ނިއުދިއްލީ (22 އެޕްރީލް 2020) : އިންޑިއާގެ ރިޔާސީ ގަނޑު ރާޝްތްރަޕަތީ ބަވަންގައި މަސައްކަތްކުރާ މުވައްޒަފެއްގެ އާއިލާގެ މެންބަރަކު ކޮރޯނާވައިރަސް "ކޮވިޑް-19" އަށް ޕޮޒިޓިވް ވުމުން އެގަނޑުވަރު ކުއްލި ހާލަތަށް ގެނަސްފި އެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރުން ނެރުނު ކުރު ބަޔާނެއްގައި އެ ގަނޑުވަރުގައި މަސައްކަތްކުރާ އަދި އެތަނުގައި ގިނަ ވަގުތުތަކެއް ހޭދަކުރާ މުވައްޒަފެއްގެ އާއިލާގެ މެންބަރެއްގެ ހަށިގަނޑުން ކޮވިޑް-19ގެ އަލާމާތްތައް ފެންނާތީ އޭނާ ޓެސްޓްކުރުމުން އެރޯގާއަށް ޕޮޒިޓިވްވި ކަންވަނީ ކަށަވަރުކޮށްދީފަ އެވެ.

ރާޝްތްރަޕަތީ ބަވަންގައި މަސައްކަތްކުރާ އެ މުވައްޒަފުގެ އާއިލާގެ މެމްބަރު ޕޮޒިޓިވް ވުމާގުޅިގެން އެ މުވައްޒަފު ޓެސްޓްކުރުމުން އޭނާގެ ހަށިގަނޑުން ކޮވިޑް-19 ފެނިފައިނުވާ ކަމަށް އެ ބަޔާންބުނެއެވެ. ޕޮޒިޓިވްވި މީހާ ދެނެގެންފައި ވަނީ، ކޮވިޑް-19 ޖެހިގެން ނިއުދިއްލީގައި މަރުވި މީހެއްގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ ތެރެއިން ކަމަށް އިންޑިއާގެ މީޑިއާ ބުނެ އެވެ.

އެ ހާލަތާގުޅިގެން ރާޝްތްރަޕަތީ ބަވަންގެ އެހެން މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރަންފަށައިފަ އެވެ. މިދެންނެވި މުވައްޒަފު މަސައްކަތްކުރަނީ އިންޑިއާގެ ރައީސް ރާމްނާތް ކޯވިންދުގެ ސެކްޓެރިއޭޓްގައި ކަމަށާ އޭނާގެ އާއިލާ ދިރިއުޅެނީ އެ ގަނޑުވަރުގެ ކައިރީގައިވާ އަވަށުގައި ކަމަށް އިންޑިއާގައި ޝާއިޢުކޮށްފައިވާ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޕޮޒިޓިވް ހާލަތާގުޅިގެން ރާޝްތްރަޕަތީ ބަވަންގެ ވަށައިގެންވާ ސަރަހައްދުގައިވާ އަވަށުގެ އެންމެން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަށައިފަ އެވެ. ރާޝްތްރަޕަތީ ބަވަން ހުންނަ ސަރަހައްދުގައިވާ އަވަށުގައި 115 އާއިލާ ދިރިއުޅޭކަމަށްވެ އެވެ.

އިންޑިއާގައި ވަރަށް ބާރަށް ކޮވިޑް-19 ފެތުރެމުންދާއިރު ވެރިރަށް ނިއުދިއްލީއަކީ އެގައުމުގައި އެންމެ ހަލުއިކޮށް އެ ރޯގާ ފެތުރެމުންދާ އެއް ސަރަހައްދެވެ. އިންޑިއާގައި 20 ހާހަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު 650 މީހުން އެ ރޯގާގައި މަރުވިކަން ރިޕޯޓްކޮށްފައިވެ އެވެ. ނިއުދިއްލީއަށް ބަލާއިރު އެ ސަރަހައްދުން އެކަނި ވެސް 2156 މީހުން ކޮވިޑް-19 ޕޮޒިޓިވްވެފައިވާ އިރު 50 މީހުން އެސަރަހައްދުން މަރުވެފައިވެ އެވެ. އިންޑިއާގައި ކޮވިޑް-19 ބާރަށް ފެތުރޭކަން އެނގުނީ ޓެސްޓްކުރާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ. (އިންޑިއާގެ މީޑިއާ)