ކޮވިޑް19 އާއި ގުޅޭ މަސައްކަތުގައި އުޅުއްވާ ޑޮކްޓަރުންގެ ޒާތާބެހޭތީ، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އެކަމާމެދު ނުރުހުން ފާޅުކޮށްފިއެވެ.

އެސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މުޅި ރެއާއި ދުވާލު ޑޮކްޓަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ބޭފުޅުންގެ މަސައްކަތުގައި ބައެއް މީހުން ބޭނުންވާ އަވަސްމިން ނުހުރެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ކޮވިޑާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތްތަކުގައި ރައްޔިތުންނަށް އުނދަގޫވާ ކަމެއް އޮތްނަމަ އެވާހަކައެއް ދަންކަންވީ ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"ސަރުކާރުން ކުރާ ކަންތައްތަކުގައި ހަމަ އުނދަގޫވާ ކަންތައްތަކުގެ ވާހަކަވެސް ދައްކަންވެސްވީ، ގޮތްކިޔަންވެސްވީ، އަޅުގަނޑުމެން އަތުން ނައްޓައިގެންދާ ކަންތައްތައްވެސް ފާހަގަ ކުރައްވަންވީ،" މަބްރޫކު ވިދާޅުވިއެވެ.

"އެކަމަކު ބައެއް ފަހަރު، މި ދެދުވަހަކު އަޅުގަނޑަށް ހަމަ އުނދަގޫވާ ކަމެއްގެ ގޮތުގައި ފެނޭ ޑޮކްޓަރުންނާ ސީދާ ދިމާލަށް، އެބޭފުޅުން އެކުރަނީ ރަނގަޅަކަށް ނޫނޭ، އަދި އެ ބޭފުޅުންގެ ޒާތާ ބެހި އެކި ތަންތަނުގައި ވާހަކަ ދެކެވެމުންދާތީ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޑޮކްޓަރުން ހުއްޓުމެއް ނެތި ރެއާއި ދުވާލު މަސައްކަތް ކުރައްވަނީ ހުއްޓުމެއް ނެތި ކަމަށާއި އެހެން މަސައްކަތް ކުރާއިރު ބައެއް މީހުން ބޭނުންވާ އަވަސްމިނުގައި ކަންތަތައް ނުވެދާނެ ކަމަށާއި އެ ކަންތައްތަކުގައި ބައެއް މީހުންގެ ސުވާލުތައްވެސް ހުންނާނެ ކަމަށެވެ.

"އެހެން ނަމަވެސް އެދެވޭކަމެއް ކަމުގައި ނުފެނޭ އެ ބުރަ މަސައްކަތް ކުރައްވާ އިރުގައި އެ ބޭފުޅުން އެ ކުރައްވާ މަސައްކަތް އަގުވަޒަން ނުކޮށް، އެ ކުރައްވާ މަސައްކަތުގެ ހިތްވަރުގެއްލޭގޮތަށް ވާހަކަ ދެއްކެވުމަކީ ކޮންމެހެން ހުއްޓާލަން ޖެހޭކަމެއް،" މަބްރޫކު ވިދާޅުވި އެވެ.

ޑޮކްޓަރުންގެ މަސައްކަތަށް ފާޑުކިޔުމަކީ "ޓޮލަރޭޓު" ނުކުރެވޭނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ކޮވިޑް19 ރާއްޖެއިން ފެނުމުގެ ކުރިންވެސް ޑޮކްޓަރުން ގެންދެވީ މިކަމަށް ތައްޔާރުވުމަށް އެންއީއޯސީ ގައި މަސައްކަތް ކުރައްވަމުންނެވެ. ރާއްޖެއިން ބަލި ފެނުމާއެކު އެ ބޭފުޅުންގެ މަސައްކަތް އިތުރުވިއިރު ކޮންޓެކްޓް ޓްރޭސިން އާއި ބަލިމީހުންނަށް ފަރުވާދިނުން އަދި މިކަމާ ބެހޭ ޓެކްނިކަލް ކަންތަކުގައި އެބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.