22 Apr 2020, 11:49
ބޭރު ގައުމުތަކުގައި ތިބި 78 މެޑިކަލް ދަރިވަރުން ކަރަންޓީންގެ 14 ދުވަސް ނިންމައި، ހިދުމަތަށް ނުކުންނަން ތައްޔާރުވަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.
މިދިޔަ މާޗް މަސް ތެރޭ ސަރުކާރުން ވނީ، ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައި އިތުރު ސިއްހީ ހިދުމަތް ތެރިން ބޭނުންވާނެތީވެ، ބޭރު ގައުމުތަކުގައި ތިބި ދިވެހިން މެޑިކަލް ދަރިވަރުން ރާއްޖެއައުމަށް އެދިފަ އެވެ. އަދި އެގައުމުގެތަކުގެ އެހީތެރިކަމާއެކު އެ ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ.
ރޭ ދަރުބާރުގޭ، އެންއައިއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް 128 ދަރިވަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 78 ދަރިވަރުން މިހާރު ކަރަންޓިންގެ މުއްދަތު ނިމިފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެެވެ.
"މީގެތެރެއިން ގިނަ އަދަދެއްގެ ބޭފުޅުން އަޅުގަނޑުމެންނާއެކު އައިޖީއެމްޗްގައި އަދި މެޑިކަލް ކަލަސްޓާގައި، އެންއައިއޯސީ ތެރޭގައި މަސައްކަތް ކުރަމުން އެބަދޭ. މި ކުދިންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ،" މަބްރޫކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ބަންގްލަދޭޝް އަދި ނޭޕާލުން އައި 46 ދަރިވަރަކު މިވަގުތު ކަރަންޓީންގައި އެބަތިބި ކަމަށެވެ.
މުޅި ރާއްޖޭގައި މިވަގުތު ތިބި ޑޮކްޓަރުންގެ އަދަދަކީ 2،000 އެއްހާ ޑޮކްޓަރުންނެވެ. އޭގެ ތެރެއިން މިވަގުތު ކޮވިޑްއަށް އެންއައިއޯސީގައި މަސައްކަތް ކުރެވޭނެ ޑޮކްޓަރުންގެ އަދަދަކީ، 905 މީހުންނެވެ. ނަރުހުންގެ އަދަދަކީ، މުޅި ރާއްޖޭގައި 2،970 ނަރުހުންނެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ ބޭރުގެ ބައެއް ސިއްހީ މާހިރުންގެ ޓީމްތައްވެސް ރާއްޖެ ގެންނަމުންނެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހުވެސް ބަންގްލަދޭޝް އިން 10 މީހުންގެ ސިއްހީ މާހިރުންގެ ޓީމެއް ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ ކުރިން އިންޑިއާގެ ޓީމެއް ވެސް ރާއްޖެ އައިސްފައިވެ އެވެ.
އާންމުންގެ ތެރޭގައި މި ވައިރަސް ފެތުރިގެންފައިވާއިރު، އެންމެ ފުރަތަމަ މާލެއިން ވައިރަހުގެ ކޭސްއެއް ފެނިފައިވަނީ މި މަހު 15 ވަނަ ދުވަހު އެވެ. އެފަހުން، ވޭތުވެދިޔަ ހަފްތާއެއްތެރޭ މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ، 66 އަކަށް އަރާފަ އެވެ. ރާއްޖެއަށް އޮތް ބިރަކީ، ދުވަހެއް ދުވަހަކަށް ފެންނަމުންދާ ކޭސްތައް އިތުރުވެ، ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކުތާވަރަށް މީހުންނަށް ފަރުވާ ދޭން ޖެހުމެވެ.