22 Apr 2020, 14:00
ދިއްލީ (އޭޕްރިލް 22): އިންޑިއާއަށް ގެންދިޔަ ޗައިނާގެ ރެޕިޑް ޓެސްޓިން ކިޓުތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ބުނާ ޝަކުވާތަކާ ގުޅިގެން އެ ކިޓުތައް ދެ ދުވަސް ވަންދެން ބޭނުން ނުކުރުމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރު)އިން އިއްޔެ އަންގައިފި އެވެ.
އައިސީއެމްއާރުގެ އެޕިޑެމިއޮލޮޖީ އެންޑް ކޮމިއުނިކެބުލް ޑިޒީސެސްގެ ވެރިޔާ ރަމަން ގަންގާކޭޑަކަރު ވިދާޅުވި ގޮތުގައި އެގައުމުގެ ތިން ސްޓޭޓަކުން ވަނީ ރެޕިޑް ޓެސްޓިން ކިޓުތަކުން ރަނގަޅު ނަތީޖާ ފެންނަ ވަރު މަދު ކަމަށް ބުނެފަ އެވެ. އެއީ ރާޖަސްތާން، ކެރަލާ އަދި ޓަމިލް ނާޑޫ އެވެ.
"ކޭސްތައް ޑިޓެކްޓް ކުރެވޭ ވަރު މަދު ކަމަށް އެއް ސްޓޭޓުން ޝަކުވާ ކުރި. އެހެންވެ އަޅުގަނޑުމެން ތިން ސްޓޭޓަކާ ވާހަކަ ދެއްކިން އަދި ޕޮޒިޓިވް ސާމްޕަލްތައް ސައްހަވާ މިންވަރު ވަރަށް ބޮޑަށް ތަފާތުކަން ފާހަގަ ކުރެވުނު. ބައެއް ސަރަހައްދުތަކުގައި ސައްހަ ވަނީ ހަ ޕަސެންޓު އަދި އެހެން ސަރަހައްދުތަކުގައި 71 ޕަސެންޓު،" ގަންގާކޭޑަކަރު ވިދާޅުވި އެވެ.
އައިސީއެމްއާރުން ވަނީ މި ދެ ދުވަސް ތެރޭ ކަމާ ބެހޭ މާހިރުން އެ ޓެސްޓުތަކުގެ މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ. އަދި އޭގައި މައްސަލަ އުޅޭ ނަމަ ކިޓުތައް އުފެއްދި ފަރާތަށް ޝަކުވާ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ރާޖަސްތާނުން ވަނީ އެ ކިޓުތައް ބޭނުން ކުރަން ދެކޮޅު ހަދާފަ އެވެ. އެ ސްޓޭޓުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ކިޓުތަކުގެ 'އެކިއުރެސީ ލެވެލް' ހުރީ ފަސް ޕަސެންޓުގަ އެވެ. އަދި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާކަން ޔަގީންވާ މީހުންވެސް އެ ކިޓުތަކުން ޓެސްޓު ކުރުމުން ނެގެޓިވްވެފައިވެ އެެވެ.
މިދިޔަ ހަފްތާ ތެރޭ އިންޑިއާއިން ވަނީ ޗައިނާގެ ފަސް ލައްކަ ރެޕިޑް ޓެސްޓިން ކިޓު އެގައުމަށް ގެންގޮސް، ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޑިސްޓްރިކްޓުތަކަށް ބެހުމަށް ސްޓޭޓުތަކާ ހަވާލުކޮށްފަ އެވެ.
އައިސީއެމްއާރުން ވަނީ އެ ރެޕިޑް ޓެސްޓިން ކިޓުތަކަކީ ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ މައިގަނޑު ޓެސްޓަކަށް ހަދައިގެން ނުވާނެކަން މީގެ ކުރިން ފާހަގަކޮށްފަ އެވެ. އެ ޓެސްޓު ކިޓުތަކުން ބަލަނީ މީހާގެ ހަށިގަނޑުގައި ވައިރަސް ހުރުމުން، އެ ވައިރަސް ނައްތާލުމަށް އުފައްދާ އެންޓިބޮޑީސް ލޭގައި ހުރިތޯ އެވެ. އަދި އެއީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން ޔަގީން ކުރުމުގެ ބަދަލުގައި ގިނަ ބަޔަކު ވީހާވެސް އަވަހަށް ވައިރަހަށް ސްކްރީން ކުރުމަށް ބޭނުން ކުރާ ކިޓުތަކެވެ.
ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް އެންމެ އިތުބާރު ކުރެވޭ އަދި ގިނަ ގައުމުތަކުން ބޭނުން ކުރާ ޓެސްޓަކީ ޕީސީއާރު ޓެސްޓެވެ.
އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ ޗައިނާގެ ރެޕިޑް ޓެސްޓިން ކިޓުތަކުގައި މައްސަލަ އުޅޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ޗައިނާއިން ވަނީ އެގައުމުން އުފައްދަނީ ކޮލިޓީ ދަށް ކިޓުތައް ނޫން ކަމަށް ބުނެ، އެގައުމުން ސިއްހީ އާލާތްތައް އެކްސްޕޯޓު ކުރަނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށް ބުނެފަ އެވެ.
އިންޑިއާގައި މިހާތަނަށް 19,984 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 640 މީހަކު މަރުވެފަ އެވެ.