22 Apr 2020, 18:28
ވޮޝިންޓަން (އޭޕްރީލް 22): ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ އާ ބާވަތުގެ ކޮރޯނާވައިރަހަށް ޕޮޒިޓިވްކަން ނުވަތަ ނޫންކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަންގައިދޭ ޓެސްޓް ކިޓުތަކުގެ ނަތީޖާތައް ބައެއް ހާލަތްތަކުގައި ނުބައިވެދާނެ ކަމަށް ކިޓުތައް ފަރުމާ ކުރި އެބޮޓް ލެބޯރެޓޮރީން ބުނެފި އެވެ.
ސިއްހީ ފަރުވާއަށް ބޭނުންވާ އާލާތްތައް އުފައްދާ ކުންފުންޏެއް ކަމަށްވާ އެބޮޓް ލެބޯޓަރީސްއިން ބުނި ގޮތުގައި އެ ކުންފުނިން ކޮރޯނާވައިރަހަށް ޓެސްޓު ކުރަން ހަދާފައި ވަނީ މީގެ ކުރިންވެސް ގައިންގަޔަށް އަރާ އެހެނިހެން ބަލިތަކަށް ޓެސްޓު ކުރުމަށް ބޭނުން ކުރާ ޓެކްނޮލޮޖީއެއް ކަމަށްވާ "އައިޑީ ނައު" ސިސްޓަމެވެ. އައިޑީ ނައު ސިސްޓަމުން މީގެ ކުރިން އިންފްލުއެންޒާ އާއި ކަރުގެ އިންފެކްޝަނަށް ޓެސްޓު ކުރެވޭ ގޮތް ވަނީ ހަދާފަ އެވެ.
އެބޮޓްއިން ބުނި ގޮތުގައި އެ ސިސްޓަމުން ފަސް މިނިޓު ތެރޭ ޕޮޒިޓިވް ނަތީޖާ ދައްކުވައިދޭނެ އެވެ. އަދި ނެގެޓިވް ނަތީޖާ އެއް ނަމަ 13 މިނިޓު ތެރޭ ދައްކުވައިދޭނެ އެވެ. އަދި ބަރުދަނުގައި އެންމެ ހަތް ޕައުންޑު ހުންނަ އެ ސިސްޓަމް ފަސޭހަ ކަމާއެކު ޑޮކްޓަރުންގެ އޮފީސްތަކުގައިވެސް ބޭނުން ކުރެވޭނެ އެވެ. އެ ސިސްޓަމުން ވައިރަހަށް ޓެސްޓު ކުރަން ބޭނުން ވާނީ އަނގަ ނުވަތަ ނޭފަތުން ނަގާފައިވާ ސާމްޕަލެކެވެ.
އެހެން ނަމަވެސް ސާމްޕަލް އުފުލުމުގައި ބޭނުންކުރާ ވަކި ޓެސްޓް ޓިއުބްއެއްގެ ސަބަބުން ނުވަތަ ސޮލިއުޝަނެއްގެ ސަބަބުން ޓެސްޓްގެ ނަތީޖާ ގޯސްވެދާނެ ކަމަށް އެބޮޓްއިން މިހާރު ވަނީ ބުނެފަ އެވެ.
އެބޮޓްއިން ބުނި ގޮތުގައި ސާމްޕަލް އެއްތަނުން އަނެއް ތަނަށް އުފުލާއިރު "ވައިރަލް ޓްރާންސްޕޯޓް މީޑިއާ" އެއް ބޭނުން ކޮށްގެން ޓެސްޓް ކުރާ ޑިވައިސްއަށް ސާމްޕަލް ލުމުން ނަތީޖާ ގޯސްވާ ކަމަށެވެ. އެހެން ކަމުން މީހުންގެ ގައިން ނަގައި ސާމްޕަލް ސީދާ ޓެސްޓް ކުރާ ޑިވައިސްއަށް ލުމުން ނަތީޖާ ރަނގަޅުވާނެ ކަމަށް ވެސް އެބޮޓްއިން ބުނެ އެވެ.
ދުނިޔޭގައި މިވަގުތު އެންމެ ބާރަށް ކޮރޯނާ ފެތުރެމުންދާ އެމެރިކާގައި މިހާރުވެސް ގިނަ އަދަދަކަށް ބޭނުން ކުރަމުންދާ މި ޑިވައިސްގެ ސަބަބުން ވަކި ހާއްސަ ލެބަކަށް ސާމްޕަލް ފޮނުވައިގެން ނަތީޖާ ލިބުމަށް ގިނައިރުވަމުންދާތީ އެބޮޓްގެ މި އުފެއްދުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވެ އެވެ.
ނަމަވެސް އެބޮޓްގެ ޑިވައިސް ބޭނުން ކޮށްގެން ޓެސްޓް ކުރާ މީހުންގެ ނަތީޖާ އެހެނިގެން ޑިވައިސްތަކުން ޓެސްޓް ކުރާ ނަތީޖާތަކާ ނިސްބަތުން ބަލާއިރު ތަފާތުތަކެއް އުޅޭތީ އެމެރިކާގެ ކްލިނިކަލް ޕެތަލޮޖިސްޓުން މިހާރު ވަނީ މިކަނަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ.