22 Apr 2020, 11:51
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އިން އަރައިގަތުމަށް ތައްޔާރުވުމަށް ކުރާ މަސައްކަތާ އެއްވަރަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އާތު ޑޭގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ދިމާވަމުން އަންނަ ކާރިސާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި މޫސުމީ ކާރިސާތަކާއި ކޮވިޑް19 ފަދަ ސިއްހީ ކާރިސާތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުުމުތަކުގެ ހާލަތު އިތުރަށް ނާޒުކުވެގެންދާ ކަމަށެވެ.
"ކޮވިޑް19 ފަދަ ޕެންޑެމިކް ތަކަށް ތައްޔާރުވާ ފަދައިން، ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ ކާރިސާތަކަށް ވެސް ދުރާލާ ތައްޔާރުވެ ތިބެންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"އާތު ޑޭ" ގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 22 ވަނަ ދުވަހެވެ. އާތު ޑޭ ފާހަގަ ކުރަނީ މި ޒަމާނުގެ ތިމާވެށީގެ ހަރަކާތްތަކުގެ ފެށުން ފާހަގަ ކުރާ ދުވަހެއްގެ ގޮތުގަ އެވެ.