ކޮޮވިޑް19 އަށް ޕޮޒިޓިވް ވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އުމުރުން ދުވަސްވީ މީހަގެ ހާލު ގޯސް ނުވާކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗު ހޮސްޕިޓަލުގެ އެތެރެހަށީގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ޑީއެޗް11 ގައި އޮތް މީހާ މިވަގުތަށް ބަލާއިރު އިތުރު ގޯސްކަމެއް ނުފެންނަ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް ވެގެން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކަށް ދަނީ ފަރުވާ ދެމުންނެވެ.

ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ ހުސައިން އިއްޔެ ވިދާޅުވީ އުމުރުން 80 އަހަރުގެ މީހާ އަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން ދެ އަހަރު ވަންދެން އެނދުމަތިކޮށްގެން ފަރުވާ ދެވިފައިވާ މީހެއް ކަމަށާއި އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށެވެ.

ޑރ މޫސަ ވިދާޅުވީ އޭނާގެ އިތުރު ބަލިތައްވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހަކުރުބަލި، ލޭމައްޗަށް ދިޔުން، ކޮލެސްޓްރޯލް މަތިވުން، ކާއެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ނިޔުމޮނިޔާ ޖެހިގެން ހޮސްޕިޓަލުގައިވެސް އެކިފަހަރުމަތިން އޭނާ އެޑްމިޓްކޮށްފައިވާނެ ކަމަށެވެ.

"80 އަހަރުގެ މީހަކަށްވެފައި އެކިކަހަލަ ބަލިތައް ތަހައްމަލު ކުރާ މީހަކަށް ވާތީވެ، މިކަހަލަ ބައްޔެއްގައި ވަރަށް ބޮޑަށް ހާލު ދަށްވެގެން ހިނގައިދާނެ މީހެއް ކަމަށް ބެލެވެނީ،" ޑރ. މޫސަ ވިދާޅުވި އެވެ.

ޑރ. ވިދާޅުވީ އޭނާ އެޑްމިޓްކުރި އިރު އޮކްސިޖަން ހުރީ 94 ޕަސެންޓުގައި ކަމަށާއި އެ އުމުރުގެ މީހެއްގެ އޮކްސިޖަން ނޯމަލްކޮށް ހުންނާނީ 98 ގައި ކަމަށެވެ.

"94 ވެސް އަޅުގަނޑުމެން މި ބުނަނީ އެއީ ވާނިން ސައިން އެކޭ. ބޮޑަށް ހާލަތު ގޯސްވެގެން ހިނގައިދާނެ އޭނާގެ،" ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. މުރާދު މިއަދު ވިދާޅުވީ އޭނާގެ ހާލު އިއްޔެ އާއި އަޅާބަލާއިރު ގޯސް ނުވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 86 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.