22 Apr 2020, 00:03
ދެ ކްލަސްޓާއަކުން 190 ކޮންޓެކްޓު އަދި މިއަދު ޕޮޒިޓިވްވި 17 ކޭސްއިން 181 ކޮންޓެކްޓު ދެނެގަނެވިއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިއަދު މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި 17 މީހުންނާ ކޮންޓެކްޓުވި 181 މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރެއިން ކޭސް 76، 77 އަދި 78އާ ގުޅޭ ދެ ކްލަސްޓާއެއް އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން އެއް ކަލަސްޓާއިން 50 ކޮންޓެކްޓުން ދެނެގަނެވިފައިވާ އިރު އަނެއް ކްލަސްޓާއިން 140 ކޮންޓެކްޓު ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޭސް 76 ،77، އަދި 78 މި ކޭސްތަކާ ގުޅުން ހުރި ދެ ހަބެއް އެބަ ފެނިފައިވޭ. މި ހަބްތަކުގައި އުޅޭ މީހުންނަށް ބަލާއިރު 50 މީހުންނާއި 140 މީހުންނާ އެބަ އުޅޭ އެންހެންވީމަ މިއީ ފުދޭވަރަކަށް ބޮޑު ކޮންޓެކްޓު ހަބަކަށް ވެގެންދާނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
މިއަދު ޕޮޒިޓިވްވި އެހެން ކޭސްތަކާ ގުޅުންހުރި ކޮންޓެކްޓުތަކުގެ އަދަދުތައް:
ކޭސް 68: 8 ކޮންޓެކްޓުން
- ކޭސް 69 (ސިފައިންގެ މީހާ): 41 ކޮންޓެކްޓުން
- ކޭސް 70، 71، 72: މި ކްލަސްޓާއިން 34 ކޮންޓެކްޓުން
- ކޭސް 73 (ކޭސް 78 އަކާ ގުޅުންހުރި މީހެއް): 4 ކޮންޓެކްޓުން
- ކޭސް 74، 75 (ކޭސް 36އަކާ ގުޅުންހުރި އަމީން ހިޔާ ކޮންސްޓްރަކްޝަންގެ މުވައްޒަފުންތަކެއް): ތިން ކޮންޓެކްޓުން (ދެ ކޮންޓެކްޓުން ޕޮޒިޓިވް)
- ކޭސް 79 (ކޭސް 31 އަކާ ގުޅުންހުރި ޑެންޓަލް ކްލިނިކަކުން އިމްޕޯޓުވި ކޭސްއެއް): އަދި ކޮންޓެކްޓެއް ނެތް
- ކޭސް 80 (ބޭކް އޮފް ސިލޯންގެ މީހެއް): 14 ކޮންޓެކްޓް
- ކޭސް 81: 20 ކޮންޓެކްޓް
- ކޭސް 82: އަދި ކޮންޓެކްޓެއް ނެތް
- ކޭސް 83: 15 ކޮންޓެކްޓު
- ކޭސް 84: 4 ކޮންޓެކްޓެއް
"މުޅި ޖުމްލަ އަށް ބަލާއިރު 181 ކޮންޓެކްޓް ޓްރޭސިން. އެއީ ހަބްގައި ތިބި 140 މީހުންނާއި 50 މީހުންގެ އިތުރުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 84 އަށް ވަނީ އަރައިފަ އެވެ.
މާލެއިން ކޭސްތައް ފެންނަން ފެށުމުން މާލެ ސަރަހައްދު ލޮކްޑައުންކޮށް 24 ގަޑިއިރުގެ ކާފިއު ހިންގަން ވަނީ ފަށައިފަ އެވެ. އޭގެ އިތުރުން މުޅި ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ.