22 Apr 2020, 11:56
މަރުކަޒީ ބޭންކުން ދައުލަތަށް ދިގު މުއްދަތަށް ލޯނު ނެގޭނޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާއެއް އެއް އަހަރަށް ހިފަހައްޓައި ދޭން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހުގައި އެދި ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ބ) އަދި (ރ) އަށް އަމަލު ކުރުން އެއް އަރަހަށް ފަސް ކުރުމަށް މަޖިލީހުން ފާސް ކުރުމަށެވެ. އެގޮތަށް ފަސްކޮށް ދިނުމަށް އެދޭ ސަބަބެއް ކަމަށް ސިޓީގައި ބުނެފަނީ މިވަގުތަކީ އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ބުނާ ގުދުރަތީ ކާރިސާއެއް މެދުވެރިވެފައިވާ ހާލަތަކަށް ވާތީ އެވެ.
އަމަލުކުރުން ފަސްކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އެދިވަޑައިގެން 32 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ދައުލަތުގެ މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަހުގެ ތެރޭގައި އެފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގޭނީވެސް ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.
އެ މާއްދާއަށް އަމަލުކުރުން ފަސްކޮސްފި ނަމަ ވަކި މުއްދަތެއް ނެތް ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ދަރަންޏަށް ފައިސާ ނެގޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ނަގާއިރު ލިމިޓެއް ނެތި ދަރަންޏަށް ފައިސާ ނެގޭނެ ކަމަށްވެސް ބެލެވެ އެވެ.
އޭގެ އިތުރުން ދެން ފިނޭންސް މިނިސްޓަރު ފަސްކޮށްދޭން އެދިވަޑައިގަތީ 32 ވަނަ މާއްދާގެ (ރ) އަދި އަދި ހަމަ އެ މާދާގެ (ބ) އެވެ. އެމާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުން ދަރަންޏަށް ފައިސާ ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރުކުރެވޭނެ ވަސީލަތްތައް ހޯދުމަށް އެކަނި ކަމަށެވެ. 1 ޖެނުއަރީ 2016 ވަނަ ތާރީހުން ފެށިގެން ދައުލަތުގެ ދަރަނި އަދާކުރުމަށް ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.
އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖް ކުރުމުގެ ބޭނުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމުގެ ބޭނުމަށްޓަކައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް މަރުކަޒީ ބޭންކުން ދައުލަތަށް ފައިސާ ނެގޭނެ ކަމަށެވެ. އެ ދެ މާއްދާއަށް އަމަލު ކުރުން ހުއްޓާލުމަށް ފާސް ކުރުމަށްވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.
ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކޮވިޑް 19 ގެ ސަބަބުން ގައުމަށް ދިމާވެފައިވާ މާލީ އަދި އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްްދާގައި ކަނޑައަޅާފައިވާ ބައެއް ފިސިކަލް ހަމަތަކަށް އަމަލު ކުރުމަކީ އިގްތިސާދީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި ދެންނެވި ފިސިކަލް ހަމަތަކަށް އަމަލުކުރަން އުޅެފި ނަމަ. ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށާއި ދައުލަތުގެ ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވުމުގެ ބިރު އޮތްކަމުގައި ދަންނަވަން." ފިނޭންސް މިނިސްޓަރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި މާލިއްޔަށް ވަރަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށް ސިޓީގައި މިނިސްޓަރު ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އަންއެމްޕްލޯއިމެންޓް ރޭޓް ވަރަށް ބޮޑަށް މައްޗަށް ގޮސް ވިޔަފާރިތަކަށް ބޮޑު ލޮޅުމެއް އައިސްފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެ ސިޓީއާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި މާދަމާ ބަހުސް ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމާފަ އެވެ.