19 Dec 2011, 20:09
އެމްވީކޭ އިން އެއާޕޯޓުގައި ހިންގަމުން ގެންދާ ޑިއުޓީ ފުރީ ފިހާރަ މިއަދު 10:00 އިން ފެށިގެން 48 ގަޑިއިރު ތެރޭ ހުސްކޮށް ޖީއެމްއާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިގޮތަށް ހުކުމް ކުރީ އެމްވީކޭއާއި އެެއާޕޯޓާ ދެމެދު ޑިއުޓީ ފްރީ ފިހާރަ ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ އެތަން ޖީއެމްއާރާ ހަވާލުކުރަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމާއި ގުޅިގެން ވެސް އެމްވީކޭ އިން އެތަން ޖީއެމްއާރާ ހަވާލުކުރަން އިންކާރުކޮށްފައި ވާތީ އެވެ. ޖީއެމްއާރުން ކޯޓްގައި އެދިފައި ވަނީ ސިވިލް ކޯޓާއި ހައި ކޯޓުން އެމްވީކޭގެ މައްޗަށްކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށެވެ.
ެެއެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ހުކުމްގައި ވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން 48 ގަޑި އިރު ތެރޭގައި ޑިއުޓީ ފްރީ ފިހާރައިގައި ހުރި އެންމެހައި މުދާ ހުސްކޮށް ޖީއެމްއާރާ ހަވާލުކުރަން އެމްވީކޭ އަށް އަންގާ ކަމަށެވެ.
އެމްވީކޭ އިން ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް ޑިއުޓީ ފުރީ ފިހާރަ ޖީއެމްއާރާއި ހަވާލު ނުކުރާ ނަމަ، ހުކުމް ތަންފީޒު ކުރުމަށް ފުލުހުންނާއި ކަސްޓަމްސްއަށް އަންގާ ކަމަށް ނިހާޔަތު އިއްވެވި ހުކުމްގައިވެ އެވެ.
"ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޑިޕާޗާ ޓާމިނަލްގެ ޑިއުޓީ ފުރީ ފިހާރަ މިއަދު ޑިސެމްބަރު 19، 2011 ވާ ދުވަހުގެ 10:00 އިން ފެށިގެން 48 ގަޑިއިރު ތެރޭގައި ހުސްކޮށް މިތަން ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމަށް އަލްފާ އެމްވީކޭބީ މީލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މިހުކުމް އަލްފާ އެމްވީކޭބީ މީލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަމުރު ކުރެވިގެން ވާގޮތަށް އެ ފަރާތުން އަމަލު ނުކުރާނަމަ، ތަނުގެ މަސްލަހަތު ހިފަހައްޓައި އަމާން ބެލެހެއްޓުމާއި އެކު މި ހުކުމް ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި މޯލްޑިވްސް ކަސްޓަމް ސާވިސް އަށް އަންގައި ހުކުމްކޮށްފީމެވެ،" ހުކުމް އިއްވަވަމުން ގާޒީ ނިހާޔަތު ވިދާޅުވި އެވެ.