22 Apr 2020, 14:36
މާލެއިން ކޮވިޑް19 ފެނި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި ގިނަ ބަޔަކު ހާލުގައި ޖެހެމުން އަންނާތީ، ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމަށް ރައްޔިތުންްގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައި ވަނީ ނުރައްކާތެރި ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރެން ފެށުމުން، ކުއްލިއަކަށް މާލެ ލޮކްޑައުން ކުރިއިރު، އަތޮޅުތަކުން ދަތުރުވެރިންގެ ގޮތުގައި މާލެ އައިސް ތިބި ދަތުރުވެރިންނަށް ރަށްރަށަށް ދެވޭނެ ގޮތެއް ހަމަޖެހިފައިިވާކަން އެނގެން ނެތް ކަމަށެވެ.
ހަމައެއާއެކު ލޮކްޑައުންއާ ގުޅިގެން މާލޭގައި ގެދޮރު ނެތި މަގުމަތިވަމުންދާ މީހުންނަށް ވެސް ގޮތެއް ހަމަޖެހިފައިވާކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް ހުށަހަޅާ ކަމަށެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، އޭގެ ކުރިން އެކި ބޭނުންތަކުގައި މާލެ އައިސް ނުފުރިފައި ތިބި މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިހާތަނަށް ހާލުގައި ޖެހިގެން ރިޕޯޓުކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400އަށް ވުރެ ގިނަ ފަރާތްތަކަށް މާލޭގައި ހުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި އެ ކައުންސިލްއާއެކު މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 87 މީހުންނަށް ވެސް ޖެންޑާ އިން އަންނަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.