22 Apr 2020, 14:07
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މި އަހަރު ފިލާވަޅުތައް ނަގައިދީ ހަމަނުކުރިޔަސް ދަރިވަރުން ރިޕީޓް ނުކުރާނެކަމަށް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެ އެވެ.
ކޮރޯނާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މީގެ ކުރިން ދަރިވަރުންނަށް ޓީވީ ޗެނަލްތައް މެދުވެރިކޮށް ނަގައިދެމުން އައި ޓެލެކްލާސްތައްވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އާތިޔާ މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމް ފަހަކަަށް އައިސް ބައްޓަން ކުރެވިފައި އޮތީ އޮޓަމެޓިކްއިން ދަރިވަރުން އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުވާ ގޮތަށް ކަމަށާއި އެހެންކަމުން ދަރިވަރުން މިއަހަރު ވަކި ރިޕީޓް ނުކުރާނެ ކަމަށެވެ.
މިހާރު އޮތް ހާލަތުގެ ސަބަބުން ދަރިވަރުންގެ ކިޔަވުން ފެށޭނެ ތާރީހެއް ނޭނގޭކަމަށާއި އެހެންނަމަވެސް ކިޔެވުން ފެށުމުން އަލުން ދަރިވަރުންނަށް ކިޔަވައިދީފިލާވަޅުތައް ހަމަކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ޕްލޭން ހަދަމުންދާ ކަމަށް އާތިޔާ ވިދާޅުވި އެވެ.
"މިވަގުތު ނެތް ދޮއްތޯ މާހަލެއްވެސް. ދެން އަޅުގަނޑަށްވެސް އެނގޭ ދަރިވަރުންގެ މެދުގައި ބިރުވެރިކަން އޮތްކަން. ދަން މައިންބަފައިންވެސް ޖެހޭ ކުދިން ދައްކާ ވާހަކަ އަހައި ކުދިންނަށް އަޅާލާ ހަދަން. އޭގެ އިތުރުން މިވަގުތު ކުދިންނަށް ދުނިޔޭގެ އެކި ކަންތައްތައް ދަސްކޮށްދީ އަދަބު އަހުލާގުވެސް މިގަތު ދަސްކޮށްދެވިދާނެ." އޭނާ ވިދާޅުވި އެެވެ.