ޔޫރޮޕުގައި މިހާރު ކުރިއަށްދާ ޑޮމެސްޓިކް ލީގުތައް ނުނިމިއްޖެ ހާލަތެއްގައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށާއި، ޔޫރޮޕާ ލީގުގެ ކޮލިފިކޭޝަން ގައިޑްލައިންއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ޔޫއެފާއިން ބުނެފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން މުޅި ޔޫރޮޕް ފުުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވާ އިރު އަލުން އަނބުރާ ކުޅުން ފެށޭނެ ތާރީހެއް އަދިވެސް ނޭންގެ އެވެ. އެހެން ކަމުން މިއަހަރު ކުޅުމަށް ކުރިން ހަމަޖެހިފައި އޮތް ޔޫރޮޕް ބައްރުގެ ބޮޑު މުބާރާތް ކަމަށްވާ ޔޫރޯ ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

އަދި މިހާރު ކުރިއަށްދާ ސީޒަނުގެ ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގުގެ މެޗުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އަދި މިހާތަނަށް ވެސް ފުޓުބޯޅަ އަލުން ފެށޭނެ މާހައުލެއް ނެތުމުން މުބާރާތްތައް ކެންސަލް ކުރުމަށް ވެސް ޔޫއެފާއިން ވާހަކަ ދައްކަމުން އަންނަ އިރު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ލީގުތައް ނިންމާ ނުލެވިއްޖެ ނަމަ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިން ވަނީ ބުނެފަ އެވެ.

އެހެން ކަމުން ލީގުތައް ނިންމޭނެ ހާލަތެއް އޮތް ނަމަ ސަޕޯޓަރުން ނުވައްދާ ކުޅެގެން ވިޔަސް މެޗުތައް ކުޅުމަށް ޔޫއެފާއިން ކުރި ވާހަކަ ދެއްކި ނަމަވެސް ގައުމުތަކުގެ ލޮކްޑައުން މުއްދަތު އިތުރު ކުރުމުން އެގޮތަށް ވެސް ކުރިއަށް ނުގެންދެވޭނެ ކަން ޔޫއެފާއަށް ވަނީ ޔަގީންވެފަ އެވެ. އަދި އެކަންކަމާ މެދު މަޝްވަރާ ކުރުމަށް ޔޫއެފާއިން ވަނީ ޔޫރޮޕުގެ 55 ގައުމުގެ ފުޓުބޯޅަ އިސްވެރިންނާ އެކު ވީޑިއޯ ކޮންފަރެންސެއް ބާއްވާ ނިންމުމްތަކެއް ނިންމާފަ އެވެ.

"ޔޫއެފާއިން ވަނީ 55 ގައުމުގެ ރިޕްރެޒެންޓޭޓިވުންނާ އެކު ވީޑިއޯ ކޮންފަރެންސެއް ބާއްވާ، މާޗަގެ ކުރީކޮޅުން ފެށިގެން ހުއްޓުން އަރާފައިވާ އިންޓަނޭޝަނަލް ފުޓުބޯޅައާއި ކްލަބް ފުޓުބޯޅައަށް ގޮތެއް ނިންމުމަށް ވާހަކަ ދެކެވިފައި،" ޔޫއެފާއިން އިއްޔެގެ ވިޑިއޯ ކޮންފަރެންސަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޔޫއެފާއިން ބުނީ، ނުނިމު ހުރި ލީގުތަކާއި އިންޓަނޭޝަނަލް މެޗުތައް ކުރިއަށް ގެންދެވޭނެ ތާރީހުތަކެއް ކަނޑައެޅުމަށް ގިނަ ވާހަކަތަކެއް ބައްދަލުވުމުގައި ދެކެވުނު ކަމަށެވެ. އެހެން ނަމަވެސް ބައެއް ގައުމުތަކުގެ ހާލަތު ގޯސްވެފައި ފުޓުބޯޅަ ފެށޭނެ ތާރީހެއް އިނގެން ނެތުމުން އެކަމަށް ހައްލެއް ހޯދުމަށް ވާހަކަ ދެކެވުނު ކަމަށެވެ.

އަދި ގައުމުތަކުގެ އިއްތިފާގުން މުބާރާތްތައް ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއްގައި ކޮލިފިކޭޝަން ގައިޑްލައިނެއް ހެދުމަށް ނިންމާފައިވާ ކަމަށް ޔޫއެފާއިން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެ ގައިޑްލައިންއަށް ބަލައި ލީގުތަކުން ރެލިގޭޓް ވާނެ ޓީމުތަކާއި ޗެމްޕިއަންކަން ލިބޭނެ ޓީމުތައް އިނގިގެންދާނެ އެވެ.