22 Apr 2020, 17:02
ވޮޝިންޓަން (22 އެޕްރީލް 2020) : ހިތްޕުޅުގެ ކުއްލި އޮޕަރޭޝަނަކަށް ފަހު އުތުރުކޮރެއާގެ ޒައީމް ކިމް ޖޮންއުންގެ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށް ބުނާ ޚަބަރުތަކުގެ ހަގީގަތް ހޯދަމުން ގެންދާކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ރައީސްގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ރޮބަޓް ޗާލްސް އޮބްރެއިން ވިދާޅުވީ ކިމް ޖޮންއުންގެ ހާލުކޮޅާ ބެހޭ ގޮތުން އިތުބާރުހުރި އެއްވެސް މައުލޫމާތެއް އެމެރިކާ ސަރުކާރަށް އަދި ލިބިފައިނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން މިހާތަނަށް ލިބިފައިވަނީ އެމެރިކާގެ މިޑިއާތަކުން ގެނަސްދީފައިވާ މައުލޫމާތު އެކަނި ކަމުގަ އެވެ. އެެހެންކަމުން އުތުރުކޮރެއާގެ ޒައީމަށް ވެގެން އުޅޭ ގޮތް ބެލުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށް އޮބްރެއިން ވިދާޅުވި އެވެ.
އުމުރުފުޅުން 36 އަހަރުގެ ޒުވާން ޒައީމު ކިމް ޖޮންއުންގެ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމުގެ ޚަބަރުތައް ފަތުރާފައި ވަނީ އެމެރިކާގެ މީޑިއާ އިންނެވެ. ޚާއްސަކޮށް ސީއެންއެން އިންނާއި ވޮޝިންޓަން ޓައިމްސް އިންނެވެ. އެދެފަރާތުން ވަނީ ކިމްގެ ކާފާފުޅު ކިމް އިލްސަންގްގެ އުފަން ދުވަސް ފާހަގަ ކުރުމަށް މި އެޕްރީލް މަހުގެ 15 ވަނަ ދުވަހު ޕިޔޮންގްޔަންގްގައި ބޭއްވި ރަސްމިއްޔާތުން ކިމް ނުފެންނަކަމަށާ މިއީ ކިމްގެ ވެރިމަމުގައި އެރަސްމިއްޔާތުން އޭނާ ނުފެނުނު ފުރަތަމަ ފަހަރުކަމަށް ބުނެ ޚަބަރު ފަތުރައިފަ އެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ރޮބަޓް ޗާލްސް އޮބްރެއިން
މީގެއިތުރުން މިދިޔަ ހަފްތާގައި އުތުރުކޮރެޔާގެ ސިފައިން މިސައިލް ތަޖްރިބާއެއް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ކިމް ބައިވެރިވެވަޑައިގެންފައިނުވާ ކަމަށް ސީއެންއެން އިންނާއި ވޮޝިންޓަން ޓައިމްސް އިން ބުނެފައިވެ އެވެ. މިއާއެކު ވަރަށް އިތުބާރު ހުރި ފަރާތަކާ ހަވާލާދީ ސީއެންއެން އިންވަނީ ކިމްއަށް ހިތްޕުޅުގެ ކުއްލި ހާލަތެއް ދިމާވެގެން ކުރި އޮޕަރޭޝަނެއް ކާމިޔާބު ނުވުމުން އޭނާ އޮންނެވީ އައިސީޔޫގައި ކަމުގަ އެވެ.
