ލަންޑަން (އޭޕްރިލް 21): ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ވެކްސިން އިންސާނުންނަށް ދީގެން ޓެސްޓު ކުރުން މާދަމާ ފެށޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

އިނގިރޭސި ހެލްތް ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ބަލިކޮށްލެވޭނެ އެންމެ ރަނގަޅު ގޮތަކީ ވެކްސިނެއް އުފައްދައިގެންނެވެ. އަދި އެގައުމުގެ ސަރުކާރުން ދަނީ ވެކްސިނެއް އުފެއްދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ.

ހެންކޮކް ވިދާޅުވި ގޮތުގައި އެގައުމުގައި ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގައި އެންމެ ކުރީގައި އުޅެނީ ދެ ޔުނިވާސިޓީއެކެވެ. އެއީ އިމްޕީރިއަލް ކޮލެޖް ލަންޑަން އާއި އޮކްސްފޯޑް ޔުނިވާސިޓީ އެވެ. އަދި އެ ވެކްސިންތައް ޓެސްޓު ކުރުމަށް ދެ ޔުނިވާސިޓީއަށް ސަރުކާރުން 52 މިލިއަން ޑޮލަރު ދޭނެ އެވެ.

ވެކްސިން އުފެއްދުމަށް މަސައްކަތް ކުރާ އޮކްސްފޯޑްގެ ޓީމުން ވަނީ ވެކްސިން ތައްޔާރު ކުރުމުގައި "ހުރިހާ ކަމެއްވެސް ރަނގަޅަށް ގޮސްފި ނަމަ އަންނަ ސެޕްޓެމްބަރު މަހާ ހަމަޔަށް ވެކްސިން އުފެއްދޭ ވަރު" ވާނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސިވިލާތުން މިހާރު ވަނީ ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބައްޔަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ ބޭސް ޓެސްޓު ކުރުމުގެ އެންމެ ބޮޑު ޓްރައަލްވެސް ފަށާފަ އެވެ. އެ ޓްރައަލްގައި 165 ހޮސްޕިޓަލަކުން 5،000 ބަލި މީހުން ބައިވެރިވާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި އެކި ގައުމުތަކުގައި ކޮރޯނާވައިރަހަށް 70 ވެކްސިނެއް މިހާރު ދަނީ ޓެސްޓު ކުރަމުންނެވެ.