"މަޖިލިސް އަޅުގަނޑު ދެކޭގޮތުގައި މިވަގުތު ބައްދަލުވުން ވަރަށް މުހިންމު. ތިޔަ އިއްޒަތްތެރި މެންބަރުންނަކީ، މި ދިވެހިރާއްޖޭގެ ރައްޔިތުންގެ އިއްޒަތްތެރި ވަކީލުން. ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެމީހުން އެންމެ ފުރަތަމަ ގުޅާ އެއް ފަރާތަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު ދެކޭގޮތުގައި ތިޔަ އިއްޒަތްތެރި މެންބަރުން މި ވަގުތު ތިއްބަވާންޖެހޭނީ ރައްޔިތުންނާއި ފަސޭހައިން ގުޅޭ ގޮތަށް،" ކޮވިޑް19 އާ ގުޅިގެން އޮންލައިންކޮށް ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

މިފަދަ ހާލަތެއްގައި ސަރުކާރަށް ދަތިވާ ކަންކަމަށް އެހީވުމަށާއި، ސަރުކާރުން ނިންމާ ނިންމުންތަކަށް ފާރަވެރިވާން މަޖިލިސް ތައްޔާރަށް އޮންނަން ޖެހޭނެކަން ނަޝީދު އެ ދުވަހު ފާހަގަ ކުރެއްވި އެވެ. އެހެންވެ، މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ވެސް މި ދަނޑިވަޅުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން ފެށީ މާޗު 30 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މިހާރު މަހެއް ވާން ދާއިރު، މަޖިލީހުގެ ހަ ޖަލްސާ ބާއްވައިފި އެވެ. މިހާރުން މިހާރަށް ނިންމަންޖެހޭ މުހިންމު މައްސަލަތަކެއް ހުރީ މަޖިލީހަށް ހުށަހެޅިފަ އެވެ. ނަމަވެސް ނިންމުނީ ކޮން މުހިންމު ނިންމުމެއް ހެއްޔެވެ؟

ކޮވިޑް19 އާ ގުޅިގެން ހުރި މައްސަލަތައް:

  • ކޮވިޑް19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މައްސަލަ. (ކޮމިޓީ މަރުހަލާގައި)

  • ކައުންސިލްތަކުގެ ދައުރު ދިގު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް. (ހުށަހެޅިފައި)
  • ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020 (އިބްތިދާއީ ބަހުސް)
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020 (ފުރަތަމަ ކިޔުން)
  • ކޮވިޑް-19 އާ ގުޅިގެން އަންނަ އިގްތިސޯދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމާގުޅޭ މައްސަލަ (ހުށަހެޅިފައި)

މިހާރު އިންތިހާބުވެފައި ތިބި ލޯކަލް ކައުންސިލްތަކުގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވާއިރު، ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތުން ކައުންސިލް އިންތިހާބު ބޭއްވޭނެ ތާރީހެއް ބުނާކަށް އަދި ނޭނގެ އެވެ. އެހާތަނަށް އިންތިހާބު ނުބޭއްވޭނަމަ ކައުންސިލްތައް ގާނޫނީ ހުސްކަމަކަށް ދާނެ އެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރަން މަޖިލީހަށް އޮތީ ހުށަހަޅައިފަ އެވެ.

ކައުންސިލަރުންގެ ދައުރު ދިގުކުރެވެން އޮތީ ގާނޫނު އަސާސީ އިސްލާހުކޮށްގެންނެވެ. އެހެން ނަމަވެސް މިކަމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، ގާނޫނު އަސާސީ އިސްލާހުނުކޮށް އެކަން ކުރުމަށް އިތުރު ބިލެއް ވެސް އޮތީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ސުވާލަކީ ކައުންސިލްތަކުގެ ދައުރު ހަމަވުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެ ހިސާބުން ކައުންސިލުތައް ހުއްޓުނީ ހެއްޔެވެ؟ މިއީ ހުސް މަޖިލީހުން ގާނޫނީ ފަރުވާ ހޯދައިދޭން ޖެހޭ ކަންކަމެވެ.

