ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ އިތުރު ދެ ދިވެހިން މާލެއިން ފެނިފައިވާކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ހާމަކުރި ގޮތުގައި އެ ދެ ދިވެހިންނަކީ ވެސް ވައިރަހުގެ އަލާމާތްތައް ހުރެގެން، ފްލޫ ކުލިނިކަށް ގޮސް ޓެސްޓް ހެދުމުން ބައްޔަށް ޕޮޒިޓިވްވި ދެ ފަރާތެކެވެ. އަދި އެ މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

މާލޭގެ ކޮމިއުނިޓީ ސްޕްރެޑްގެ ފުރަތަމަ ކޭސް މިމަހުގެ 15 ވަނަ ދުވަހު ރިޕޯޓްކުރި ފަހުން، މާލެއިން ފެނުނު ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މި ވަނީ 66 އަށް އަރައިފަ އެވެ. މިހާތަނަށް މުޅި ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު، 86 އަށް އަރަ އެވެ.

މިހާތަނަށް މާލެއިން ބޭރުން ކޭހެއް އަދި ފެނިފައި ވަނީ ހއ. އުލިގަމުން އެކަންޏެވެ.

މާލޭގައި ވައިރަސް ވަރަށް ބޮޑަށް ފެތުރި ކޮންމެ ދުވަހަކު އަންނަނީ ގިނަ ކޭސްތަކެއް މާލެއިން ފެންނަމުންނެވެ. އިއްޔެ އެކަނިވެސް 17 މީހަކު ވަނީ، ވައިރަށް ޕޮޒިޓިވްވި އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް، މާލޭ ސަރަހައްދުގައި މީހުން ބޭރަށް ނުކުތުމާ އަދި ލަފާކުރުން މަނާކޮށް މާލޭ ސަރަހައްދު މިހާރު އޮތީ ލޮކްޑައުންގެ ހާލަތަށް ގެނެސްފަ އެވެ. އަދި މުޅި ރާއްޖޭގައިވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ ކުރުމާއި، ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މިހާރު ހުއްޓާލައިފަ އެވެ.