22 Apr 2020, 16:14
މާލެއިން އިއްޔެ ވިލިވަރަށް ކަރަންޓީނު ފެސިލިޓީއަށް ގެންދިޔަ 80 ބިދޭސީން އެރަށުގައި ބައިިތިއްބާފައި ތިބި ތަނަކީ މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެ މީހުން އެތަނުގައި ބޭތިއްބުނީތީ މައާފަށް އެދޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހުން އެތަނަށް ގެންދިޔައީ ދިގު މުއްދަތަކަށް އެތަނުގައި ބައިިތިއްބަން ނޫން ކަމަށެވެ.
މަބްރޫކް ވިދާޅުވީ ބިދޭސީން މާލޭގައި ދިރިއުޅޭ ގިނަ ތަންތަން ކަރަންޓީނުކޮށްފައި ހުރުމުގެ ސަބަބުން އެމީހުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ހިމެނޭ އެބޭފުޅުނަށް ކާބޯތަކެތި ޑެލިވާ ކޮށްދިނުމުގައާއި ރީޓެއިލް ޑެލިވަރީ ތަކުގައި ހަމަ ގޮންޖެހުންތަކެއް ދިމާވޭ، އަދި ވަރަށް ގިނަ ބޭފުޅުން ސަޕްލައި ނުކޮށްދިނުމަށް ވެސް އެގޮތަށް ވެސް ކަން ކުރެވިފަ ހުރީ،" މަބްރޫކް ވިދާޅުވިއެވެ.
އަދި އެމީހުން މާލޭގައި ދިރިއުޅެމުން އަންނަނީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަންތަނުގައި ކަމަށާއި، އެހެން ކަމުން އެމީހުން މާލޭގައި ބޭތިއްބުމަކީ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމަށް ވަރަށް ބޮޑަށް މަގުފަހިވާނެ ކަމަކަށް ވާތީ، ވީ އެންމެ އަވަހަށް އެމީހުން މާލެ އިން އެހެން ތަނަކަށް ބަދަލުކުރަން ނިންމީ ކަމަށެވެ.
އެގޮތަށް ބަދަލުކުރުމުގެ ތެރޭގައި، މީހުން ފެސިލިޓީތަކަށް ބަދަލުކުރާ ޓީމަށް ބިދޭސީން ގެންދެވުނީ ވިލިވަރު ފެސިލިޓީއަށް ކަމަށެވެ. އެމީހުން ފެސިލިޓީއަށް ގެންދިޔައީ އިއްޔެ އިރުއޮއްސި 18:00 ހާއިރު އެވެ.
"ވަރަށް އަވަހަށް މާލެއިން މޫވް ކުރަން ޖެހިގެން މޫވް ކުރެވުނީ، ކުރެވުނު އިރު ފުރަތަމަ އެ ފެސިލިޓީއަށް ގެންދެވުނީ،" މަބްރޫކް ވިދާޅުވިއެވެ.
އެމީހުން ވިލިވަރުގައި ބައިތިއްބާފައި ތިބި ފެސިލިޓީގެ ފޮޓޯއާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯތަކުގައި ބިދޭސީން ބުނެފައި ވަނީ، އެމީހުން ބައިތިއްބާފައި ތިބީ ޓިނު ގުދަނެއްގައި ކަމަށާއި، ރަނގަޅަށް ސާފުތާހިރުވެވޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.
އަދި ފާހާނާތަކުގެ ދޮރު ހަލާކުވެފައި ހުރުމުގެ ސަބަބުން، އެއް ފާހާނާގައި އިންނަ މީހާއަށް އަނެއް ފާހާނާގައި އިންނަ މީހާ ފެންނަ ކަމަށާއި، ފާހާނާ ފްލަޝް ނުކުރެވޭ ކަމަށެވެ.
މިކަމާ ގުޅިގެން މަބްރޫކް މިއަދު ވިދާޅުވީ އެއީ އެއީ މީގެކުރިން ވިލިވަރުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރި އިރު ބޭނުންކުރި ތަނެއް ކަމަށެވެ.
އަދި ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ބައެއް ތަންތަނަކީ އެމީހުން ބޭނުންކުރަން ކަނޑައަޅާފައި ހުރި ތަންތަން ނޫން ކަމަށާއި ވީޑިއޯގައި ބާވެފައި ހުރި އިމާރާތެއްގެ ތަންތަން ވެސް ފެންނަ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ސާފުކޮށް ބުނަން ބޭނުން، ގިނަ ދުވަހު އެތަނުގައި ބައިތިއްބާކަށް ނޫން އެމީހުން ގެންދެވުނީ ފުރަތަމަ ކަމަކަށް. ދެވަނަ ކަމަކީ ހަމަ އިންތިހާއަށް އަޅުގަނޑު މައާފަށް އެދެން. އެއީކީއެއް މީހުން ބައިިތިއްބަން ގެންދާވަރު ތަނެއް ނޫން. އެގޮތަށް އެކަމެއް ނުވެސް ކުރާނެ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިހާރު އޭގެ ތެރެއިން އެއް ބަޔަކު ސަން ސިޔާމް އިރުފުށި ރިސޯޓުގައި ގާއިމުކޮށްފައިވާ ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަނެއް ބަޔަކު ކުޑަ ބަނޑޮސް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"އެކެމަކު ސާފުކޮށް ހަމަ އަޅުގަނޑުމެން ބަންގްލަދޭޝް އަދި އެހެން ބިދޭސީ ގައުމުތަކުން ވަޑައިގެން ރާއްޖޭގައި މަސައްކަތް ކުރާ ބޭފުޅުން އެތަނަށް ގެންދެވިފައި ވާތީ، އެ ދިމާވި ހާސްކަމަށާއި ވީ އުނދަގުލަށް ނިހާޔަތަށް މައާފަށް އެދެން ބޭނުން،" މަބްރޫކް ވިދާޅުވިއެވެ.
ވިލިވަރުގައި ޓުއަރިޒަމް މިނިސްޓްރީގެ ފަރާތުން ވަނީ 30 ކޮޓަރި ހަދާ މީގެކުރިން، ރާއްޖޭގައި ތިބި ފަތުރުވެރިން ބައިިތިއްބަން ވެސް ބޭނުންކޮށްފައެވެ.
މަބްރޫކް ވިދާޅުވީ މިހާރު ވިލިވަރު ފެސިލިޓީ ތައްޔާރުކުރަމުން އަންނަނީ މާލޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށައިފިނަމަ، ގިނަބަޔަކު އެއްފަހަރާ އެކަހެރި ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެ މަސައްކަތް މުޅިން ނިމުމުން ނޫނީ ވިލިވަރަށް އިތުރު ބަޔަކު ނުގެންދާނެ ކަމަށެވެ.