22 Apr 2020, 13:28
ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް މެދުނުކެޑި ކުރިއަށް ގެންދިޔުމަށް 4.2 ބިލިއަން ރުފިޔާ މިވަގުތުން މިވަގުތަށް ވެސް ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ދަންނަވައިފި އެވެ.
ކޮވިޑް 19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ އަދި މާލީ ލޮޅުންތަކާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް ލުއިތަކެއް ހޯދައިދިނުމަށް އެދި މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ އާމްދަނީ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ކުރު މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ވަނީ ހޯދަން ޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިގޮތުން، ސިނާރޯ ތިނަކަށް ބަލައި، ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަންކަން ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވެ އެވެ،" މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެ ސިޓީގައި ހިމަނުއްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް އެވްރެކްކޮށް މަހަކު ލިބޭނެ ކަމަށް ލަފާކުރެވެނީ 822 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް، ހަރަދުގެ ގޮތުގައި އެވްރެޖްކޮށް މަހަކު 2.3 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. އެހެން ކަމަށް ވެއްޖެ ނަމަ، އެ ޑެފިސިޓް ފޫބައްދަން އެވްރެޖްކޮށް މަހެއްގެ މައްޗަށް އިތުރު 1.48 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.

މައުލޫމާތު: ފިނޭންސް
ފިނޭންސް މިނިސްޓަރު ސިޓީގައި އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މާލެ ލޮކްޑައުންކުރަން ޖެހިފައި ވުމުގެ ސަބަބުން ވިޔަފާރިތައް ހުއްޓި، ވިޔަފާރިތަކުން ދައުލަތަށް ޓެކްސް ދެއްކުމަށް ވެސް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން އިގްތިސާދީ ޑިމާންޑް ދަށްވެފައިވާ މިދަނޑިވަޅުގައި ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަކީ އިތުރަށް ކަންކަން ގޯސްވާނެ ކަމަކަށްވާތީ ހަރަދު ކުޑަކުރަން ދަތި ކަމަށެވެ. އަދި ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތުން ސިއްހީ އަދި ކާރިސާ މެނޭޖް ކުރުމަށް ކުރަންޖެހޭ ހަރަދު އިތުވެފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މިދަނޑިވަޅުގައި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ އޮޕަރޭޝަނަލް ހަރަދުތައް ކުންފުނިތަކުން ސަރުކާރަށް ބަރޯސާވާން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ދައުލަތުން ބައެއް ހަރަދުތައް ކުޑަކުރިކަން އެ ލިޔުމުގައި މިނިސްޓަރު ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރު ލެވަލުން ފެށިގެން މަތީގެ ސިޔާސީ ބޭފުޅުންގެ މުސާރައިން 20 ޕަސެންޓް ކަނޑާލާފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުން ކުޑަކުރި ހަރަދުތައް
- ޑެޕިއުޓީ މިނިސްޓަރު ލެވަލުން ފެށިގެން މަތީގެ ސިޔާސީ ބޭފުޅުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުން
- ދަތުރުފަތުރަށް ކުރާ ހަރަދު ކުޑަކުރުން
- މަރާމާތުތަކާއި ހަރުމުދާ ހޯދުން މަޑު ޖައްސާލުން
- އެހެނިހެން ރިކަރަންޓު ހަރަދުތައްވެސް ކުޑަކުރުން
- އިތުރު މުވައްޒަފުން ނުނެގުން
- މަޝްރޫއުތައް އެވޯޑްކުރުން މަޑުޖައްސާލުން
މިނިސްޓަރު އަމީރު ވިދާޅުވީ ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ހިލޭ އެހީއާއި ލޯނު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ފައިސާ ހޯދުމުގެ މަޝްވަރާތައް ނިމި ފައިސާ ލިބޭ ހިސާބަށް ދިއުމަށް އިތުރު ވަގުތު ނަގާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
އެހެން ކަމުން މިނިސްޓަރު އެދިވަޑައިގެންނެވީ، ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް އަމަލުކުރުން ފަސްކޮށް ދިނުމަށެވެ.
އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.
އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ އެވެ.
އޭގެ އިތުރުން ދެން ފިނޭންސް މިނިސްޓަރު ފަސްކޮށްދޭން އެދިވަޑައިގަތީ 32 ވަނަ މާއްދާގެ (ރ) އަދި އަދި ހަމަ އެ މާދާގެ (ބ) އެވެ. އެމާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. 1 ޖެނުއަރީ 2016 ވަނަ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.
އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ. އެ ދެ މާއްދާއަށް އަމަލު ކުރުން ހުއްޓާލުމަށް ފާސް ކުރުމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