މާލެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމާއެކު ލޮކްޑައުން އަށް ގެނައި އިރު އެންމެ އެކަށީގެންވާ ނަތީޖާތަކެއް ފެނިފައި ނުވި ނަމަވެސް މިހާރު ލޮކްޑައުން ވަރަށް އިފެކްޓިވް ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިހާރު ނަގާފައިވާ އިތުރު ފިޔަވަޅުތަކާއެކު ލޮކްޑައުން ވަރަށް ވަރުގަދަ ކަމަށެވެ.

"އަޅުގަނޑުމެން ފެށިއިރު ފަހަރެއްގައި އަޅުގަނޑުމެންގެ، އެންމެ ފުރަތަމަ ލޮކްޑައުންގެ ހާލަތައް ގެނައުމަށް ގޭގައި ތިބުމަށް އިރުޝާދުތައް ދިން އިރު، އޭރު ހަގީގަތުގައި ބޮޑަށް އެކަން ކަމަށް އާންމުންގެ ސަމާލުކަން ދެވިފައި ނުވަނީ. އެހެންނަމަވެސް މިހާރު ބަލާނަމަ ވަރަށް ސްޓްރޯންގްކޮށް ލޮކްޑައުން މިދަނީ،" އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާރު ފެންނަ ކޭސްތަކަކީ ގިނަ ބަޔަކު އުޅޭތަނަކުން އެތަނުގައި އުޅޭ އެންމެނަށް ފެންނަ ފަދަ ކޭސްތަކެއް ކަމަށެވެ. އެފަދަ ކޭސްތަކަކީ އެހެން ދިމާލެއްގެ ކޭސްއަކާ ގުޅިފައިވާ ކޭސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންވީ މި ދުވަސްކޮޅު އެއް ކޮންޓެކްޓުން އަނެއް ކޮންޓެކްޓަށް އެ ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަވެފައިވާތީ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.