19 Dec 2011, 16:37
ސ. މަރަދޫގެ ތިން ގެއަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތައް ވަގަށް ނެގި ކަމުގެ ތުހުމަތުގައި 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އައްޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ ފޭދޫ އާރުޒޫގޭ ޔާސީން ހާމިދު، 18 ކަމަށެވެ.
ފުލުހުން ބުނީ އެތަކެތި ފެނިފައި ވަނީ ޔާސީން ދިރިއުޅޭ އާރުޒޫގޭގެ ކޮޓަރި ތެރެއިންނާއި އިތުރު ގެއެއްގެ ތެރޭގައި ވަޅުލާފައި ހުއްޓައި ކަމަށެވެ.
އެގޮތުން ގިނަ އަދަދެއްގެ ފޯނާއި ލެޕްޓޮޕާއި ކެމެރާ ފަދަ ތަކެތި އެގޭގެ ތެރޭގައި ފޮރުވާފައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.
ޔާސީން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އޭނާގެ ކޮޓަރި ތެރެއިން ފެނުނު އިލެކްޓްރޯނިކް ސާމާނުތައް ވެރިފަރާތާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.