14:30


ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ނޮކައުޓް މެޗުތައް މިރޭ ފަށާނެ އެވެ. މިގޮތުން ރާއްޖެގަޑިން މިރޭ ހަތެއް ޖަހާއިރު ކުޅޭ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އުރުގުއޭ އާއި ދެކުނު ކޮރެޔާ އެވެ.


މިމެޗަށް ނުކުންނައިރު މިއިން އެއްވެސް ޓީމަކަށް އަނިޔާ އަދި ސަސްޕެންޝަންގެ މައްސަލައެއް ކުރިމަތިވެފައެއްނުވެ އެވެ. އެހެންކަމުން މިމެޗަށް ނުކުންނާނީ އުރުގުއޭ އަދި ދެކުނު ކޮރެޔާގެ ވެސް އެންމެ ވަރުގަދަ ޓީމު ކަމަށް ބެލެވެ އެވެ.


އަނެއްކޮޅުން މިމެޗާ ކުރިމަތިލާއިރު އުރުގުއޭ އަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެޓީމު ކޮޅަށް މިހާތަނަށް ލަނޑެއް ވަދެފައިނުވުމެވެ. ގްރޫޕް އޭގައި އެޓީމު ކުޅުނު ތިންމެޗުގެ ތެރޭން ދެމެޗުން މޮޅުވެ އެއްމެޗުން އެއްވަރުވިއިރު، ހަތަރު ލަނޑު ޖަހާފައިވެ އެވެ. އަނެއްކޮޅުން އުރުގުއޭ އާއި ދެކުނު ކޮރެޔާ ބައިނަލް އަގުވާމީ ފުޓުބޯޅައިގައި ހަތަރު ފަހަރު ބައްދަލުކޮށްފައިވާއިރު، އެ ހަތަރު ފަހަރު ވެސް މޮޅުވެފައިވަނީ އުރުގުއޭ އެވެ. އެހެންކަމުން މިމެޗާ އުރުގުއޭ ކުރިމަތިލާއިރު ތާރީޚާއި ފޯމް އަދި އިތުބާރު ވެސް ބުރަވެފައިވަނީ އެޓީމު ކޮޅަށެވެ.


މިރޭ ކުޅޭ ދެވަނަ ބުރުގެ އަނެއް މެޗުގައި ރާއްޖެގަޑިން 11.30 ގައި ބައްދަލުކުރާނީ އެމެރިކާ އާއި ގާނާ އެވެ. މިމެޗާ ކުރިމަތިލާއިރު މިދެޓީމުން ކުރެ ޓީމަކަށް ވެސް އަނިޔާ އާއި ސަސްޕެންޝަންގެ މައްސަލައެއް ނެތެވެ.


ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ބަލާހިތްވާ ފަދަ އެޓޭކިން ފުޓުބޯޅައެއް ފެނިގެންދާނެ މެޗެކެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކީ ދެޓީމުގައި ވެސް ހުނަރުވެރި މޮޅު ސްޓްރައިކަރުންތަކެއް ތިބުމެވެ. މިގޮތުން ގާނާގެ އަސަމޮއާ ގިޔާން އާއި އެމެރިކާގެ ލަންޑަން ޑޮނޮވަން ފަދަ ކުޅުންތެރިންނަކީ އިދިކޮޅު ކޮންމެ ޓީމެއް ވެސް ޖެހިލުން ވާނެ ފަދަ ކުޅުންތެރިންތަކެކެވެ. އަނެއްކޮޅުން އެމެރިކާ މިމެޗަށް މިނިކުންނަނީ ބަދަލު ހިފުމުގެ ރޫހެއްގައި އެވެ. އެންމެ ފަހުން 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން އެމެރިކާ ކަޓުވާލި ބަޔަކީ ގާނާ އެވެ. އެފަހަރު މިދެޓީމް ބައްދަލުކުރި މެޗު ގާނާ ކާމިޔާބުކުރީ ދޭއް އެކަކުން ނެވެ.


ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލާއި ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ޕޯޗުގަލް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް ޕޯޗުގަލް ގަދަ ސޯޅައަށް ދަތުރުކޮށްފި އެވެ.