19 Dec 2011, 17:43
އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީއަށް ޑީއާރްޕީގެ މަޖިލީހުގެ މެންބަރުން ރުހުން ދިނުމަކީ ސަރުކާރާއި ޑީއާރްޕީއާ ދެމެދު ހަދާފައިވާ ޑީލެއްގެ ހެއްކެއް ކަމަށް ޕީޕީއެމުން މިއަދު ތުހުމަތުކޮށްފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާދެއްވުމަށް ފަހު އަލުން އެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. މަޖީދަށް ރުހުން ނުދޭނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެފައި ވަނިކޮށް، ޑީއާރްޕީގެ މަޖިލިސް ބައެއް މެންބަރުން ޑރ. މަޖީދަށް ރުހުން ދިނުމުން ޑީއާރްޕީން އެމްޑީޕީއާ އެކު ޑީލްތަކެއް ހަދަމުން ދާކަން ކަށަވަރުވެއްޖެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނާ އެކު ޑރ. މަޖީދަށް ރުހުންދޭން ފެންނަ ކަމަށް ވޯޓްދެއްވީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަދި ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒާއި ޑީއާރްޕީގެ ޕާލިމެންޓް ގުރޫޕްގެ މެންބަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އަދި އަދި ކުރިން ޑީއާރްޕީގައި ހުންނެވުމަށް ފަހު މިހާރު މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު (އަލިބެ) ވެސް ޑރ. މަޖީދަށް ރުހުންދޭން ފެންނަ ކަމަށް ވޯޓް ދެއްވި އެވެ.
އިލްހާމް ވިދާޅުވީ ސަރުކާރާ ދެކޮޅަށް މަޖިލީހުގައި ވޯޓް ދޭނެ ކަމަށް ޑީއާރްޕީން ބުނި ނަމަވެސް އެ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއް ކަމަށެވެ. ޑރ. މަޖީދަށް ޑީއާރްޕީގެ ބައެއް މެންބަރުން ރުހުންދޭން ފެންނަ ކަމަށް ވޯޓް ދެއްވި އިރު، މީގެ ކުރިން ޓެކުހުގެ ބިލް ފާސްކުރި އިރު ވެސް ޑީއާރްޕީން ސަރުކާރާ ދެމެދު ޑީލް ހަދާފައިވާ ކަމަށް އިލްހާމް ތުހުމަތު ކުރެއްވެވި އެވެ.
"ކުރިން ވޯޓް ނެގި ޓެކުސް ބިލުގައި ޑީއާރްޕީން ސަރުކާރާއި އެއްކޮޅަށް އެދުވަހު މަސައްކަތްކުރީ. އެ ދުވަހު ރާމިޒް ރާއްޖެ އިން ބޭރަށް ފުރުވާލީ. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދަށް ކާޑްޖަހަން ނޭނގުނީ. ދެ ވޯޓުން އެދުވަހު ވެސް ޓެކުސް ބިލް ސަރުކާރަށް ކާމިޔާބް ކުރެވުނީ. މިއަދު އަނެއްކާ ޑީއާރްޕީގެ މެންބަރުން ސަރުކާރާ އެއްކޮޅަށް ވޯޓް މިދިނީ،" އިލްހާމް ވިދާޅުވި އެވެ.
ޑރ. މަޖީދަށް މަޖިލީހުގެ ރުހުން ލިބުނީ މިއަދުގެ ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން 38 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ޑރ. މަޖީދަށް ރުހުން ދޭން ނުފެންނަ ކަމަށް 35 މެންބަރަކު ވޯޓްދެއްވި އެވެ.