުމުންތޯ ސުވާލުކުުރުމުން މަބްރޫކު ވިދާޅުވިިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ކ) މަބްެރޫކު އަދި (ވ) ޑރ. އަފްޒަލް: މަބްރޫކު ވިދާޅުވީ، ޓެސްޓް ކުރާ މިންވަރު އިތުރުކުރާނަމަ، އިތުރު ޕޮޒިޓިވް ކޭސް ފެނުނުމުގެ ފުރުސަތު އެބައޮތް ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
މިހާތަނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފެނުނު ކޭސްތަކުގައި 2،391 މީހަކު ވަނީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަނެވިފައެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޓެސްޓް ނަތީޖާ ލިބުނު ނަމަވެސް ގިނަ މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ނުލިބެއެވެ. މަބްރޫކު ވިދާޅުވީ، ޓެސްޓު ކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.
"އަލާމާތްތައް ފެނިފައި ތިބި މީހުންގެ ތެރެއިން އިތުރަށް ޕޮޒިޓިވްވާ މީހުން ނުފެންނަނީ، ދުވާލަކަށް 300 ސާމްޕަލް ނެގޭތީކަމަށް ވެދާނެ،" މަބްރޫކު އިތުރަށް ވިދާޅުވިއެވެ.
ރޭ މަބްރޫކު ހާމަ ކުރެއްވި ގޮތުގައި މިހާރު ރާއްޖޭގައި ހުރި ޓެސްޓް ކިޓްތަކުގެ އަދަދަކީ، 3،100 އެވެ. އަދި ބުރާސްފަތި ދުވަހު ޑަބްލިއުއެޗްއޯ އިން ދޭ 5،000 ކިޓްސް ލިބޭނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ޑަބްލިއުއެޗްއޯ އިން އިތުރު 5،000 ކިޓްސް ދިނުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ޗައިނާ އިން 20،000 ކިޓްސް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޗައިނާ ސަރުކާރުން ދޭ 10،000 ކިޓްސް އަދި އަލީބާބާ ކުންފުނީގެ ވެރިޔާ ޖެކް މާ ހަދިޔާ ކުރެއްވި 10،000 ކިޓެވެ.
މަބްރޫކު ވިދާޅުވީ، މިހާރު ޓެސްޓުކުރުމުގައި މީގެ ކުރިން ގެނެސްފައިވާ އިސްލާހު އަނެއްކާ ބަދަލުކޮށް ކުރިން އަމަލުކުރަމުން އަންނަ ގޮތަށް އުސޫލު އިޔާދަކޮށްފައިވާ ކަމަށެވެ.
ކުރިން އަމަލުކުރަމުން އައި އުސޫލަކީ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ އެއީ ލޯ ރިސްކް ކޮންޓެކްޓަކަށް ވިޔަސް ސާމްޕަލް ނެގުން ކަމަށެވެ. އަދި ފަހުން އެ އިސްލާހު ކުރީ، ޑައިރެކްޓް ކޮންޓެކްޓެއް ނަމަ، އޭނާ ޓެސްޓް ކުރާނީ ހަމައެކަނި އަލާމާތްތައް ފެންނަ ކަމުގައިވާނަމަ އެވެ.
"މި ދެ ދުވަހެއްގެ ތެރޭގައި މިއައި ސާޖާ އެކީގައި އަޅުގަނޑުމެން ނިންމީ، ޓެގްގެ އެޑްވައިސްއަކަށް ލިބުނީ އެޗްޕީއޭގެ ފަރާތުން މިމަސައްކަތްކުރާ ޓީމުން ފޯކަސް ކުރަން ޖެހޭނީ ހައި ރިސްކް ކޮންޓެކްޓްސް އަށް. އޭގެ ތެރެއިން ވެސް ފޯކަސް ކުރަން ވާނީ ސިމްޕްޓަމެޓިކް [އަލާމާތްތައް ފެންނަ] މީހުންގެ ސާމްޕަލްތައް ނެގުމަށް ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކު ވިދާޅުވީ، ރޭގެ ވަގުތެއްގައި މިހާރު އެ އިސްލާހު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ސާމްޕަލް ނެގުން ލަސްކޮށްފައިވާ ރަށްތަކުގައިވެސް ސާމްޕަލް ނެގުމުުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިން ކޭސްއެއް ފިޔަވާ ހުރިހާ ކޭސްއެއްގެ ކޮންޓެކްޓް ޓްރޭސިން ވަނީ ނިމިފައި: ޑރ. އަފްޒަލް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: ތިން ކޭސްއެއް ފިޔަވާ ހުރިހާ ކޭސްއެއްގެ ކޮންޓެކްޓް ޓްރޭސިން ނިމިފައިވާ ކަމަށް ވިދާޅިުވި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ނޫސްވެރިންގެ ބައްދަލުުވުމުގައި އެޗްޕީއޭގެ އެޕިޑަމޮއޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ، މިހާތަނަށް ކޮންޓެކްޓް ޓްރޭސިން ނުނިމި ހުރި، ޖުމްލަ ތިން ކޭސްއެއްގެ ކޮންޓެކްޓްސް ކަމަށެވެ. އެއީ، ކޭސް72، ކޭސް83 އަދި ކޭސް86 އެވެ.
"އަޅުގަނޑުމެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާ ގޮތަކީ، ކޮންޓެކްޓްސްއާ ގުޅިގެން ލިބޭ މައުލޫމާތުގެ މައްޗަށް އިތުރަށް ވާހަކަދައްކައި، އިތުރަށް މައުލޫމާތު ހޯދަން ޖެހޭ ބައެއްގެ ލިސްޓް ތައްޔާރުކޮށް، އެ ލިސްޓެއްގައި ނުވަތަ ލަފާ ކުރެވޭ މީހުންގެ ކޮންޓެކްޓްވެވުނީމަ، މައުލޫމާތު ހޯދުމުން އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ނިމުނުކަމަށް މިބަލަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވަނީ މާލެއިން އެންމެ ފުރަތަމަ ކޭސް ފިނުނު ބުރާސްފަތި ދުވަހުން ފެށިގެން ހޯދާފައިވާ ކޮންޓެކްޓް ޓްރޭސިންގެ އަދަދުތައް ހާމަ ކުރައްވާފައެވެ.
ހަފްތާއެއްތެރޭ ހޯދި ކޮންޓެކްސްތަކުގެ ތަފްސީލު:
އެޕްރީލް 15 - 190 މީހުން
- އެޕްރީލް 16 - 348 މީހުން
- އެޕްރީލް 18 - 139 މީހުން
- އެޕްރީލް 19 - 939 މީހުން
- އެޕްރީލް 20 - 334 މީހުން
- އެޕްރީލް 21 - 414 މީހުން
- އެޕްރީލް 22 - 20 މީހުން
މިހާތަނަށް ރާއްޖެއިން ޓެސްޓްކުރުމަށް ނެގީ 4،696 މީހުންގެ ސާމްޕަލްއެވެ. އޭގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 85 އެވެ. އަދި ޕްރޮބަބަލް ކޭސްގެ އަދަދަކީ، ދެއް އެވެ. ނަތީޖާ ނުލިބޭ ސާޕްލްތަކުގެ އަދަދަކީ، 383 އެވެ. އޭގެ ތެރެއިން 246 ސާމްޕަލް އަކީ، ކުރެއްދޫ ރިސޯޓުގެ މުވައްޒަފުންގެ ސާމްޕަލްއެވެ.