މިހާރު ފެތުރެމުންދާ ކޮޮރޯނާ ވައިރަހުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށާއި، މި ވަބާއިން އަރައިގަތުމަށް ފައިސާ ހޯދުމުގެ ގޮތުން ބާސެލޯނާގެ ހޯމް ސްޓޭޑިއަމް "ކޭމްޕް ނޫ" ގެ ނަން ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި އެވެ.

ބާސެލޯނާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކުލަބުގެ ސްޓޭޑިއަމްގެ ޓައިޓަލް ސްޕޮންސަރެއް ހޯދަމުންދާ ކަމަށާއި، އެކަމުން ލިބޭ ފައިސާ ޖަމާ ވާނީ ކުލަބުގެ ފައުންޑޭޝަނަށް ކަމަށެވެ.

އަދި އަންނަ ސީޒަނުން ފެށިގެން މި ފައުންޑޭޝަނަށް ލިބޭ ހުރިހާ ފައިސާއެއް ހަރަދު ކުރާނީ ސްޕެއިނުގެ ކެޓަލޫންޏާގައި ކޮރޯނާ ވައިރަސް ހުއްޓުވުމަށް ދިރާސާތައް ހެދުމަށާއި، ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީވުމަށް ކަމަށް ބާސެލޯނާއިން ބުނެފައިވެ އެވެ.

ބާސެލޯނާއިން މީގެ ކުރިން ދުވަހަކުވެސް އެ ޓީމުގެ ހޯމް ސްޓޭޑިއަމް ކޭމްޕް ނޫގެ ނަމުގެ ރައިޓްސް ވިއްކާފައެއް ނުވެ އެވެ. އެކަމަކު މި ވަގުތަކީ މުޅި ދުނިޔެއަށް ވެސް މީގެ ކުރިން ޖެހިފައި ނުވާ ފަދަ އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށާއި، ބާސެލޯނާއިން މި ދަނޑިވަޅުގައި ވެވުން މިންވަރަކުން އެހީތެރިވުމަށް ކޭމްޕް ނޫގެ ނަން ސްޕޮންސަރ ކުރުމަށް ހުޅުވާލާނެ ކަމަށް އެކުލަބުން ބުނެފައިވެ އެވެ.

"ބާސެލޯނާއިން މި ނިންމުން ނިންމީ އިންސާނިއްޔަތައްޓަކައި ވެވުނު އެހީތެރިކަމެއް ވުމުގެ ގޮތުން. ކޮންމެ ބަޔަކަށް ވެސް މިވަގުތު ވެވެން ހުރި މިންވަރަކުން އެހީވާންވީ ވަގުތު މިއޮތީ އައިސްފައި،" ބާސެލޯނާއިން ބުނެފައިވެ އެވެ.

ބާސެލޯނާގެ ފައުންޑޭޝަނާ ހަވާލުވެ ހުރީ އެކުލަބުގެ ވައިސް ޕްރެސިޑެންޓް ޖޯޑީ ކޯނާރް އެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބާސެލޯނާ ސްޓޭޑިއަމްގެ ސްޕޮންސަރުން ހޯދުމުގެ މަސައްކަތް ފަށާނެ އެވެ.

ބާސެލޯނާގެ ކުޅުންތެރިން މިހާރު ވެސް ވަނީ މުސާރައިގެ 70 ޕަސެންޓް ނުނެގުމަށް ނިންމާފަ އެވެ. އެކަމަކީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ އިސްނެގުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.