22 Apr 2020, 16:55
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މަޝްހޫރު ޓޯކް ޝޯ ހޯސްްޓް އެލެން ޑިޖެނެރެސްގެ ޝޯގެ ކްރޫގެ މުސާރަ 60 ޕަސެންޓާ ހަމައަށް ކުޑަކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެލެންގެ ސްޓޭޖް ކްރޫގެ ގޮތުގައި 30 އަކަށް މުވައްޒަފުން އުޅޭއިރު އެމީހުންގެ މުސާރައާއި މަސައްކަތް ކުރަން ޖެހޭ ގަޑިއާ ބެހޭގޮތުންވެސް މަހެއް ވަންދެއް އެއްވެސް އެއްޗެއް ބުނެފައިނުވާ ކަމަށް ކްރޫއިން ބުނެއެވެ. އެކަމާ ގުޅޭގޮތުން ޕްރޮޑަކްޝަންގެ އިސްމީހުންނާ ވާހަކަ ދެއްކުމުންވެސް މާބޮޑު މައުލޫމާތެއް ދީފައިނުވާ ކަމަށް ކްރޫއިން ބުންނެވެ.
ނަމަވެސް ފަހުން މިދިޔަ ހަފްތާގައި ކްރޫއިންގެ މުސާރަ 60 ޕަސެންޓާ ހަމައަށް ކުޑަކުރަން ނިންމިކަން ޝޯގެ އެކްޒެކިއުޓިވްއިން މިދިޔަ ހަފްތާގައި އެންގިކަމަށް ކްރޫއިން ބުނެއެވެ.
ކްރޫއިންގެ މުސާރަ ކުޑަކުރަން ނިންމިއިރު މިހާރުވެސް އެލެންގެ ޝޯތައް ދަނީ ދައްކަމުންނެވެ. ނަމަވެސް މިހާރުގެ ޝޯތައް ޝޫޓް ކުރަނީ އެލެންގެ ގޭގައެވެ. އަދި އެ ޝޫޓްތައް ކުރަމުންދަނީ ތާޑް ޕާޓީއެއް ލައްވައެވެ. މިއީވެސް އެލެންގެ ޝޯގެ ކްރޫއިން ވަރަށް ބޮޑަށް ނުރުހުންވި ކަމެކެވެ.
މުސާރަތައް ކުޑަކުރިއިރު އެލެންއަކީ ބޮޑު މައްސަންޖެއްކަން ފާހަގަކޮށްލެވެއެވެ. އޭނާގެ މިލްކިއްޔާތުގައި 490 މިލިއަން ޑޮލަރު ހުރިއިރު މިދިޔަ އަހަރު އެކަނިވެސް 75 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެލެންއަށް ލިބިފައިވެއެވެ،
ކޮރޯނާއާ ގުޅިގެން އެމެރިކާ ލޮކްޑައުންއަކަށް ވަނީ ގޮސްފައެެވެ. ލޮކްޑައުންގައި ހުރުމަކީ ޖަލެއްގައި ހުރުންކަމަށް ސިފަވާގޮތަށް އެލެން ދެއްކި ވާހަކަތަކަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މަސްދަރު: ނިއުއިންޑިއަންއެކްސްޕްރެސް