ސީއެންއެން އިން ބުނެފައި ވަނީ ކިމްގެ ކުއްލި އޮޕަރޭޝަނެއް ކުރަންޖެހުނީ އޭނާގެ ހިތްޕުޅަށް ލޭ ފޮނުވައިދޭ މައި ލޭހޮޅިއަކަށް މައްސަލައެއް ކުރިމަތިވެގެންކަމަށާ އެ އޮޕަރޭޝަނަށް ފަހު ކިމްގެ ހާލުކޮޅު ވަރަށް ނާޒުކު ކަމުގަ އެވެ. ކިމް ގެ ހިތްޕުޅުގެ އޮޕަރޭޝަންކުރީ އުތުރުކޮރެއާގެ ރިސޯޓް ރަށެއްކަމަށްވާ މިޔުހާންގްގައި ހުންނަ މަތީފެންވަރުގެ ހޮސްޕިޓަލެއްގައި މި އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ކަމަށް ވެސް ސީއެންއެން އިން ބުނެފައިވެ އެވެ. މިއާ އެކު މިކަމަށް ބާރު ލިބިދޭ ރިޕޯޓެއް ނަންހާމަކުރަން ނޭދޭ އެމެރިކާގެ ޖާސޫސީ މަސްއޫލުވެރިއަކާ ހަވާލާދީ މަޝްހޫރު ބްލޫމްބާގް ނޫސްއެޖެންސީން ވެސް ވަނީ ޝާއިއުކޮށްފަ އެވެ.
ނަމަވެސް އުތުރުކޮރެޔާގެ ކަންތައްތައް އެންމެ ގާތުން ބަލަމުން ގެންދާ ދެކުނު ކޮރެއާ އިންވަނީ އެމެރިކާގެ މީޑިއާއިން ފެތުރި މިޚަބަރުތައް ދޮގުކޮށްފަ އެވެ. ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫހައުސް އިން ބުނެފައި ވަނީ ކިމް ޖޮންއުންގެ ހާލުކޮޅު ދަށަށްދިޔަ ކަމަށް ބުނެ އެމެރިކާގެ މިޑިއާ އިން ފަތުރާފައިވަނީ ދޮގު ޚަބަރުތަކެއް ކަމުގަ އެވެ. ދެކޮރެއާގެ އެއްބައިވަންތަ ކަމަށް ޚާއްސަކޮށްގެން ދެކުނު ކޮރެޔާގައި އުފައްދާފައިވާ ކޮރެއާގެ ވަހްދަތާބެހޭ ވުޒާރާއިން ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކައިފަ އެވެ.
އުތުރު ކޮރެއާއާއި ދެކުނު ކޮރެއާއަކީ މިހާރު ހަނގުރާމައިގެ ހާލަތު ނިމުމަކަށް ގެނަސް ގުޅުންތައް ރަނގަނޅުކޮށްފައިވާ ދެގައުމެވެ. ދެކުނުންވަނީ އުތުރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް 2018 ވަނަ އަހަރު އުވާލާފަ އެވެ.
އެކަހެރި ގޮތެއްގައި އުޅޭ ގައުމެއް ކަމަށްވާ އުތުރުކޮރެއާއަކީ އެގައުމުގެ އެތެރޭގެ ކަންކަން ވަރަށް ބޮޑަށް ސިއްރު ކުރާ ގައުމެވެ. އެމެރިކާ ފަދަ ޖާސޫސު ކުރުމަށް މޮޅުކަމަށް ދައުވާ ކުރާ ގައުމުތަކަށް ވެސް އުތުރުކޮރެއާ ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ހަގީގަތްތައް ހޯދިފައެއްނުވެ އެވެ.
