20 Dec 2011, 09:32
އެންމެ ފަހުގެ ޖަރުމަން ލީގު ޗެމްޕިއަން ބޮރޫސިއާ ޑޮޓްމުންޑްގެ ހުނަރުވެރި ޒުވާން ދެކުޅުންތެރިން ކަމަށްވާ މާރިއޯ ގޮޓްޒޭ އަށާއި މެޓްސް ހުމެލްސް އަށް އިނގިރޭސި ވިލާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވާކަމަށް ޑޯޓްމުންޑްގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) ހަންސް ޖޯޗިމް ވަޓްޒްކޭ ބުނެފި އެވެ.
ގޮޓްޒޭ އަށާއި ހުމެލްސް އަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ދާދި ފަހުން އާންމުވި މީޑިޔާ ރިޕޯޓްތަކެއްގައި ވެއެވެ. މި މީޑިޔާ ރިޕޯޓްތަކުގައިވާ ގޮތުގައި ގޮޓްޒޭ އަށް 59.5 މިލިޔަން ޕައުންޑް ހުށަހެޅި އިރު، ހުމެލްސް އަށް 17.8 މިލިޔަން ޕައުންޑް ހުށަހެޅި ކަމަށް ބުނެއެވެ.
"އެދެކުޅުންތެރިން ނަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވޭ. ގޮޓްޒޭ އަށާއި ހުމެލްސް އަށް 120 މިލިޔަން ޕައުންޑް ހުށަހެޅި ކަމުގައި ވިޔަސް އެކުޅުންތެރިން ތިބޭނީ އަހަރެމެންނާއި އެކު. އެއީ އަހަރެމެން އެކުޅުންތެރިން ވިއްކަން ބޭނުން ނުވާތީ. އަހަރެމެން ބޭނުންވަނީ ފުޓްބޯޅަ ކުޅެން. ބޭންކެއްގެ ގޮތުގައި ހުޅުވާލާކަށް ނޫން." ވްޓްޒްކޭ ބުންޏެވެ.
އުމުރުން ނަވާރަ އަހަރުގެ ގޮޓްޒޭ އާއި ތޭވީސް އަހަރުގެ ހުމެލްސް، ޑޯޓްމުންޑާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2014 ވަނަ އަހަރު އެވެ. މިސީޒަން ފެށުމުގެ ކުރިން އާސެނަލް އިން ވެސް ގޮޓްޒޭ ހޯދުމަށް މަސައްކަތް ކުރިއެވެ. އާސެނަލް އިން ގޮޓްޒޭ އަށް ތިރީސް މިލިޔަން ޕައުންޑްގެ އަގެއް ހުށަހެޅި ނަމަވެސް ޑޯޓްމުންޑް އިން އެހުށަހެޅުން ގަބޫލެއް ނުކުރި އެވެ.