22 Apr 2020, 14:45
މި ދަނޑިވަޅުގައި އިދިކޮޅު ޕާޓީގައި ތިބި ނަމަވެސް ސަރުކާރަށް އެއްބާރުލުން ދީ ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރި ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާނު މައުމޫން ވިދާޅުވެއްޖެ އެވެ.
ހަފްތާއެއްގެ މަދުކެނޑުމަކަށް ފަހު މިއަދު މަޖިލީހުގެ ޖަލްސާތައް ވަނީ ވެބް މެދުވެރިކޮށް ވަނީ ފަށާފަ އެވެ ލޮކްޑައުންގެ މި ދުވަސްވަރުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ގައްސާން ވިދާޅުވީ، އަޅުގަނޑުމެން އެންމެން މިތިބީ ވަރަށް ނާޒުކު ދަނޑިވަޅެއްގައި ކަމަށެވެ. އަދި ކާބޯތަކެތި ލިބުން ވެސް އެންމެ ފަސޭހައެއް ނޫން ކަން ގައްސާން ވިދާޅުވި އެވެ.
"ގޭގޭގެ ކުލި މިހާރު މި އޮތީ ނުދެއްކިފައި. އަދި އޭގެ ސަބަބުން ބައެއް މީހުން މަގުމަތި ކުރަމުންދާ ކަމުގެ ހިތާމަވެރި ހަބަރުތައް މިދަނީ ފެތުރެމުން. އަޅުގަނޑުވެސް ގަބޫލު ކުރަން މިކަހަލަ ދުވަހަކަ ވެސް އެއްވެސް މީހަކު ހީ ނުކުރާ ދަނޑިވަޅެއްގައި ދިމާވި ކަމަކަށް ވަރަށް ގިނަ ފިޔަވަޅުތަކެއް މިދަނީ އެޅެމުން،" ގައްސާން ވިދާޅުވި އެވެ
ރާއްޖޭގެ އިގްތިސާދަށް ކުރާނެ ކަމަށް ބެލެވުނު އަސަރު މިހާރު މިއޮތީ އައިސް ބައްދަލުކޮށްފައިކަން ފާހަގަކޮށް ގައްސާން ވިދާޅުވީ، މަގުމަތިވަމުންދާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ހަމައެކަނި އިލްތިމާސްއެއް ކޮށްގެން ފުއްދާލަން ނެތް ކަމަށެވެ.
އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ގަވާއިދަށް ގެނެވޭ ބަދަލަކުން ނުވަތަ މަޖިލީހުން ގާނޫނަށް ބަދަލުގެނައިސްގެން ނަމަވެސް މަގުމަތިވަމުންދާ މީހުނަށް ދާއިމީ ހައްލެއް ހޯދައި ދޭން ޖެހޭ ކަން ގައްސާން ފާހަގަކުރެއްވި އެވެ.
"ދިވެހި ރައްޔިތުންނަށްޓަކައި އެންމެން އެއްކޮށް މަސައްކަތްކޮށްގެން މިކަންކަން ހައްލު ކުރަން އެބަ ޖެހޭ. އިއްޒަތްތެރި ރައީސް މިދަނޑިވަޅަކީ އަޅުގަނޑުމެން އެންމެން އިހްސާންތެރިކަން އިސްކުރަންވީ ވަގުތު. ސިޔާސީ ހިޔާލުތަފާތުވުންތައް ދޫކޮށްފައި އަޅުގަނޑުމެން އެންމެންނަކީ އެންމެ ފުރަތަމަ ދިވެހިރައްޔިތުން ކަން ގަބޫލުކޮށްގެން ގައުމަށްޓަކައި މަސައްކަތްކުރަންވީ ވަގުތު އިދިކޮޅު ޕާޓީގައި ތިބި ކަމުގައި ވިޔަސް އަޅުގަނޑުމެން މި ތިބީ ދިވެހި ރައްޔިތުންނަށްޓަކައި އެއްބާރުލުންދީ ކޮންމެ މަސައްކަތެއް ކުރަން ވެސް ﷲ އިރާދަކުރެއްވިއްޔާ ތައްޔާރަށް،" ރައީސް މައުމޫންގެ ދަރިކަލުން ގައްސާން ވިދާޅުވި އެވެ.
މިދަނޑިވަޅަކީ ކުރެވޭ ކަންތައްތަކެއްގެ ސަބަބުން ހިތް ހަމަ ޖައްސާލައިގެން ތިބެންވީ ވަގުތެއް ނޫން ކަން ގައްސާން ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ނުކޮށް ދޫކޮށްލެވޭ އެންމެ ކަމަކުން މިހާރު ވެސް އަދި ފަހުން ވެސް ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ހާލަތަކާއި މެދު ވިސްނަން ޖެހޭ ކަމަށެވެ.