22 Apr 2020, 09:12
ކޮވިޑް19 އާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި އިއްޔެ ހިންގަން ފެށި ކާފިއުއާ ހިލާފުވާ ފަރާތްތައް 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.
އިއްޔެ މެންދުރު 12:00އިން ފެށިގެން 72 ގަޑިއިރަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފައި ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކު ދަތުރުކުރި ބޯޓެއް އެ ސިޓީގައި މަޑުކޮށް، އެ މީހާއާ ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓުވެފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ކުޅުދުއްފުށި ކައުންސިލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކާފިއު އިއުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އަދި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.
އެގޮތުން އެންގުމާ ހިލާފުވާ ފަރާތްތައް، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދުކަން ޖޫރިމަނާ ކުރުމަށް ލިބިދޭ ބާރުގެ ދަށުން އަމަލު ކުރުމުގެ އިހްތިޔާރު ކައުންސިލަށް ލިބިފައިވާކަމަށް ބުނެފައިވެ އެވެ.
ކުޅުދުއްފުށި ކައުންސިލުން ވަނީ މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކޮށްފަ އެވެ.
ކުޅުދުއްފުށި ލޮކްޑައުން ކުރީ، ހއ. އުލަގަމުން ބައްޔަށް ޕޮޒިޓިވްވި މީހާ އެރަށަށް ފައިބާ، ގިނަ ބަޔަކާ ބައްދަލުވެފައި ހުރުމުންނެވެ.
އޭނާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި ކަނޑުބޯޓެއްގައި އުލިގަމަށް ދިޔަ އެ ރަށު މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން، އުލިގަމާއެކު އެ ބޯޓުން މީހުން ފޭބި ރަށްތައް ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
މާލޭގައި ިބަލި ފެތުރެން ފެށި ފަހުން ވެސް، މާލެއިން ކުޅުދުއްފުށްޓަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށްފައި ވާތީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން، އެ ސިޓީއަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ގެއިން ނުކުތުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.