ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު އަދި ބިލިއަނަރު އޮންގް ބެންގް ސެންގް ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާކޮށްފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނެފައިވަނީ އޮންގް ބެންގް ސެންގް ވަނީ ރާއްޖެއަށް 15 ވެންޓިލޭޓަރުގެ އިތުރުން ރާއްޖެއަށް ފޭސް މާސްކްވެސް ހަދިޔާ ކުރައްވާފައި ކަމަށެވެ. އެގޮތުން ރާއްޖެއަށް 100،000 ފޭސް މާސްކް އޭނާ ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އެތަކެތި މިހާރު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ހައިކޮމިޝަނާ ހަވާލުކޮސްފަ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ކެޕޭސިޓީ ވަރުގަދަ ކުރުމަށްޓަކައި ތަފާތު މަސައްކަތްކުރަމުންދާއިރު ބޭރުގެ އެކި ފަރާތްތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ސިންގަޕޫރުގެ އިތުރު ކުންފުންޏެއްގެ ފަރާތުން ރާއްޖެއަށް ވަނީ 5،000 ޓެސްޓް ކިޓުވެސް ހަވާލުކޮށްފައި ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އެތަކެތި މިހާރު ހުރީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކަމަށާއި އެތަކެތި ގެނައުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ކޮވިޑް-19ގެ ފަރުވާއަށް މަސައްކަތްކުރުމަށްޓަކައި ރާއްޖެއިން ދަނީ 135 ވެންޓިލޭޓަރާއި 14 ޓްރާންސްޕޯޓެބަލް ވެންޓިލޭޓަރު ހޯދަމުންނެވެ. އޭގެތެރެއިން ހަ ޓްރާންސްޕޯޓެބަލް ވެންޓިލޭޓަރު މިހާތަނަށް ލިބިފައިވާ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ އެވެ.

އެ ސެންޓަރުން ކުރީންވެސް ބުނެފައިވަނީ ރާއްޖޭގައި މިހާރުވެސް 97 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.

ހުޅުމާލޭގައި އަންނަނީ 300 އެނދުނުގެ މެޑިކަލް ފެސިލިޓީއެއް ވެސް ތަރައްގީކުރަމުންނެވެ.