މަޖިލީހުން މިކަމާ މެދު ގޮތެއް ނުނިންމިގެން އުޅޭ އިރު، އިންތިހާބަށް ވާދަކުރާ 204 ސިވިލް ސާވަންޓުން ތިބީ ސަސްޕެންޝަންގަ އެވެ. އެ މުވައްޒަފުންގެ އާސާސީ ހައްގުތައް ދަނީ ގެއްލެމުންނެވެ. ސަސްޕެންޝަން އުވާލަން ވެސް މަޖިލީހުން އަވަސް ނިންމުންތަކެއް ނިންމަން ޖެހުނަސް، އެކަމުގައި ވެސް ނިންމުމަކާ ހަމައަށް ނާދެވެ އެވެ. އެންމެ ފަހުން ސިވިލް ސާވިސް ކޮމިޝަނުން މިހާރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް 4.2 ބިލިއަން ރުފިޔާ މިވަގުތުން މިވަގުތަށް ބޭނުންވާތީ، މަރުކަޒީ ބޭންކުން ދައުލަތަށް ދިގު މުއްދަތަށް ލޯނު ނެގޭނޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާއެއް އެއް އަހަރަށް ހިފަހައްޓައި ދޭން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މިވަނީ މަޖިލީހުގައި އެދިވަޑައިގެންފަ އެވެ.

މި މައްސަލަ މަޖިލީހަށް މިހާރު ހުށަހެޅިފައި އޮތް ނަމަވެސް، ބަހުސް ފެށި، ކޮމިޓީ މަރުހަލާ ނިމި، ވޯޓާ ހިސާބަށް ދެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. ނަމަވެސް މިއީ ދިގު ދެންމޭ ކަހަލަ މައްސަލައެއް ނޫނެވެ.

މިކަން ފާހަގަ ކުރައްވައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އިއްޔެ ވިދާޅުވީ މި މައްސަލައަށް ވުރެ މުހިންމު މައްސަލައެއް މިވަގުތު މަޖިލީހަށް ހުށަހެޅިފައި ނެތް ކަމަށެވެ.

"ހުރިހާ މައްސަލައެއް ފަހަތަށް ޖައްސާފައި ވެސް ރައްޔިތުންނަށް، މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ، ރައްޔިތުން މި ހާލަތުން އަރައިިގަތުމަށް ދޭ ފައިސާ، ޕަބްލިކް އެކައުންޓްސް އޯވަޑްރޯ ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން އެދިފައޮތް މައްސަލައަށް ބަހުސް ކުރުމަށް ވުރެ މުހިންމު ހުތޫރަތްތެރި ތަނެއް ނެތޭ. ރައްޔިތުން ބަނޑަށް ޖައްސާކަށް ދުލެއް ނުކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އާދޭހާއެކު އެދިވަޑައިގަތީ މަޖިލީހުގެ "ޑްރާމާ" ހުއްޓާލާފައި މަސްއޫލިއްޔަތު އަދާކުރަން ފެށުމަށެވެ. މި މައްސަލަތައް އަވަހަށް ނިންމައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ މި މައްސަލައަކީ ފުޅާ ދާއިރާއެއްގައި ބަހުސް ކޮށްގެން، ވަގުތު ދީގެން މެނުވީ ނިންމޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި މިއަދުން މިއަދަށް އެ މައްސަލަ ނުނިންމައިފި ނަމަ ރައްޔިތުން ބަނޑަށް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތަށް ވަންނަ ސުވާލަކީ، އިއްޔެ ނޫން އިހައްދުވަހު މަޖިލީހަށް ލިބުނު މައްސަލައެއް، މިއަދު ނުނިންމުނީމާ، މާދަމާ އިއްޒަތްތެރި މެމްބަރުންގެ ރައްޔިތުން ބަނޑަށްޖެހޭ ހާލަތަކަށް ކަންކަން ދާގޮތަކަށް ރޭވިފަ ތަރުތީބުވެފަ އިންތިޒާމްވެފަ ހުރެދާނެ ބާއޭ އަޅުގަނޑުގެ ހިތަށް ވަންނަނީ،" ނަޝީދު ވިދާޅުވި އެވެ.

