22 Apr 2020, 19:37
ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ވެރިރަށް މާލެ އިން ފެނިފައިވާއިރު މިހާރު ދެން އިތުރަށް އެ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތީ ޑެލިވަރީ ސިސްޓަމްގެ ތެރެއިން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ކޮވިޑް-19ގެ ބަލިމީހަކު މާލެ އިން ފެނުނު ފަހުން، 66 މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވް ވެފައެވެ. ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު ހުއްދަ ނެތި ގެއިން ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. ކާބޯ ތަކެތި ގެއަށް ގެނައުމުގައި ޑެލިވަރީއަށް އިސްކަން ދިނުމަށް ސަރުކާރުން ވަނީ އެދިފަ އެވެ. ގިނަ މީހުން ބަރޯސާ ވަނީ ވެސް ޑެލިވަރީއަށެވެ. ސަރުކާރުން ވެސް ބާރު އަޅާފައިވަނީ އެގޮތަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ވައިރަސް ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ގައިދުރު ކުރުމާއި ގިނަ ގިނައިން އަތް ދޮވުން ކަމަށެވެ.
އެގޮތުން ވައިރަސް ފެތުރުން ހުއްޓުވުމަށް މީހުން ބޭރަށް ނިކުތުން މަނާކޮށްފައިވާކަން ފާހަގަކޮށް ޑރ. އަފްޒަލް ވިދާޅުވީ ޒަރޫރީ ބޭނުމަކަށް ނޫނީ އެކަކު ވެސް މިހާރު މަގުމަތީގައި އުޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޮންމެހެން މަގުމައްޗަށް ނިކުންނަ ފަރާތްތަކުން ވެސް މާސްކް އަޅައި އެކަކު އަނެކަކާ ކައިރި ނުވެ ހުރުމަށް ޑޮކްޓަރު ވަނީ އިރުޝާދު ދެއްވާފަ އެވެ. އަދި ވަކިން ހާއްސަކޮށް ޑެލިވަރީއަށް ސަމާލުވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
"މިހާރު އަޅުގަނޑުމެން މި އޮތް މާލެ އިން ވައިރަސް އިތުރަށް ސްޕްރެޑް ވުމުގެ މަގުތައް މި އިންނަނީ ބޮޑަށް ޑެލިވަރީ ސިސްޓަމް ނުވަތަ ސާމާނު އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި. އެ ހިސާބުން އިތުރު ބަޔަކަށް ދިއުމުގެ ފުރުސަތު އިންނާނީ،"
އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމުގައި ބައެއް ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ނާޅާ އުޅޭ ކަމުގެ ޝަކުވާ ލިބޭކަން ފާހަގަކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރާ ފަރާތްތަކުން މުވައްޒަފުން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ މަސައްކަތަށް އެއްވެސް ގޮތެއްގައި ނުކުމެގެން ނުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
"އެއީ މިހާރު އަޅުގަނޑުމެންނަށް ފެންނަ ކޭސްތަކަށް ބަލާއިރު ވެސް އަލާމަތް ފެށޭ ފަހުން ވެސް ހުންނަނީ މަސައްކަތަށް ނިކުމެފައި،" ޑޮކްޓަރު އަފްޒަލް ވިދާޅުވި އެވެ.