21 Apr 2020, 23:55
ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީ ލޮކްޑައުންއަށް ގެނައުމާއެކު ވެސް ގަވާއިދާ ހިލާފަށް ބޭރުގައި އުޅުނު 38 މީހެއް މިއަދު އެކަނިވެސް ޖޫރިމަނާކޮށްފައިވާއިރު، އިތުރަށް ބޭރަށް ނިކުމެ އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އިސްމާއިލް ނަވީން ވިދާޅުވީ އިތުރު ތަހުގީގަށް ހައްޔަރުކޮށްފައިވަނީ މީގެކުރީން ޖޫރިމަނާކުރުމަށްފަހުގައިވެސް ބޭރަށް ނިކުމެގެން އުޅުނު މީހުން ކަމަށެވެ.
ނަވީން ވިދާޅުވީ މާލޭގައި ލޮކްޑައުން އިއުލާންކުރުމަށްފަހު މިހާތަނަށް ޖުމްލަ 209 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ލޮކްޑައުންގެ ވަގުތުގައި މާލޭގެ މަގުތަކުގައި ތިބި 71 މީހަކު ފެނިފައިވާ ކަމަށާއި ބިދޭސީން ބެހެއްޓުމަށް ހަދާފައިވާ ވަގުތީ ފެސިލިޓީއަށް އެމީހުން ގެންގޮސްފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.
ނަވީން އިތުރަށް ވިދާޅުވީ، އިތުރަށް ދިރުއުޅޭނެ ތަނެއް ނެތިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 44 މީހުން ހިމެނޭ ކަމަށެވެ. އޭގެތެރޭގައި އެއް އަންހެނެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ފަރާތްތަކަށްވެސް އަޅުގަނޑުމެން މިދަނީ ކާބޯތަކެއްޗާއި އެހީތެރިކަމާއި އެއްބާރުލުން ދީގެން އެކަންތައްތައް ފޯރުކޮށްދެމުން،" ނަވީން ވިދާޅުވި އެވެ.