19 Dec 2011, 22:00
ސޫރިޔާގެ ހާލަތު ބެލުމަށް އަރަބިލީގުގެ އޮބްޒާވަރުން ފޮނުވުމަށް އެއްބަސްވެ، އަރަބިލީގުން އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގައި އެ ގައުމުގެ ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޫރިޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަހުމަދު ބިން ހަލީލީ އެވެ. އަދި އަރަބިލީގުގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އެވެ.
އެއްބަސްވުމުގައި ސޮއިކުރި ފަހުން ދިމިޝްގުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ސޫރިޔާގެ ފޮރިން މިނިސްޓަރު ވަލީދު މުއައްލަމް ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކުރީ ސޫރިޔާގެ އަމިއްލަ ވަންތަކަމަށް އޭގެ ސަބަބުން ބުރުލެއް ނާރާނެކަން ޔަގީންކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ވިދާޅުވީ އެ އެއްބަސްވުމަކީ އެއް މަސް ދުވަހަށް ފަހު އަލުން އާކުރާ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށެވެ.
ސޮއިކުރި އެއްބަސްވުމުގެ ދަށުން އަރަބިލީގުގެ އޮބްޒާވަރުން އެގައުމަށް އައުމުން އެ ގައުމުގެ ސަރުކާރުން ހަނގުރާމަކުރަމުން ދަނީ ހަތިޔާރު އެޅި ޖަމާއަތްތަކާ ކަން އެނގޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ސޫރިޔާގެ ފޮރިން މިނިސްޓަރު މުއައްލަމް މިއަދު ވިދާޅުވި އެވެ.
"ސޫރިޔާގައި ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތްތައް ތިބިކަން ގަބޫލުކުރަން ބޭނުންނުވާ އެތައް ގައުމެއް އެބަތިބި، އެގައުމުތަކުން އަންނާނެ، އަދި އެފަދަ ގްރޫޕްތައް ތިބިތަން ދެކޭނެ،" މުއައްލަމް ވިދާޅުވި ކަމަށް އަލްޖަޒީރާގައިވެ އެވެ.
އެއްބަސްވުމުގައި ސޮއިކުރުމާ އެކު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ މީހުން ދިމިޝްގުގެ މަގުތަކަށް ނުކުމެ، ވަނީ ހިނގާލުމެއް ބާއްވައިފަ އެވެ.
ސޫރިޔާގެ ހަމަނުޖެހުންތަކުގައި މިހާތަނަށް 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.