އުތުރުކޮރެއާއިން އެންމެ ގާތްގުޅުންތައް ބާއްވާ ޗައިނާއިން ބުނެފައި ވަނީ ކިމްގެ ސިއްހަތާ ބެހޭ ގޮތުން އެމެރިކާގެ މީޑިއާ އިން ފަތުރާފައިވާ ރިޕޯޓްތަކުގެ މައުލޫމާތު ލިބިފައިވާކަމުގައެވެ. އިތުރު އެއްޗެއް ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މަސްއޫލުވެރިއަކުވަނީ ކިމް ގެ ހާލުކޮޅު ދަށަށްނުދާކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއީ އުތުރު ކޮރެޔާގެ ބޮޑެތި ރަސްމިއްޔާތުތަކުން ކިމް ނުފެނުނު ފުރަތަމަ ފަހަރެއްނޫނެވެ. ދެހާސް ސާދަ ވަނައަހަރު ވެސް ހަ ހަފްތާގެ މުއްދަތަށް އޭނާ ނުފެނި ދިޔުމަށް ފަހު ފަހުން ފެނިފައިވެއެވެ. އެއީ ދެކޮރެޔާގެ ގުޅުންތައް ގޯސްވެފައިވާ ދުވަސްވަރެކެވެ. އެދުވަސްވަރު ދެކުނު ކޮރެޔާއިން ބުނެފައި ވަނީ ކިމް ނުފެނި ދިޔައީ އޭނާގެ ފައިތިލައިގެ އޮޕަރޭޝަނެއް ކުރެއްވުމުގެ ސަބަބުން ކަމުގައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އަސައެއްގެ އެހީތެރކަމާ އެކު ކިމް ހިންގަވާ މަންޒަރު ފެނިފައިވެ އެވެ.
އުތުރުކޮރެއާބެހޭ ތަހްލީލީ މައުލޫމާތު ގެނަސްދޭ މަޝްހޫރު ވެބްސައިޓް "ނޯތް38" އިން ބުނެފައިވަނީ ކިމްގެ ހާލުކޮޅު ދަށަށް ދިޔަކަން ނުވަތަ ނޫންކަން އެނގިފައި ނުވާކަމަށާ ނަމަވެސް މި އެޕްރީލް މަހުގެ 12 ވަނަ ދުވަހު އޭނާގެ ހާލުކޮޅު ގޯސްވެގެން ކުއްލި އޮޕަރޭޝަނެއްކޮށްފައިވާ ކަމުގައެވެ. އެ އޮޕަރޭޝަނަށްފަހު ކިމް ގެ ހާލުކޮޅު ރަނގަނޅުވަމުން އަންނަކަމަށް އެ ސައިޓް ބުނެއެވެ. "ނޯތް38" ބުނާގޮތުން 36 އަހަރުގެ ޒުވާން ޒައީމް ކިމް އަށް ސިއްޙީ މައްސަލަތައް ކުރިމަތިވެފައިވަނީ ގަދައަށް ސިގިރެޓް ބެއްލެވުމާއި ފަލަވުމާއި މާ ބުރަކޮށް މަސައްކަތުގައި އުޅުއްވުމެވެ.
އެމެރިކާގެ މީޑިއާއިން ކިމް އާބެހޭ ގިނަ މައުލޫމާތު ހޯދާފައިވަނީ އުތުރުކޮރެޔާއިން ފިލައިގެންގޮސް އެމެރިކާއާއި ޔޫރަޕްގައި އުޅޭ އެގައުމުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިންގާ ވެބްސައިޓެއްކަމަށްވާ "ޑެއިލީ އެންކޭ" އިންނާއި ފިލައިގެން އުޅޭ އުތުރުކޮރެޔާގެ އިދިކޮޅު ފަރާތްތަކުގެ ކިބައިން ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ އާއި ޔޫރަޕްގެ މީޑިއާއާއި ޖާސޫސީ ފަރާތްތަކުން އުތުރު ކޮރެއާ އާ ބެހޭގޮތުން މިފަދަ ވާހަކަތައް ފެތުރުމަކީ އާންމު ކަމެކެވެ. އުތުރުކޮރެއާއާމެދު ހުޅަނގުން ކަންބޮޑުވަނީ އެއީ ހުޅަނގަށް ބޮޑު ގެއްލުމެއް ދިނުމުގެ އަސްކަރީ ގާބިލްކަން ލިބިފައިވާ ނިއުކްލިޔާ ބާރަކަށް ވުމުގެ ސަބަބުންނެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ވެރިކަމުގައި އެމެރިކާއާއި އުތުރުކޮރެއާގެ ހަތުރުވެރިކަންވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ކިމް އާއި ޓްރަމްޕް ވަނީ 3 ފަހަރެއްގެ މަތިން ބައްދަލުކުރައްވާފައެވެ. (ނޫސްއެޖެންސީތައް)