22 Apr 2020, 17:51
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ އެކު ކުލަބުގެ މާލީ ހާލާތު ދަށްވެފައިވާތީ ޓީމް ސްކޮޑުގެ މުސާރަ 12.5ޕަސެންޓަށް ކުޑަ ކުރަން ނިންމުމުން އެ ޓީމުގެ މިޑްފީލްޑަރު މެސުޓް އޮޒިލް ދެކޮޅު ހަދައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލާފައި އޮންނަތާ ދޮޅު މަސްވެފައިވާ އިރު މިހާތަނަށް ޔޫރަޕްގެ ބޮޑެތި ގިނަ ކުލަބުތަކަކުން ވަނީ އެ ޓީމު ތަކުގެ ކުޅުންތެރިންގެ މުސާރައިގެ ބޮޑު ބައެއް މިދުވަސްކޮޅު ނުނަގަން ނިންމާފަ އެވެ. އެގޮތުން އާސެނަލްގެ ސްކޮޑާއި، ޓީމުގެ ކޯޗު މިކެލް އާޓެޓާ ވެސް ވަނީ 12.5 ޕަސެންޓް މުސާރައިން ކެނޑުމަށް އެއްބަސްވެފަ އެވެ.
އެކަމަކު އެ ޓީމުގެ ތިން ކުޅުންތެރިއަކު އެކަމަށް ދެކޮޅު ހަދާފައިވާ އިރު އޭގެ ތެރޭގައި އެ ޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ، އޮޒިލް ހިމެނުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އޮޒިލް އަކީ ހަފުތާއެއްގެ މައްޗަށް 350،000 ޕައުންޑް ލިބޭ ކުޅުންތެރިޔެކެވެ.
"އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ ދެން ތިބި ކުޅުންތެރިންގެ މުސާރަ ކުޑަ ކުރުމަށް ނިންމި އިރު ދެކޮޅު ހެދުމުން އަމިއްލަ އެދުންވެރިކަން ސިފަވޭ. މިއީ ވަރަށް ދެރަ ކަމެއް،" ލިވަޕޫލްގެ ލެޖެންޑް ޖޭމީ ކަރޭގާ އޮޒިލްއަށް ފާޑު ކިޔުމުގެ ގޮތުން ބުނެފައިވެ އެވެ.
ކަރޭގާ ބުނީ، މިވަގުތުގެ ހާލަތަށް ބަލައި އޮޒިލް އެގޮތަށް ނިންމި ނަމަވެސް ޓީމުގެ އެހެން ކުޅުންތެރިންނާއި، މެނޭޖަރުގެ ވިސްނުމަށް އިހުތިރާމްކޮށް ޚިޔާލު ބަދަލު ކުރަންޖެހޭ ކަމަށެވެ.
"ފުޓުބޯޅަ އަކީ ޓީމް ގޭމެއް. އެންމެން އެކަތިގަނޑަކަށް ވެގެން ކުޅެވޭ އެއްޗެއް. ހާއްސަކޮށް އޮޒިލް ކަހަލަ ނަން މަޝްހޫރު ކުޅުންތެރިން ޖެހޭނެ މިކަހަލަ ދަނޑިވަޅުތަކުގައި ޓީމާ އެކީގައި މަސައްކަތް ކުރަން،"
މީގެ ކުރިން އޮޒިލް ވަނީ ޗެރިޓީއަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އޭނަގެ ކައިވެނީގެ ހަފުލާގައި އޮޒިލް ވަނީ 1000 ކުޑަ ކުދިންގެ ސާޖަރީއަށް އެހީ ފޯރުކޮށްދީފަ އެވެ. އަދި އޭނާ ވަނީ ސީރިއާއާއި ޓާކީގައި ހާލުގައި އުޅޭ 100000 މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.