ލ. ގަމު އައްސޭރި ސަރަހައްދުގައި ހޮޓާ އެޅުމުގެ މަޝްރޫއު ޖޭ ހޮޓެލްސް އަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އިން ނިންމުމަށް ފަހު އެ ކުންފުންޏަށް އެ ތަން ނުދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ޖޭ ހޮޓެލްސް އިން ނިންމައިފި އެވެ.

ޖޭ ހޮޓެލްސް އެންޑް ސުޕާގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ ޖާބިރު މިއަދު ސިންގަޕޫރުގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ މައްސަލާގައި ކޯޓަށް ދިއުމަށް ނިންމެވީ ސަރުކާރުން އައްސޭރި ހޮޓާ އަޅާ ބިން އެ ކުންފުންޏަށް ދިން ކަމަށް ލިއުމުން އެންގުމަށް ފަހު ޖެހިގެން އަންނަ ދުވަހު، ސަބަބަކާ ނުލައި އެތަން ވަކިކުރުމުން އިންސާފު ހޯދަން ކޯޓަށް ދިއުއުން ނޫން ގޮތެއް ނެތިގެން ކަމަށެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގައި އޮންނަނީ "ކުޅޭ ކުޅޭ ވަޒީރުންގެ މަޖިލީހެއް"ކަމަށާއި ދެ ދުވަހު ދެގޮތަށް ކަންކަން ނިންމާ އިރު އިންވެސްޓަރުންނަށް ލިބޭނެ ގެއްލުންތަކާ ބެހޭ ގޮތުން ކުޑަކޮށް ވެސް ސަރުކާރުން ނުވިސްނާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ލ. އައްސޭރި ސަރަހައްދަށް ބިޑުކޮށް، ބިން އެ ކުންފުންޏަށް ލިބުމުން އޭނާ ސިންގަޕޫރާއި މެލޭޝިޔާ ފަދަ ގައުމުތަކަށް ދަތުރުކުރައްވައި އިންވެސްޓްކުރާނެ ފައިސާ ހޯދުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް ތަން އެ ކުންފުންޏަށް ނުދޭނެ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމުމުން ވަރަށް ބޮޑަށް ހައިރާންވި ކަމަށާއި އަދި ލިބުނު ގެއްލުން ވެސް އިންތިހާ އަށް ބޮޑު ކަމަށެވެ.

އައްސޭރި ހޮޓާ ޖޭ ކުންފުންޏަށް ދިނުމަށް ސަރުކާރުން ފުރަތަމަ ނިންމީ، ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ގޮތަށެވެ.

ޖޮއިންޓްވެންޗާ އެގްރީމަންޓް ހެދުމަށް ދެ ފަރާތުން އެއްބަސްވުމަށް ފަހު ތަން ނުދޭން ނިންމި މައްސަލައަކީ އެމްޑީޕީގެ ބާރުގަދަ ބަޔަކު ރައީސް ނަޝީދަށް ޕްރެސަރުކޮށްގެން ކުރި ކަމެއް ކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވީ ލ. އައްސޭރި މައްޝްރޫއު އޭނާ ތަރައްގީ ކުރަން މަސައްކަތް ކުރީ، ރާއްޖޭގައި މެދުފަންތީގެ ޓޫރިޒަމަށް އޮތް ދޮރު ފުޅާ ކުރުމަށް ކަމަށާއި މަޓާޓޯ އިން ވެސް އެކަމަށް ގޮވާލާތީ ކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނާ އެމްޑީޕީގައި ހުންނެވިއަސް، ބުނަން ޖެހޭ ވާހަކަތައް ބުނާނެ ކަމަށާއި "މި ސަރުކާރުގެ އިގްތިސާދީ ޕޮލިސީ ވަނީ ފެއިލްވެފައި" ކަމަށެވެ. އަދި ވިދާޅުވީ އެކޮނަމިކް މިނިސްޓަރަކަށް މަހަމޫދު ރާޒީ ހުންނަވައިގެން "މާކެޓް ފްލަޑްވާ ވަރަށް" ވަރިވަރިއަށް ރިސޯޓް ހަދާނެ ރަށްތައް ދޫކުރުމަކީ އިގްތިސާދު އިނދަޖެހިދާނެ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމުގެ އިގްތިސާދު ރަނގަޅުވެ، ގިނަ ބަޔަކަށް ވަޒީފާތައް ލިބޭނީ ކުރިން ހަދާފައިވާ އިންވެސްޓްމަންޓްތައް ވެސް ދެމިހުންނާނެ ގޮތެއްގެ މަތީން އަދި ޕޮލިސީތަކުގައި "ކޮންސިސްޓެންސީއެއް" ހުރެގެން ކަމަށާއި މި ސަރުކާރުން ކުރާ ކަންކަމުގައި އެ ކޮންސިސްޓެންސީ އެއްގޮތަކަށް ވެސް ނުހުންނަ ކަމަށެވެ. އަދި ވިދާޅުވީ ވަޒީރުންގެ މަޖިލީހަކީ "ދިރިދިރި އޮންނަ އެއްޗެއް ކަމަށް" ރައީސް ވިދާޅުވާ ވާހަކަ ގަބޫލުކުރައްވަން އުނދަގޫ ކަމަށެވެ. އެއީ ދިރިދިރި އޮންނަ ތަނެއް ނަމަ، އެފަދަ ނިންމުންތައް ނުނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްސޭރި ޕްރެޖެކްޓް 50 އަހަރަށް ޖޭ ހޮޓެލްސް ދޭން ނިންމުމަށް ފަހު އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުނުކުރާ ގޮތަށް ނިންމީ މިދިޔަ މަހުގެ ފަހުކޮޅު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރުމަށް ފަހު އެވެ. އެހެން ނަމަވެސް، އެ މަޝްރޫއު ޖޭ ހޮޓެލްސް އަތުން ނެގީ ކީއްވެގެން ކަމެއް ސަރުކާރުން ބުނެފައެއް ނުވެ އެވެ.

ލ. އައްސޭރި ސަރަހައްދު ތަރައްގީ ކުރުމަށް ނިންމާފައި ވަނީ، ޓޫރިޒަމުން ބުނި ގޮތުގައި25 ހެކްޓަރުގެ ސަރަހައްދެއްގައި 1،500 އެނދު ތަރައްގީކުރުމަށެވެ. އަދި300 އެނދުގެ ދެ ހޮޓަލާއި 79 ގެސްޓް ހައުސް އާއި ރެސްޓޯރެންޓްތަކާއި ސްޕާގެ އިތުރުން ކުޅިވަރު ކުޅޭނެ ވަސީލަތްތައް ތަރައްގީކުރުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.