ހަމައެއާއެކު ކޮވިޑް19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ދަށްވެފައިވާ މި ދަނޑިވަޅުގައި ކުއްޔަށް އުޅޭ އެތައް ބަޔަކު އަންނަނީ ހާލުގައި ޖެހި މަގުމަތިވަމުންނެވެ. ގިނަ ބަޔަކު އަންނަނީ މި ވަގުތަށް ކުލި ދެއްކުން މަޑުޖައްސާލެވޭނެ ގޮތެއް ނުވަތަ ކުލި ނުދެއްކުނަސް ގެއިން ނުނެރެވޭނެ ގޮތެއް ނަމަވެސް ހަދައިދިނުމަށް މަޖިލިސް މެމްބަރުންގެ ފަރާތުން އާދޭސް ކުރަމުންނެވެ.

އެހެން ނަމަވެސް ރައްޔިތުންްގެ އާދޭހުގެ އަޑު، ރައްޔިތުންގެ "އެންމެ ގާތް އެކުވެރިން" ކަމަށް ދައުވާ ކުރާ، ރައްޔިތުންގެ ވަކީލުންނަށް އަދި އިވުނު ކަމަކަށް ނުވެ އެވެ. މި ހާލަތުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް، ކޮންމެހެން ބާއްވައް ޖެހިގެން އޮންލައިންކޮށް ކުރިއަށް ގެންދާ މަޖިލިސް ޖަލްސާތަކުގައި މި ވާހަކަ ދައްކާނެ މެމްބަރަކު އަދި ނުވެ އެވެ. އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެކަން ނިންމި ނަމަވެސް، އެކަން އަމަލީ ގޮތުން ކުރިއަށްދާ ތަނެއް ނުފެނެ އެވެ.

މަޖިލީހުން ނިންމަންޖެހިފައި ހުރި މުހިންމު މައްސަލަތައް ބައިވަރެވެ. މިއީ ޑްރާމާތަކުގައި ވަގުތު ބޭކާރު ކުރެވެން އޮތް ދަނޑިވަޅެއް ނޫނެވެ. ކޮންމެ ދުވަހަކު ގައުމުގެ އިގްތިސާދު ހީނަރުވެ، ވިޔަފާރިތަކަށް އަންނަނީ އަސަރު ކުރަމުންނެވެ. އެކަމުން ބިކަވަނީ އާއިލާތަކެވެ. ގައުމުގެ ހާލަތު ދަށްވެ، އެކަމުގެ ސީދާ އަސަރު އެތައް ހާސް ރައްޔިތުންނަށް އަންނަނީ ކުރަމުންނެވެ.

މާލޭ ބަނދަރުގައި އަޅާފައި އޮތް އޮޑިދޯނި ފަހަރުގެ ކަންކަން، އެކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބަލަމުންނެވެ. ފަޅުގައި އޮތް 34 ދޯނީގެ ހާލަތު ބައްލަވަން މަޖިލީހުގެ ރައީސް އުޅުއްވުމަށް ވުރެ ބޮޑަށް އެމަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަމުގެ ފަހަތުން އަވަދިނެތި އުޅުއްވުން މާ މުހިންމެވެ. އެކަމަކު އެ މަސައްކަތް ކުރެއްވުމަށް ވުރެ އެމަނިކުފާނުގެ ސިޔާސީ ޑްރާމާ މާ މުހިންމުހެން ހީވެ އެވެ.